ލަންޑަން (ޖެނުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީން 11 ޕޮއިންޓަށް ލީޑުފުޅާކުރުމުން އެ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބުނީ ކަމަށް ޓީމުތަކުން ނިންމައި ތަށި ހަވާލުކޮށްފިނަމަ ދިވެހިރާއްޖެ އަށް ޗުއްޓީ އަކަށް ދާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީ މިހާތަނަށް ލީގުގައި 21 މެޗު ކުޅުނުއިރު، ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ.
މިރޭގެ މެޗަށް ފަހު އޮތް އިންޓަވިއުގައި ނޫސްވެރިޔާ ގާޑިއޯލާ ގާތުގައި އެހީ ސިޓީ އާ އަހަރު ފެށިއިރު، 11 ޕޮއިންޓް ކުރީގައި އޮތުމުން ގިނަ ޓީމުތަކުން ބުނަމުންދާ އެއް ވާހަކަ އަކީ ސިޓީ ލީގު ޗެމްޕިއަންކަން ހޯދީ ކަމަށާއި އެކަމާ މެދު ގާޑިއޯލާ ދެކެނީ ކިހިނެއްތޯ ކަމަށެވެ.
ގާޑިއޯލާ އެ ސުވާލަށް ދިނީ މަޖާޒީ ޖަވާބެކެވެ.
"އަހަންނަށް ދީ، އަހަރެމެންނަށް ދީ ލީގު ތަށި. އޭރުން އަހަރެމެން ދިވެހިރާއްޖެ އަށް ދާނަން ޗުއްޓީ އަކަށް. އެކަމަކު، އެއީ އެއް ނޫން އެކަން ވާނެ ގޮތަކީ. އަދިވެސް އަހަރެމެން ގިނަ ޕޮއިންޓްތަކެއް ޙޯދަން ކުޅެން ޖެހޭ. އަހަންނަށް ނޭނގޭ 38 ނޫނީ 51 ޕޮއިންޓް ކަމެއް. މިއީ އަހަރެމެން ތައްޔާރުވާން އެކަށީގެންވާ ވަގުތެއް ނުލިބި ކުޅުނު މެޗެއް. އެހެންވެ، އުނދަގޫވާނެ ކަން އެނގޭ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ދެ ވަނައިގައި އޮތް ޗެލްސީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލް އަދި ލީގުގެ ރޭހުން ބޭރުވީ ކަމަށް ނުނިންމޭނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެކި ބްރޭކްތަކުގައި ގާޑިއޯލާ ޗުއްޓީ ހޭދަކުރަން ރާއްޖެ އާދެ އެވެ. މީގެ ކުރިން ވެސް ގާޑިއޯލާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމާޒުވި ސުވާލަކަށް ދިން ޖަވާބެއްގައި ރާއްޖޭގެ ވާހަކަ ދައްކައިފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ނޫސްވެރިއަކު ގާޑިއޯލާ ގާތުގައި އެހީ ސިޓީ އަށް ފަހު އިނގިރޭސި އެހެން ކްލަބަކަށް ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބިއްޖެނަމަ ބޭނުންހިފާނެތޯ އެވެ. އަދި އެ ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑް ކަމަށްވެއްޖެނަަމަ ގާޑިއޯލާ ނިންމާނީ ކިހިނެއްތޯ އެވެ. ގާޑިއޯލާ ބުނީ އޮތް ހަމައެކަނި އޮފާއަކީ މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުން ކަމަށް ވިޔަސް އެ ފުރުސަތުގެ ބޭނުން ނުހިފާނެ ކަމަށާއި އެ ހާލަތުގައި އޭނާ ދާނީ ޗުއްޓީއަކަށް ދިވެހިރާއްޖެ އަށް ކަމަށެވެ.












