މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން ސާވިސް ގުޅިގެން އުފެއްދެ މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ) އިއްޔެ ރަސްމީކޮށް ހުޅުވައިފި އެވެ.
ފައިލެޓް ކޯސް ފުރިހަމަ ނުކުރެވި ތިބި 30 ދަރިވަރަކަށް، ނައިބު ރައީސް ފައިސަލް ނަސީމު ހުޅުވައިދެއްވި އޭވިއޭޝަން އެކަޑަމީން ވަނީ ފުރުސަތު ދީފަ އެވެ.
"މި ސަރުކާރުން މިފަދަ މަޝްރޫޢެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން،" އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުން އިސްނަގައިގެން ފުލައިން ސްކޫލެއް އުފައްދަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި ޕައިލެޓް ކޯސް ފުރިހަމަ ކުރަމުން ދިޔަ ގިނަ އަދަދެއްގެ ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓާލަން ޖެހުމެވެ. އަދި ރާއްޖޭގައި ވައިގެ ދަތުރުތައް އިތުރުވަމުން އަންނަ އިރު އެ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީނު ވުމުގެ ފުރުސަތު ހޯދައި ދިނުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްއެންޔޫ އާއި އައިއޭއެސް ގުޅިގެން އެވިއޭޝަން އެކަޑަމީއެއް އުފައްދަން ނިންމީ އައްޑޫގައި ހިންގަމުން އައި އޭޝިއަން އެކަޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ކުދިންނާމެދު ތަފާތު ކޮށް، ދަރިވަރުންގެ އަތުން އިތުރަށް ނުހައްގު ފައިސާ ނަގައި، ކޯސް ދިގު ދަންމަމުން ގެންދިޔަ ކަމުގެ ޝަކުވާގެ މައްސަލަ ބޮޑުވެ، އޭއޭއޭއާއެކު ފްލައިން ސްކޫލުގެ އެއްބަސްވުން އާ ނުކުރަން އައްޑޫ އެއާޕޯޓު ކުންފުނިން ނިންމި ފަހުންނެވެ. އޭއޭއޭ ގައި ކޯސް ފުރިހަމަ ކުރަމުން ދިޔަ 100 އެއްހާ ދަރިވަރުންގެ ކިޔެވުން ހުއްޓާލަން ޖެހި، އޭގެ ތެރެއިން ކިޔެވުން ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކު ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓަރީވެފައިވެ އެވެ.
އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ ކޯހުން ފުރުސަތު ދިން ދަރިވަރުންގެ ކިޔެވުން ދިގު މުއްދަތަކަށް މެދުކެނޑިފައިވާތީ އެ ދަރިވަރުންނަށް ފުރަތަމަ ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ މަސް ދުވަހުގެ މުއްދަތަށް ހިންގާ ރިފްރެޝާ ޕްރޮގްރާމެކެވެ.
"އޭއޭއޭގެ ދަރިވަރުންގެ ކިޔެވުން އެތައް ދުވަހަކަށް ފަހު ފެށޭތީ، ކިޔެވުން ރޭވިފައިވާ ގޮތުން ފުރަތަމަ ކުރިއަށް ގެންދާނީ ރިފްރެޝާ ޕްރޮގްރާމެއް، މިއީ ދެ މަސް ދުވަހުގެ ޕްރޮގްރާމެއް،" މިހާދު ވިދާޅުވި އެވެ. "މި ވަގުތު ހަމައެކަނި ޕައިލެޓް ޓްރެއިނިން ހަދަމުން ދިޔަ ނަމަވެސް، މުސްތަގުބަލުގައި އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ، އިންޖީނިއަރިން އާ އެހެނިހެން ޕްރޮގްރުމާތައް ވެސް ހިމެނޭނެ."
އޭނާ ވިދާޅުވީ، އައްޑޫގައި ކުރިއަށް ގެންދާ އެކަޑަމީ އަށް ބޭނުންވާ ދެ އިންޖީނުގެ އެއް މަތިންދާ ބޯޓާއި އެއް އިންޖީނުގެ ތިން މަތިންދާބޯޓު މިހާރު ގަނެފައިވާ ކަމަށާއި އަންނަ މަހު ލިބޭނެ ކަމަށެވެ. އޭގެ އިތުރަށް އިތުރު ދެ ބޯޓު ރާއްޖެ އިން ހޯދުމަށް އައިއޭއެސް އިން ވަނީ ނިންމައިފަ އެވެ. އެމްއެންޔޫ އާއި އައިއޭއެސް ގުޅިގެން އުފައްދާ ޖޮއިންޓްވެންޗާ ކުންފުނީގެ އޭވިއޭޝަން އެކަޑަމީ ހިންގާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.









