އަންނަ އަހަރު ތެރޭ އިންގްލެންޑްގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގެ "ބާމިންހަމް 2022 ކުއީންސް ބެޓަން" އަށް ރާއްޖޭން މަރުހަބާ ކިޔައިފި އެވެ.
އަންނަ އަހަރުގެ ޖުލައި 28 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގެ ބެޓަން އަށް ރާއްޖޭގެ ފަރާތުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އިވެންޓެއްގަ އެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ސޯލިހުގެ އަތްޕުޅަށް "ބާމިންހަމް 2022 ކުއީންސް ބެޓްން" އަރުއްވާދެއްވީ ސައްތާރު އެވެ. މީގެ އިތުރުން އިވެންޓްގައި "ބާމިންހަމް 2022 ކުއީންސް ބެޓަން" ގެ ރަސްމީ ޖޯޒީ ވަނީ ރައީސް އާއި ނައިބު ރައީސް އަށް ހަދިޔާ ކުރައްވައިފަ އެވެ.

ކޮމަންވެލްތުން ހަމަޖައްސާފައިވަނީ ކޮންމެ ގައުމެއްގައި ވެސް ބެޓަންގެ ދަތުރުގެ ރަސްމީ ހަރަކާތްތައް ވަކި ދުވަސްތަކެއް ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން ރާއްޖޭގެ ހަރަކާތްތައް ރަސްމީކޮށް ފެށޭނީ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ރަސްމީ އިވެންޓްތައް ހއ އާއި ހދގެ ތިން ރަށެއްގެ އިތުރުން މާލޭގައި ކުރިއަށް ގެންދަން ރާވާފައިވާއިރު، ރާއްޖޭގެ ހަރަކާތްތަކަށް ފަހު ދެން ބެޓަން ގެންދިއުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ސްރީ ލަންކާ އަށެވެ.
ކޮމަންވެލްތް ގޭމްސްގެ ކުއީންސް ބެޓަން ރިލޭ ފެށީ މި އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިންގްލެންޑުންނެވެ. އޭގެ ފަހުން 294 ދުވަސް ތެރޭ ދުނިޔޭގެ 72 ގައުމަކަށް މި ބެޓަން ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ބެޓަން ގެންދަން ކުރެވޭ މި ދަތުރުގެ މައިގަނޑު މަގުސަތުތަކެއް އޮވެ އެވެ. އެ މަގުސަދުތަކުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއް ގައުމު އަނެއް ގައުމާ އެކު އޮންނަ ގާތް ގުޅުމެވެ. ބެޓަންގެ ދަތުރު ނިމޭނީ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އެވެ.

ކޮމަންވެލްތު 2022 ގެ ބެޓޮން.-- ފޮޓޯ: ރައީސް އޮފީސް
މިއަދު ރައީސް އޮފީހުގައި ބޭއްވި އިވެންޓްގައި ވަނީ ކުޅިވަރުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންފަ އެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މި ވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގައި މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށެވެ.
މެދުކެނޑުމަކަށް ފަހު އަންނަ އަހަރު ރާއްޖޭން ވާދަކުރާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަަމަޖައްސާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. ކޮމަންވެލްތު ގޭމްސްގެ ބެޓަން އަށް ރާއްޖޭން މަރުހަބާ ކިޔަން ބޭއްވި އިވެންޓްގައި ޖަވާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަވާގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނަރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) ވެސް މިއަދުގެ އިވެންޓްގައި ބައިވެެރިވެވަޑައިގެންނެވި އެވެ.
ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅި އެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެ އެވެ.
ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ކޮމަންވެލްތާ ގުޅުމަކީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ.












