ޕައިލެޓުން ތަމްރީނު ކުރުމުގެ ފުރުސަތު ހުޅުވާލުމަށް އުފައްދާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ މާދަމާ ރަސްމީކޮށް ހުޅުވާނެ ކަމަށް، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނެފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންުފުނިން ބުނި ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ އެކު އުފައްދާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ހިންގަން ނިންމާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ ހުޅުވައި ދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެކަމަށްޓަކައި ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މާދަމާ މެންދުރު ރަސްމިއްޔާތެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އޭވިއޭޝަން އެކަޑަމީ އުފެއްދުމަށްޓަކައި ޔުނިވާސިޓީ އާއި އައިއޭއެސް އިން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހު މެދު ތެރޭގަ އެެވެ. އެ އެއްބަސްވުން ގާއިމު ކުރީ ޖޮއިންޓްވެންޗާ ކުންފުންޏެއް އުފައްދާ އަައްޑޫގެ ގަމުގައި ފްލައިން ސްކޫލެއް ހިންގުމަށެވެެ. އަދި އެތަން ހިންގުމަށް ހަވާލުކުރަން ނިންމާފައި އޮތީ ޗެކް-ރިޕަބްލިކްގެ މަޝްހޫރު ފްލައިން އެކެޑެމީ އަކާ އެވެ.
އައިއޭއެސް އިން ބުނީ އޭވިއޭޝަން އެކަޑަމީ އާ ބެހޭ އިތުރު މައުލޫމާތު މާދަމާ އާންމު ކުރާނެ ކަމަށެވެ.









