ލަންޑަން (ޑިސެމްބަރު 31) - އަންނަ މަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް މީޑިއާތަކުން އިހުތިރާމްނުކުރާ ކަމަށް ބުނެ، އާސެނަލްގެ ލެޖެންޑަރީ ފޯވާޑް އިއާން ރައިޓް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އަންނަ މަހު ނުވަ ވަނަ ދުވަހު ކެމަރޫންގައި ފަށާ އެފްރިކަން ކަޕްގައި ޖުމްލަ 24 ގައުމު ވާދަކުރާއިރު، އެ ޓީމުތަކުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅޭނެ އެވެ.
އާސެނަލްގެ ކުރީގެ ކެޕްޓަން، މިހާރު ކްރިސްޓަލް ޕެލަސްގެ ކޯޗު ޕެޓްރިކް ވިއޭރާ ހިމެނޭ ގޮތަށް ދާދި ފަހުން ގިނަ ކޯޗުންތަކެއް ވެސް އެފްރިކަން ކަޕްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ރައިޓް ކޮށްފައިވަނީ ސުވާލެކެވެ.
ޖެމެއިކާ ދަރިކޮޅަށް ނިސްބަތްވާ ރައިޓް ބުނީ އޭނާ ދެކޭ ގޮތުގައި އެންމެ ބޭއިންސާފުން އިހުތިރާމްކުޑަކޮށް ކަންތައް ކުރަނީ އެފްރިކަން ކަޕާ މެދު ކަމަށެވެ. އަދި ރައިޓް ބުނީ މީޑިއާތަކުން އެފްރިކަން ކަޕްގެ ކަވަރޭޖް ދަށްކޮށް ގެންނަ ސަބަބަކީ ނަސްލީ ތަފާތުކުރުން (ރޭސިޒަމް) ކަމަށް ބާރުލިބޭ ސަބަބުތަކެއް ވެސް ފެންނަ ކަމަށެވެ.
"ގައުމީ ޓީމެއްގައި ހިމެނިގެން އަމިއްލަ ގައުމު ތަމްސީލް ކުރުމަށް ވުރެ މޮޅު ކަމެއް ހާސިލްނުކުރެވޭނެ. އަހަރެމެން އަމިއްލަ މުބާރާތް، ޔޫރޯ 10 ގައުމުގައި ކުޅެފައި. ކެމަރޫން އިން އެކަނި (އެފްރިކާގެ) މުބާރާތް ހޯސްޓް ކުރާތީ އެކަމާ ކަންބޮޑުވުން އެއީ ރަނގަޅު ގޮތެއް ނޫން. އަހަރެން ދެކޭ ގޮތުގައި އެކަމާ ދެކޮޅަށް އެ ހިންގާ މީޑިއާ ކަވަރޭޖަކީ ރޭސިޒަމްގެ އަމަލެއް (ކަޅު ނަސްލުގެ މީހުން ތަފާތުކުރުމުގެ ކަމެއް)،" ބީބީސީ އާއި ސްކައިސްޕޯޓްސްގެ އިތުރުން ބީޓީ ސްޕޯޓްސްގެ ކުޅިވަރު ކަވަރޭޖްގައި އިސްކޮށް ފެންނަ ރައިޓް ބުންޏެވެ.
އަޔަކްސް އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓްގެ ފޯވާޑް ސަބެސްޓިއަން އަލެއާ ގާތުގައި ނެދަލެންޑްސްގެ ނޫހެއް ކަމަށްވާ ޑީ ޓެލެގްރާފްގެ ނޫސްވެރިއަކު އެހީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގައުމީ ޓީމަށް ނުކުޅެ، ކްލަބަށް ކުޅެން މަޑުކޮށްފާނެތޯ އެވެ. ޖަވާބުގައި އަލެއާ އެހީ އެ ސުވާލު ޔޫރަޕްގެ ކުޅުންތެރިއެއް ގާތުގައި އެހުމަށެވެ.
އެފްރިކަން ކަޕް އަލުން ޖެނުއަރީ އާއި ފެބްރުއަރީގައި ކުޅޭތީ ގިނަ ކުޅުންތެރިންތަކަކަށް ވަނީ ސީޒަނުގެ މުހިއްމު ހިސާބެއްގައި ކްލަބް ދޫކޮށްލަން ޖެހިފަ އެވެ. އަލެއާ ބުނީ ކްލަބާއި ގައުމީ ޓީމުގެ ތެރެއިން އެއް ޓީމެއް އިހުތިޔާރުކުރަން ޖެހޭތީ ނިންމަން ޖެހެނީ އުނދަގޫ ނިންމުމެއް ކަމަށާއި އެކަމަކު، ކޮންމެ ކުޅުންތެރިއަކަށް ވެސް މުހިއްމުވާނީ ގައުމު ކަމަށެެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބުން 40 އަށް ވުރެ ގިނަ ކުޅުންތެރިން އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕް ކުޅެން ގައުމީ ޓީމަށް ދާނެ ކަމަށް ބެލެވެ އެެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ، ޗެލްސީ، ލިވަޕޫލް އަދި އާސެނަލްގެ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ސިޓީގެ ރިޔާދު މާރޭޒް، ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭގެ އިތުރުން ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ހިމެނެ އެވެ.
އެފްރިކާގެ ގައުމުތަކުގައި ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯން ފެތުރެމުންދާތީ އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ރިލީސްކުރަން ޔޫރަޕްގެ ކްލަބްތަކުން ދެކޮޅު ހެދުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، ކެމަރޫން އިން ވަނީ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ވަރުގަދަވާނެ ކަމަށް ބުނެފަ އެވެ.
އަންނަ މަހު ނުވަ ވަނަ ދުވަހު ފަށާ އެފްރިކަން ކަޕް ނިމޭނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.












