ލަންޑަން (ޖެނުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަަހަތުން އަރައި 2-1 އިން އާސެނަލް ބަލިކޮށް އާ އަހަރުގައި މެންޗެސްޓާ ސިޓީން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.
މިއީ ސިޓީއާ ދެކޮޅަށް ލީގުގައި އާސެނަލް ޖެހިޖެހިގެން ބަލިވި 10 ވަނަ މެޗެވެ. އަނެއްކޮޅުން ސިޓީން ވަނީ މި ފަހަރު ލީގުގައި އެންމެ ފަހުން ކުުޅުނު 11 މެޗުން ވެސް މޮޅުވެ، ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ.
އާ އަހަރު ފެށިއިރު، އިނގިރޭސި ޕްރިމިއާ ލީގު ތާރީހުގައި ވެސް ސިޓީ އަށް ވުރެ ބޮޑު ލީޑެއްގައި އޮތީ ދެ ޓީމެކެވެ. އެއީ 1993-1994 ވަނަ ސީޒަނުގެ މެންޗެސްޓާ ޔުނައިޓެޑާއި 2017-2018 ވަނަ ސީޒަނުގެ މެންޗެސްޓާ ސިޓީ އެވެ. އެ ދެ ޓީމުން ވެސް އާ އަހަރު ފެށީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
މި ފަހަރުގެ ލީގުގައި، ސިޓީ މި ވަގުތު އެއް ވަނައިގައި އޮތީ 21 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 19 މެޗުން 41 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާރޭ ޗެލްސީން އަމިއްލަ ދަނޑުގައި ލިވަޕޫލާ ކުޅޭނެ އެވެ.
އާސެނަލް ދަނޑުގައި މިރޭ އެ ޓީމުން ނުކުތީ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ބެންޗުގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ނެތި އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ މާޓިން އޮޑެގާޑަށް ސިޓީ އޭރިއާތެރެއިން އެ ޓީމުގެ އެޑަސަން މޮރާއެސް ފައުލުކުރި ނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ. އެ ގޮތަށް ނިންމީ ރަނގަޅަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމެއް ނެތި އެވެ.
މެޗުގެ 31 ވަނަ މިނިޓްގައި އާސެނަލް ލީޑުނެގީ 19 އަހަރުގެ ފޯވާޑް ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. ކައުންޓަ އެޓޭކެއްގައި ކިއެރަން ޓިއާނީ ދިން ބޯޅަ ސަކާ ވަނީ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

އާސެނަލްގެ ގަބްރިއެލް (ކ) އަށް ރެފްރީ ރަތް ކާޑު ދައްކަނީ.
އާސެނަލް ލީޑުނަގައިގެން މެޗުގައި ކުރިއަށް ދަނިކޮށް މުޅި މެޗު އެނބުރިގެން ދިޔައީ ދެ މިނިޓެއްހާއިރު ތެރޭގަ އެވެ. މެޗުގެ 57 ވަނަ މިނިޓްގައި ރިޔާދު މާރޭޒް ވަނީ ޕެނަލްޓީ އަކުން ސިޓީ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ ސިޓީގެ ބެނާޑޯ ސިލްވާ އަށް އާސެނަލްގެ ގްރޭނިޓް ޝަކާ ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި ރެފްރީ ދިން ޕެނަލްޓީ އަކުން މާރޭޒް ޖެހި ގޯލެކެވެ.
އެ ގޯލު ޖެހިތާ އިރުކޮޅެއްގެ ތެރޭގައި ސިޓީގެ އައިމެރިކް ލަޕޯޓް ހެދި ގޯހެއްގައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ އެ ޓީމުގެ ޑިފެންޑަރު ނޭތަން އަކޭ ގޯލު ރޮނގުމަތިން ސަލާމަތްކުރިއިރު، ދެ ވަނަ ފަހަރު ގޯލަށް ޖަަހަން އާސެނަލްގެ ގަބްރިއެލް މާޓިނެލީ ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން ސިޓީގެ ގަބްރިއެލް ޖީސޫސް އަށް ކުރި ފައުލަކަށް އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް އަށް ވަނީ ދެ ވަަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މި ރަތް ކާޑާ އެކު އާސެނަލް ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ފުރަތަމަ 100 ރަތް ކާޑު ހަމަވި ޓީމަށެވެ. މީގެ ތެރެއިން 11 ރަތް ކާޑު އާސެނަލަށް ދެއްކީ އާޓެޓާގެ ކޯޗުކަމުގަ އެވެ.
އާސެނަލްގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ސިޓީ މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ތިން ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ލަޕޯޓް ޖެހި ބޯޅައެއް ބްލޮކްވެފައި، ރޮޑްރީ އަށް ލިބުމުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ.












