ތިލަފުށީގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވެއްޓި މަރުވެއްޖެ އެވެ.
އޭނާ ވެއްޓުނީ ހަދަމުންދިޔަ އިމާރާތެއްގައި ސިމެންތި ފިލައެއް މަތީ ހަދާފައި ހުރި ޖުންގެއްގެ މަތީ ކުލަލުމަށް ހުރުމަށްފަހު ފޭބުމަށް ފުންމާލީ ވަގުތު ސިމެންތި ފިލާ ފަޅައިގެން ގޮސްގެން ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
އޭނާ ވެއްޓުނީ ކޮންކްރީޓުން އަޅާފައި އޮތް ތަޅުންގަނޑެއްގެ މައްޗަށް ކަމާއި ޖެހުނު ގޮތަށް ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
"ވަރަށް ގިނަ އަދަދެއްގެ ލޭ އޮހޮރުނު, ލޭތައް ހޯސްލާފައި ފޭބި, ބޮލަށާއި މޫނު މައްޗަށް ވަރަށް ބޮޑަށް އަނިޔާވި," އެމީހާ ބުންޏެވެ.


ސިމެންތި ފިލައިން ހަދާފައިވާ ޑެކް ފަޅައިގެން ގޮސްފައި --
ޑެކާއި ތަޅުގަނޑާ ދެމެދު ގާތްގަނޑަކަށް 30 އަކަށް ފޫޓް ހުންނާނެ ކަމަށް އޭނާ ލަފާކުރެ އެވެ.
މައުލޫމާތު އެނގޭ މީހާ ބުނި ގޮތުގައި ތިލަފުށީގައި އެމްބިއުލާންސެއް, އަވަސް ފަރުވާ ދޭނެ ގޮތެއް ނެތުމުން އަވަސް ފަރުވާއެއް ނުފެށުނެވެ. ބިދޭސީ މީހާ މާލެ ފޮނުވާލީ ތެޔޮ އަޅަން ތިލަފުއްޓަށް ގާތްކޮށްފައި އޮތް ދޯންޏެއްގައި ކަމާއި އެމީހާ މަރުވީ ދޯނި މައްޗަށް ކަމަށް އޭނާ ބުންޏެވެ.
"މަސައްކަތްކުރި ސައިޓްގައި ސޭފްޓީ ފިޔަވަޅުތަކެއް ނެތް, އަވަސް ފަރުވާ ދެވޭކަށް ނެތް," އޭނާ ބުންޏެވެ.











