ލިވަޕޫލް (ޖެނުއަރީ 1) - ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ކޮވިޑަށް ޕޮޒިޓިވްވެ، މާދަމާރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެ އެވެ.
ލިވަޕޫލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ކުރި ޓެސްޓްތަކުން ކްލޮޕް ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންވެ، އޭނާ މި ވަގުތު ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރަން ޖެހޭތީ ކްލޮޕް ކުރިއަށް އޮތް ހަތް ދުވަހު ޓީމާއި ދުރުގައި ހުންނައިރު، ޓީމު ލީޑުކުރުމުގެ ޒިންމާ ބެންޗުގައި އިނދެގެން ނަގާނީ އެސިސްޓަންޓް ކޯޗު ޕެޕް ލިންޑާސް ކަމަށެވެ. ބެންޗުގައި ހުރެ ލިންޑާސް ފުރަތަމަ ޓީމު ލީޑުކުރާނީ ޗެލްސީ މެޗުގަ އެވެ.
މާދަމާރޭ ޗެލްސީ ދަނޑުގައި ކުޅޭ މެޗުގެ ކުރިން މި ހަފްތާގައި ލިވަޕޫލުން ކުރި ފުރަތަމަ ކޮވިޑް ޓެސްޓްގައި އެ ޓީމުގެ ތިން ކުޅުންތެރިއަކާއި ދެ ކޯޗިން ސްޓާފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އެލިސަން ބެކާ އާއި ފޯވާޑް ރޮބާޓޯ ފިރްމީނޯ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެންމެ ފަހުން ބޭއްވި ލިވަޕޫލްގެ ޕްރެކްޓިހުގައި އެލިސަން އާއި ފިރްމީނޯ ބައިވެރިނުވެ އެވެ.
ޗެލްސީ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، ކްލޮޕް ވަނީ ލިވަޕޫލްގެ ކޮވިޑް ހާލަތާ ބެހޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދީފަ އެވެ.
ކްލޮޕް ބުނީ ޗެލްސީ މެޗަށް ނެރޭ ޓީމާ ބެހޭގޮތުން ފަހުގެ ޖަވާބެއް ދޭން ނޭނގޭ ކަމަށާއި އެއީ އެ ކްލަބުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮވިޑްގެ އާ ކޭސް އެއް ރިޕޯޓްކުރަމުން އަންނަ ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވެގެން ދާދި ފަހުން ލިވަޕޫލްގެ ވާޖިލް ވެން ޑައިކާއި ފަބީނިއޯ، ތިއާގޯ އަލްކަންޓާރާ އަދި ކާޓިސް ޖޯންސް ވެސް ކުޅުމާ ދުރަށްދާން ޖެހުނެވެ. އޭގެ ތެރެއިން ވެން ޑައިކާއި ފަބީނިއޯ އަދި ޖޯންސް އެނބުރި އައިސްފައިވާއިރު، ތިއާގޯގެ އުނަގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އަދިވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.
ދާދި ފަހުން ލީޑްސް ޔުނައިޓެޑްގައި ކޮވިޑްގެ ކޭސްތަކެއް އުޅޭތީ ލިވަޕޫލާ ދެކޮޅަށް އެ ޓީމު ކުޅެން އޮތް މެޗު ވަނީ ފަސްކކޮށްފަ އެވެ.












