އާ އަހަރުގެ ޝޯގައި އަހަރެމެންނާ ބައްދަލުކުރާނޭ އެންމެ ހާއްސަ އެއް ސެލެބްރިޓީ މެހުމާނަކީ ބޮލީވުޑްގެ ކާމިޔާބު ލަވަ ކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު އަންކިތު ތިވާރީ އެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ އަންކިތު އޭނާގެ ލަވަކިޔުމުގެ ކެރިއާ ފަށާފައިވަނީ މީގެ 11 އަހަރު ކުރިންނެވެ. ކޮމެޑީ ފިލްމެއް ކަމުގައިވާ ޑޯ ޑޯނީ ޗާރް އިން ފެށި މި މަސައްކަތް, މީހުންގެ ތެެރޭގައި މަގުބޫލުވެގެން ދިޔައީ 2013 ވަނަ އަހަރުގަ އެވެ. އިންޑިއާގެ ބޮޑެތި މިއުޒިކް އެވޯޑްތަކަށް 40 ގާތްކުރާ ވަރަށް ނޮމިނޭޝަންސް ހުރިއިރު, އަންކިތު ކާމިޔާބުތައް ވެސް އެހާމެ ގިނަ އެވެ.
މި ހިމަނާލަނީ އަންކިތުގެ އެންމެ ކާމިޔާބު ލަވަތަކުގެ ތެރެއިން އަހަރެންގެ ފޭވަރިޓް ލަވަތައް ހިމެނޭ ޕްލޭލިސްޓެކެވެ.
ސުން ރަހާ ހޭ
މި ލަވައަކީ ގިނަބައެއްގެ ނަޒަރުގައި އަންކިތުގެ މިއުޒިކް ކެރިއާ ފަރިވެ ފޮޅުނު އެންމެ ބޮޑު އެއް ސަބަބެވެ. 2013 ވަނަ އަހަރު ރިލީޒްކުރެވުނު އާޝިގީ 2 ފިލްމަށް, އިންޑިއާގެ އެންމެ ކާމިޔާބު އެއް ކޮމްޕޯޒަރު 'މިތޫން' ތައްޔާރުކުރި މި ލަވަ ވަނީ އެ އަހަރުގެ ފިލްމް ފެއާ އަށް ދެ ކެޓަގަރީ އަކުން ނޮމިނޭޓްވެފަ އެވެ. "މަރުހަބާވީސް“ ގައި އެންމެ ގިނަ ބަޔަކު އަޑުއަހާލަން ކެތްމަދުވެފައިވާ އެއް ލަވައަކީވެސް މިއީކަން ޔަގީނެވެ.
ތޭރި ގަލިޔާން
އާޝިގީ 2 އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު މޯހިޓް ސޫރީ ވަނީ އޭގެ ޖެހިގެން އައި އަހަރު އެކް ވިލަން ނެރެފަ އެވެ. މި ފިލްމަށް އަންކިތު އަމިއްލަ އަށް ކޮމްޕޯސްކޮށް, ކިޔާފައިވާ ލަވަ "ތޭރި ގަލިޔާން" ވީ އަނެއްކާވެސް ބޮޑު ޗާޓްބަސްޓާ އަކަށެވެ. މި ހިތްގައިމު ލޯބީގެ ލަވައަށް 2015 ވަނަ އަހަރު ވަނީ އެންމެ މޮޅު ފިރިހެން ޕްލޭބެކް ސިންގާ އެވޯޑު ލިބިފަ އެވެ. މިއީ 2014-2020އާ ދެމެދު އަރްޖިތް ސިންގް ނޫން އެހެން ލަވަކިޔުންތެރިއަކު މި އެވޯޑު ކާމިޔާބު ކުރި ހަމައެކަނި ފަހަރެވެ.
ތޫ ހޭ ކި ނެހީ
ރަންބީރް ކަޕޫރާއި އަރްޖުން ރަމްޕަލް ފެނިގެންދިޔަ ފިލްމް "ރޯއީގެ" އެންމެ ރީތި އެއް ޓްރެކް ކަމުގައިވާ ”ތޫ ހޭ ކި ނެހީ“ އަކީ ވެސް އަންކިތުގެ ޕްލޭލިސްޓެއްގައި ކޮންމެހެންވެސް ހިމެނެންވާނެ ލަވަ އެކެވެ. މިއީވެސް 2015 ގައި ރިލީޒްކުރެވުނު ފިލްމެކެވެ. މި ފިލްމަކީ ފްލޮޕަކަށްވިޔަސް މި ލަވައަކީ މިއުޒިކް ޗާޓުތަކުގައި ބޮޑު ހިޓެކެވެ. ހިތުގެ އެންމެ ފުނަށްވެސް އަސަރުކުރުވާ މި ފުން ލިރިކްސް އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އަންކިތުގެ ޖާދުވީ އަޑެވެ.

ދިލް ދަރްބަދަރް
ބްލޮކްބަސްޓާ ފިލްމެއް ކަމުގައިވާ ޕީކޭގައި ހިމެނޭ ”ދިލް ދަރްބަދަރް“ އަކީވެސް އަންކިތުގެ އަޑުން އިވިގެންދިޔަ ކާމިޔާބު ލަވަ އެކެވެ. އަންކިތުގެ އަމިއްލަ ރާގަކަށް ހަދާފައިވާ މި ލަވަ އެއްފަހަރު އަޑުއަހައިފި ނަމަ ދެވަނަ ފަހަރަށް އަޑު އަހާލަން ބޭނުންވާނެކަން ޔަގީނެވެ.
ދިލް ޗީޒް ތުޖެ ދެދީ
މިއީ އާންމުކޮށް އިވޭ އަންކިތުގެ ލަވަތަކާއި ތަފާތު ސްޓައިލެއްގެ ލަވައެކެވެ. އަރަބި އަސަރުތަކެއް ހިމެނޭ މި ލަވައިގައި އަންކިތުއާ އެކީ އަރްޖިތް ސިންގްވެސް ވަނީ ބައިވެރިވެފަ އެވެ. ފިލްމް ”އެއާ ލިފްޓް“ ގައި ހިމެނޭ މި ލަވައަކީވެސް އަންކިތުގެ އަމިއްލަ އުފެއްދުމެކެވެ. އަރްޖިތުގެ އަޑާއި އަންކިތުގެ އަޑާއި އެއްވުމުން ދެން އިތުރަށް ބުނާނެ އެއްޗެއް ހަމަގައިމުވެސް އޮންނާނެހެނެއް ހިއެއް ނުވެ އެވެ.
ޔާދް ހޭ
މިއީ 2018 ވަަނަ އަހަރު ރިލީޒްކުރެވުނު ފިލްމް ”އައްޔާރީ“ ގައި ހިމެނޭ ލަވަ އެކެވެ. އަންކިތު އާއި ޕަލަކް މުޗަލް އަދި ޝްރެޔާ ގޯޝަލްގެ ވެސް މި ލަވަ ކިޔުމުގައި ބައިވެރިވެފައިވެ އެވެ. މަޑުމައިތިރި ލޯބީގެ ހިތާމަވެރި މި ލަވައަކީ ދުރުގައިވާ ލޯބިވެރިއެއްގެ މަތީން ހަމަގައިމުވެސް ހަނދާން އާކޮށްދޭނެ އަސަރުގަދަ ލަވައެކެވެ.
ތުމް ސޭ ހި
ސަދަކް 2 ގެ މި އަސަރުުގަދަ ލަވައަކީ 2020 ގައި ރިލީޒްކުރެވުނު ލަވަ އެކެވެ. އަންކިތު ބުނެފަިއވާ ގޮތުގައި އޭނާއަށް ވަރަށް ހާއްސަ މި ލަވައަކީ ދަރިފުޅު ”އާރްޔާ“ ގެ ފަރާތުން އިންސްޕަޔާވެގެން ހެދި ލަވައެކެވެ.
ކަޓްރާ ކަޓްރާ
ބިޕާޝާ ބާސޫ އާއި ކަރަން ސިންގް އެކީގައި ފެނިގެންދާ މި ލަވައަކީ 2014 ވަނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރެވުނު ލަވަ އެކެވެ..މިއީވެސް އަންކިތުގެ އަމިއްލަ އަށް ކޮމްޕޯޒްކުރި ލަވަ އެކެވެ. މި ލަވަ އުފެއްދީ 2015 ވަަނަ އަހަރު ރިލީޒްކުރެވުނު ބިރުވެރި ފިލްމް އަލޯން އަށެވެ. ލޯބީގެ މި ލަވައަކީ އެދުވަސްވަރުގެ އެންމެ ކާމިޔާބު ލަވަތަކުގައި ހިމެނުނު ލަވަ އެކެވެ.
އަންކިތު ބައިވެރިވާ އާ އަހަރުގެ ޝޯ އޮންނާނީ ހުޅުމާލޭ ދުވާ ޓްރެކް ސަރަހައްދުގަ އެވެ. މި ލިސްޓަށް ހަމަ ލަވަތައް ކޮމެންޓު ކުރަމުން ގެންދަންވީ އެވެ.






