ރާއްޖޭގެ ވޮލީގެ އިދާރީ ހިންގުން ބަދަލަކާ ދިމާލަށް ދިއުމަށް ހޭދަވި މުއްދަތުގައި 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން ވޮލީ ބޯޅަ މުބާރާތުން ގައުމީ އަންހެން ވޮލީ ޓީމު ވަނީ ތާރީހީ ރިހި މެޑަލެއް ހޯދައިފަ އެވެ. އެ ކާމިޔާބީގެ މަތީގައި ފައިތިލަ ސާބިތުކޮށް މިސްރާބު ކުރިއަށް ބެހެއްޓުމުގެ ވިސްނުމުގައި މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބުކުރި އެވެ. އެކަމަކު، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކަށް އެޅިގެންދިޔަ ކޮވިޑް-19ގެ ހިޔަނީގެ ތެރެއިން މިދިޔަ އަހަރު ރާއްޖޭގައި ބާއްވަން ނިންމި ސެންޓްރަލް ޒޯން އަންހެން މުބާރާތް ކެންސަލްވީ އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫގައި ސައުތު އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ޓީމު ވާދަކުރި ފަހުން މިވީ ދެ އަހަރެއްހާ ދުވަހު ވަނީ ގިނަ ކަންތައްތަކެއް ބަދަލުވެފަ އެވެ. ގައުމީ ސީނިއާ އަންހެން ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ ދިރިއުޅުމުގެ ހާލަތު މި ވަގުތު ހުރި ގޮތުން ޓީމާ އެކު މުބާރާތެއް ކުޅެވެން ނެތެވެ. މެޑަލް ހޯދި ޓީމުގެ ތިން ބައި ކުޅެ ދެ ބަޔަށް ވުރެ ބޮޑުކޮށް މި ފަހަރުގެ މުބާރާތުގައި ނުފެނެ އެވެ.
އެ ފަދަ ހާލަތެއްގައި އޮއްވައި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައި މި ވަގުތު އޮތް، އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕުން ނިންމީ މަހެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު ކަމުގައި ވިޔަސް ކޯޗު މުމްތާޒް އަލީ (މުންތޭ)ގެ ބެލުމުގެ ދަށުން އަންހެން ޓީމެއް އެކުލަވާލައި، ސެންޓްރަލް ޒޯންގައި އަންހެން ޓީމެއް ކުޅުވުމެވެ. އެއީ ނަތީޖާ މި ވަގުތު ނުނެރެވުނު ކަމުގައި ވިޔަސް މުސްތަގުބަލަށް އޭގެ ފައިދާ ކުރާނެ ކަމުގެ ވިސްނުން އިސްކުރުމަށް ފަހު އެެވެ.
ބަންގްލަދޭޝްގައި މި ފަހަރު ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން މުބާރާތް ދިޔައީ އެކު އެކީގަ އެވެ. ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ގައުމީ ފިރިހެން ވޮލީ ޓީމަށް މާލޭގައި ޕްރެކްޓިސް ހަ މެޗު ލިބުނު ނަމަވެސް އަންހެން ޓީމަށް މެޗެއްހާ ހިސާބު ވެސް ނުލިބެ އެވެ. ފިރިހެން ޓީމު މެޗުތަކެއް ކުޅެފައި ވެސް ފަހު ވަގުތު ކޮވިޑް-19ގެ ހާލަތު މެދުވެރިވެ، އެންމެ ރަނގަޅަށް މުބާރާތުގައި ނުކުޅެވުނީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ނުދެވުުމުންނެވެ.
އަންހެން ޓީމަށް މަހެއްހާ ދުވަހުގެ ޕްރެކްޓިހުން ދަސްވި އެއްޗެއް ހިފައިގެން ދިޔައީ މުބާރާތަށެވެ.
އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ ތިން މެޗުން އުޒްބެކިސްތާނާއި ނޭޕާލް އަދި ލަންކާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އުޒްބެކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅެ، ސެޓުތައް ގެންދިޔައީ 25-11، 25-08 އަދި 25-11 އިންނެވެ. ނޭޕާލުން ރާއްޖެ ކައިރިން ސެޓުތައް ގެންދިޔައީ 25-11، 25-09 އަދި 25-05 އިންނެވެ. ލަންކާ އިން ސެޓުތައް ގެންދިޔައީ 25-17، 25-12 އަދި 25-14 އިންނެވެ. ކިރްގިސްތާނުން މޮޅުވީ 25-17، 25-11 އަދި 20-25 އިން ސެޓުތައް ގެންގޮސްގެންނެވެ.
ފަހު މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް އެންމެ ފަހު ވަގުތާ ހަމައަށް ހިތްވަރުކޮށް ފަސް ސެޓު ކުޅެގެން ބަލިވީ އެވެ. ބަންގްލަދޭޝް ކައިރިން ރާއްޖޭން ވަނީ ފުރަތަަމަ ސެޓު 25-17 އިން ގެންގޮސްފަ އެވެ. ދެން ކުޅުނު ދެ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 18-25، 23-25 އިންނެވެ. ހަތަރު ވަނަ ސެޓު ރާއްޖޭން ގެންދިޔައީ 25-23 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އިން ކުރި ހޯދީ 15-17 އިންނެވެ.
"މި ވާގޮތަކީ ގޭމް އެއްވަރަކަށް ނުހިފެހެއްޓެނީ. ނުހިފެހެއްޓޭ ސަބަބުތަކެއް ވެސް އެބަހުރި. ޓީމު ޓްރެއިނިން މަދުވެފައި މި ކަހަލަ ބައިވަރު ކަންތައްތަކެއް އެބަހުރި. މި ނުކުތީ އެއްވެސް ވަރަކަށް (އިންޑޯ) ވޮލީ ނުކުޅެ ތިބެފައި. އެއް މަސް ދުވަހުގެ ޕްރެކްޓިހަށް ފަހު. އަނެއްކާ ނެޝަނަލް ޓީމު މި އޮތީ އެއްކޮށް ހެން ބަދަލުވެފައި. އެހެންވެ، މެޗު ކުޅެފައި ހުރި ނިސްބަތް މަދުވުމުން މި ކަހަލަ ބައިވަރު ކަންތައްތަކެއް އެބަހުރި. އެހެން ކަމުގައި ވިޔަސް ރަނގަޅު ވަމުން މި އަންނަނީ،" ލަންކާ މެޗަށް ފަހު ދިން އިންޓަވިއުގައި މުންތޭ ބުންޏެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން.
ގައުމީ އަންހެން ޓީމުގައި މި ފަހަރު ތިބީ ސީނިއާ ޓީމުގައި ކުޅުނު ހަތަރު ކުޅުންތެރިންނާއި ދެން އެއްކޮށް ޒުވާން ކުޅުންތެރިންނެެވެ. ޓީމުގެ އެވްރެޖް އުމުރަކީ 22 ނޫނީ 23 އަހަރެވެ. މި ޓީމުގައި ރާއްޖޭގެ ގައުމީ ލެވަލްގައި އެންމެ މުބާރާތެއް ނުކުޅޭ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެކަމަކު، މެޗަކަށް ފަހު މެޗެއް އެ ކުޅުންތެރިން ހޯދި ކާމިޔާބީ ކޯޗު މުންތޭ ދިޔައީ ފާހަގަކުރަމުންނެވެ.
"ޓީމު މިހާ ހިސާބަށް އެކުލަވާލިއިރު، ޖެހޭ މައްސަލަ އަކީ ފިޓްނަސް މައްސަލަ. އެއީ ވަގުތު ލިބުނު ވަރު ވެސް ކުޑަ އެއް މަސް ދުވަހު ޓީމެއް އެއްކޮށް ސެޓެއް ވެސް ނުކުރެވޭނެ،" މެޗެއް ނުކުޅެ މުބާރާތަށް ސީދާ ދާން ޖެހުމުން ޓީމުގެ ފިޓްނަސް ދަށްވުމުގެ މައްސަލަ ދިމާވިކަން ފާހަގަކޮށް މުންތޭ ބުންޏެވެ.
ދިވެހި ސިފައިންގެ ކްލަބްގެ ހެޑް ކޯޗު ކަމާއި ފިރިހެން ވޮލީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް ކުރިން މަސައްކަތް ކޮށްފައިވާ މުންތޭ ބުނީ ރާއްޖޭގެ ވޮލީ މި ފަަހަރު ސެންޓްރަލް ޒޯން މުބާރާތަށް ދިޔައީ އާންމު އުސޫލާ "އިދިކޮޅަށް" ތައްޔާރުވެގެން ކަމަށެވެ.
"ވޮލީގަ ފުރަތަމަ ފަށައިގަންނަން ޖެހޭނީ ލީގެއް ނޫނީ މުބާރާތެއް. މުބާރާތެއްގައި ކުޅެފައި ގައުމީ ޓީމެއްގެ ޕްރެކްޓިސް ކުރަން ޖެހޭނީ. ދެން މި ފަހަރު އަޅުގަނޑުމެން މި ފެށީ ފުރަތަމަ ގައުމީ ޓީމު. ދެން އެއީ ކޮވިޑް ސަބަބުތަކާ ހުރެ ވީ ކަމެއް،" މުންތޭ ބުންޏެވެ.
"ރަނގަޅު މުބާރާތެއް ކުޅެފައި މި ކުޅުންތެރިން ގޮވައިގެން އައިސްފިއްޔާ އަޅުގަނޑަށް 100 ޕަސެންޓް ޔަގީން ރަނގަޅު ވާދައެއް ކުރެވޭނެ ފެންވަރު އެބަހުރިކަން،"
ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ގައުމީ އަންހެން ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ އައިމިނަތު އަފާފް ނިޒާމް އެވެ. ކިރްގިސްތާން މެޗުގެ ވޯމްއަޕްގައި އަފާފް ކަކުލަށް އަނިޔާވެ، އޭނާ އަށް ކިރްގިސްތާން މެޗާއި ބަންގްލަދޭޝް މެޗު ގެއްލުނެވެ.
ކޯޗު މުންތޭ ބުނީ އަފާފަށް އަނިޔާވި ވަގުތާއި ހާލަތުގެ ގޮތުން ފަހު ދެ މެޗަށް އަސަރުކުރި ކަމަށެވެ. ޓީމުގައި އަލަށް ހިމެނި ދެން އެންމެ ހިތްވަރު ގަދަ ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ފާތިމަތު ޝަމްހާ އާއި ނަރީމާ އިދުރީސް އަދި ހައިފާ އިމާދު ހިމެނެ އެވެ.

އުޒްބެކިސްތާން ކުޅުންތެރިއަކު ޖަހާ ޝޮޓެއް ބްލޮކްކުރަން ރާއްޖެ ޓީމުގެ އަރީޝާ (ކ) އާއި ނަރީމާ މަސައްކަތް ކުރަނީ
އާ ކުޅުންތެރިންތަކެއް ގޮވައިގެން ގައުމީ އަންހެން ޓީމު ކުރި ރަނގަޅު މަސައްކަތަށް ސީނިއާ ކުޅުންތެރިންނާއި އަންހެން ވޮލީގައި މަސައްކަތް ކުރާ ކޯޗުން ވެސް ވަނީ ތަރުހީބު ދީފަ އެވެ. އޭގެ ތެރޭގައި ރިހި މެޑަލް ހޯދައިދިން ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ހިމެނެ އެވެ.
ގައުމީ އަންހެން ވޮލީ ޓީމަށް މި ފަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުން މި ހުޅުވުނީ އާ ދޮރެކެވެ. ކުރިއަށްދެވޭނެ ގިނަ އަންހެން ކުޅުންތެރިންތަކަށް ފުރުސަތު ދީ އެ ކުޅުންތެރިންނަށް އެ ހޯދައިދިނީ ބޭނުންތެރި ތަޖުރިބާތަކެކެވެ. ސެންޓްރަލް ޒޯން މުބާރާތަށް ފަހު މި ވަގުތު ޓީމުގައި ތިބި ކޯޗިން ސްޓާފުންގެ މަސައްކަތް ނިމުނީ އެވެ.
ވީއޭއެމްގެ ރައީސް ރަނޭޝް ވަނީ ސެންޓްރަލް ޒޯން މުބާރާތުގެ އިވެލުއޭޝަނެއް ހެދުމަށް ފަހު ގައުމީ ޓީމުގެ ކޯޗިން ސްޓާފުން އަލުން އެކުލަވާލާނެ ކަމަށާއި ކުރިން ހުރި ކޯޗިން ސްޓާފުން މަގާމުގައި ދެމި ހުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ.
ސެންޓްރަލް ޒޯނަށް ފަހު އަންހެން އަދި ފިރިހެން ޓީމާ މުހާތަބުކޮށް ރަނޭ ވިދާޅުވީ، މި ފަހަރުގެ މުބާރާތާ ކުރިމަތިލާން ޖެހުނު ހާލަތާ ބަލާއިރު، ކުޅުންތެރިން ކުރި މަސައްކަތް ބަލައިގަންނަ ކަމަށާއި އިތުރު ފުރުސަތުތައް ފަހިކޮށްދީގެން ކުޅުންތެރިންނަށް ކާމިޔާބާ ހަމައަށް ވާސިލްވެވޭނެ ކަމަށެވެ.












