ކ. މާފުށްޓަށް ބިމަކާއި ޕިކްނިކް އައިލެންޑެއް އިތުރުކޮށް މިއަދު އެ ރަށު ކައުންސިލާ ހަވާލުކުރެވުމާ އެކު، މި އަތޮޅުގެ ރައްޔިތުންގެ އެތައް އަހަރެއްވީ ރިހުންތަކެއް މި ސަރުކާރުން ފިލުވައިދެވުނީ ކަމަށް އެ މަސައްކަތް ކުރި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރަން މާފުށީގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ރަށްރަށުގެ ރައްޔިތުންގެ ހިތުގެ ރިހުމާއި އެދޭ އެދުން ވެރިންނަށް އަބަދުވެސް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު މިއަދާ ހަމަޔަށް ހުވަފެންތަކާއި އުއްމީދުތައް އޮތީ ދެފެން ދޭތެރޭގައި ކަމަށެވެ.
"ގުރައިދޫ ރައްޔިތުން ތިބީ ބިން ހިއްކަން އެދިއެދި. މާފުށި ރައްޔިތުން ތިބީ ބިން ހިއްކަން އެދިއެދި. ހުރާ ވެސް އޮތީ އެކަމަށް އެދިއެދި. ރައްޔތުން އިންތޒާރުގައި ތިއްބާ ކަލަންޑަރުން ފަހަރަކު އަހަރެއް އެއްލެމުން ދިޔަ. ކޮންމެ ފަސް އަހަރުން ރައީސަކު އިންތިހާބުވެ ދައުރު ނިމިގެންދޭ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރައީސް ސޯލިހު އެ އުއްމީދުތައް ހާސިލްކޮށްދެއްވައިފި ކަމަށާއި މާފުށީގެ އިތުރުން ގުރައިދޫގެ ބިމާއި ޕިކްނިކް އައިލެންޑް އަދި ހުރާގެ ބިން ވެސް ހިއްކައި ނިންމައިދީފައިވާ ކަމަށެވެ.
"މިއަދަކީ ކ. އަތޮޅުގެ ހަޔާތަށް އައި ތާރީހީ އުފާވެރި ވަގުތުކޮޅެއް،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަތޮޅުގައި ސަރުކާރުން ހަވާލުކޮށްގެން އެމްޓީސީސީން އިތުރު ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ދޫނިދޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމާއި ހިންމަފުށްޓާއި ގިރިފުށީ ބަނދަރު ތަރައްގީކުރުމާއި މާފުށީ ޖަލުގެ މަސައްކަތާއި ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މިކަންކަން ކުރަމުން އަންނައިރު ރައްޔިތުން އެދޭ އިތުރު ކަންކަން ވެސް ކޮށްދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ގުރައިދޫ ނެރު ފުންކުރުމާއި ބައެއް ރަށްރަށުގެ މަގު އެއްވަރުކުރުން ހިމެނޭ ކަމަށެވެ. އަދި މާފުށީ ބީޗް ބޮޑުކޮށްދިނުމާއި އަންހެނުން މޫދަށް އެރޭނެ ސަރަހައްދެއް ހެދުމާއި މަގުތައް އެއްވަރުކޮށްދީ ނަލަކޮށްދިނުން ވެސް ކުރިއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޓީސީސީގެ މަޝްރޫއެއް ކުރިއަށް ނުދާ އެންމެ އަތޮޅެއް ވެސް، އެންމެ ރަށެއް ވެސް ނެތް ރާއްޖޭގައި ނެތް. ރަހަ ތަރައްގީގެ ރަހަ ނުލިބޭ ރައްޔިތެއް ނެތް،" އާޒިމް ވިދާޅުވި އެވެ. "ޕްލޭނިން އާއި އެމްޓީސީސީގެ ވެރިންނާއި މުވައްޒަފުންގެ އެހީއާ ނުލާ މިކަންކަން ނުނިންމޭނެ. އެންމެންނަށް ޝުކުރުއަދާކުރަން"
މިއަދު ރައީސް ސޯލިހު ވެސް ވަނީ މިހާ އަވަހަށް މިފަދަ މަސައްކަތެއް ކޮށް ނިންމައި މިލެވުނީ، އެމްޓީސީސީގެ ބުރަ ހަލުވި މަސައްކަތުންކަން ފާހަގަކުރައްވައިފަ އާޒިމް އާއި ހުރިހާ މުވައްޒަފުންނަށް، ސަރުކާރާއި، ރައްޔިތުންނާއި އަމިއްލަ ނަންފުޅުގައި ޝުކުރުއަދާކުރައްވައިފަ އެވެ.
"އެމްޓީސީސީގެ ދުވެލި މިހާރު ހުރިގޮތުން އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް، އަޅުގަނޑުމެން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި، އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި މަސައްކަތް، ބަރާބަރަށް ދުވަހުން ދުވަހަށް ވަގުތަށް ނިންމައިދޭނެ ކަމުގެ،" ރައީސް ވިދާޅުވި އެވެ.











