ގާހިރާ، މިސްރު (ޑިސެމްބަރު 26) - އަންނަ މަހު ކެމަރޫންގައި ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު މިސްރު ޓީމަށް ދޫކުރާނެ ތާރީހަކާ މެދު މިސްރު އެފްއޭ އާއި ލިވަޕޫލުން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުރިން އޮތް ގޮތުން އަންނަ މަހު ދެ ވަނަ ދުވަހު ޗެލްސީ ދަނޑުގައި ލިވަޕޫލުން ކުޅޭ މެޗުގައި އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ދާ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. ލިވަޕޫލްގެ ސަލާހާއި ސަޑިއޯ މާނޭ އަދި ނަބީ ކެއިޓާ އެފްރިކަން ކަޕަށް ދާނެ އެވެ. ލިވަޕޫލުން އަންނަނީ މި ކުޅުންތެރިން ޗެލްސީ މެޗަށް ފަހު ގައުމީ ޓީމަށް ވީއްލުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މިހާތަނަށް އެއްބަސްވުމަކަށް އާދެވުނީ މިސްރު އެފްއޭއާ އެކު އެވެ.
މިސްރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން ސަލާހު ގައުމީ ޓީމާ ގުޅޭނީ ލިވަޕޫލުން ޗެލްސީއާ ކުޅޭ މެޗަށް ފަހު އެވެ. މިސްރުން އެފްރިކަން ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު ކުޅޭނީ ނައިޖީރިއާއާ އެވެ. އެ ގްރޫޕްގައި ދެން އޮތީ ސޫދާނާއި ގިނީ ބިސާއު އެވެ.
ސަލާހަކީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި އެންމެ އާދަޔާހިލާފު ފޯމެއްގައި ހުރި ކުޅުންތެރިޔާ އެެވެ. ލީގުގައި މި ފަހަރު އެންމެ ގިނަ ގޯލު ޖެހުމާއި ގޯލު ޖަހަން އެސިސްޓް ކޮށްދިނުމުގެ ތާވަލުގެ ކުރީގައި އޮތީ ސަލާހު އެވެ. ސަލާހު ވަނީ 15 ގޯލު ޖަހައި ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އަންނަ މަހު ނުވަ ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުޅޭ އެފްރިކަން ކަޕްގެ ސަބަބުން ސަލާހަށް ލިވަޕޫލްގެ ގިނަ މެޗުތަކެއް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ތެރޭގައި އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި އާސެނަލާ ދެކޮޅަށް ކުޅޭ ދެ މެޗު ހިމެނެ އެވެ.












