ޖަލުތަކުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލާ 200 އެއްހާ ގައިދީންގެ ޕެޓިޝަނެއް ރައީސް ސޯލިހަށް

އައްސޭރި ޖަލުގައި ގައިދީންތަކެއް ކެއުމުގެ ތެރެއިން: ރާއްޖޭގެ ޖަލުތަކުގެ ހާލަތު އިންތިހާއަށް ގޯސް ކަމަށް އދ. އިން ބުނޭ -- ފޮޓޯ: ގައިދީން

އައްސޭރި ޖަލުގައި ގައިދީންތަކެއް ކެއުމުގެ ތެރެއިން: ރާއްޖޭގެ ޖަލުތަކުގެ ހާލަތު އިންތިހާއަށް ގޯސް ކަމަށް އދ. އިން ބުނޭ -- ފޮޓޯ: ގައިދީން

ދިވެހިރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންގެ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލައި، 200 އެއްހާ ގައިދީން ސޮއިކޮށްފައިވާ ވަރުގަދަ ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވައިފި އެވެ.

އައްސޭރި ޖަލުގައި ތިބި 197 ގައިދީން ސޮއިކޮށް ރައީސް ސޯލިހަށް މިދިޔަ ހޯމަ ދުވަހު ފޮނުވި ޕެޓިޝަނުގައި ބުނެފައި ވަނީ "އަޅުގަނޑުމެންނަކީ ނާއިންސާފުންނާއި އިންސާނީ އެތައް ހައްގުތަކަކުން މަހްރޫމްކޮށް މިހާރު ވެސް އެ އަނިޔާތައް ޖަލުގައި ތަހައްމަލް ކުރަމުންދާ ގައިދީންތަކެއް" ކަމަށެވެ.

އެ ޕެޓިޝަނުގައި ގައިދީން ބުނެފައި ވަނީ އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގުތަކުންނާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ލިބޭ ހައްގުތަކުން އެމީހުން މަހްރޫމްކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ޖަލުތަކުގެ ހާލަތު ބޮއްސުންލާފައިވާ ކަމަށް ބުނެ އދ. ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިމަހު ފާހަގަކޮށްފައި ވަނީ ގައިދީން "ތާއަބަދު ދައްކަމުންދިޔަ ވާހަކަތައް" ކަމަށެވެ.

Advertisement

"އިންސާނަކަށްވީތީ ލިބެންޖެހޭ އަސާސީ ހައްގުތަކާއި ގާނޫނު އަސާސީ އާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހޯދުމަށް އާދޭސް ކުރަންޖެހޭ ކަމަށް ގަބޫލެއް ނުކުރަން،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ގައިދީން ބުނެފައި ވަނީީ އެމީހުންގެ ހައްގުތައް ގެއްލުވާލާފައިވާ މައްސަލައިގައި އިހުމާލުވާ މީހުންނަށް ދައުވާ ކުރަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް ވަރުބަލިވެ، ކެތްތެރިކަން ކޮޅުންލައި، ސިކުނޑި، ތަގައްޔަރުވެފަ. އިހުމާލުވެފައިވާ އަދި ގާނޫނާ ހިލާފްވެފައިވާ ފަރާތްތައް ގޮވައިގެން ދައުވާ ކުރަން ބޭނުން. ދިވެހިރާއްޖޭގެ ޖަލުތަކުގެ ތާރީހު އިޔާދަވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" ގައިދީން ބުނެފައިވެ އެވެ. "ވީމާ އަޅުގަނޑުމެން މި ގޮވާލަނީ ތިރީގައިމިވާ ކަންތައްތަކާއި އދ. ގެ ވޯކިން ގްރޫޕުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް."

އެގޮތުން، ގައިދީން ބޭނުންވާ ކަންތައްތަކަކީ:

  1. ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުން
  2. ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މަސްއޫލިއްޔަތު އަދާނުކުރައްވާތީ ފިޔަވަޅު އެޅުން
  3. ގައިދީންނަށް ސިއްހީ ފަރުވާ ދިނުމުގެ މަސައްކަތް ބޮއްސުންލާފައިވާތީ އެކަން ހައްލު ކުރުން
  4. ބާތިލްވެފައިވާ ގާނޫނުތަކުގެ ދަށުން ކޮށްފައިވާ ހުކުމްތައް ތަންފީޒު ނުކުރުން
  5. ކްލެމެންސީގެ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ޕެރޯލްގެ ކަންކަން ނިންމުން
  6. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ޖަލުގައި އެކަށީގެންވާ ފަރުވާ ދިނުން
  7. ދާއިމީ ބަލިތަކަށް ބޭސް ކުރާ ގައިދީންނަށް ޑޮކްޓަރެއްގެ ލަފައެއް ނެތި ބޭސް ނުދިނުން
  8. އާންމުކޮށް ވެސް އިންސާނުންނަށް ފޯރުކޮށްދޭ ސާފުތާހިރުކަމާއެކު ގައިދީންގެ ކެއުން ފޯރުކޮށްދިނުން

އދ. ގެ ވޯކިން ގްރޫޕުން ކުރި 10 ދުވަހުގެ ތަހުގީގަކަށްފަހު ބުނެފައި ވަނީ އާދަޔާ ހިލާފަށް ތޮއްޖެހުމާއި ވެންޓިލޭޝަންގެ މައްސަލަތަކާއި ބޭސްފަރުވާއަށް އިހުމާލުމުގެ މައްސަލަތައް ރާއްޖޭގެ ހުރިހާ ޖަލެއްގައި ވެސް ބޮޑު ކަމަށެވެ. އަދި ގޮޅިން ބޭރަށް ނުނެރުމާއި ކަސްރަތު ކުރުމާއި ޖަލުގައި ތިބޭއިރު ދޭންޖެހޭ އެފަދަ ހައްގުތައް ރާއްޖޭގެ ގައިދީންނަށް ނުލިބޭ ކަމަށް އދ. އިން ބުނެފައިވެ އެވެ.

"އޭގެ [ތޮއްޖެހުމާއި ގޮޅިން ބޭރަށް ނުނެރުމުގެ] އެއް މިސާލަކީ މާލޭ ޕްރިޒަންގައި ގައިދީން ޔާޑަށް ނެރެނީ ބޮޑު ކޮއްޓަކަށް ލައިގެން. އެތަނުގެ ވަރަށް ގިނަ ގައިދީންގެ ނިދާނެ އެނދެއް އަދި ގޮދަނޑިއެއް ނެތް. މިތަނުގެ ގައިދީންގެ އަދަދު ގިނަކަމުން ނިދަންޖެހެނީ ވަރަށް ކައިރިކައިރީގައި، ފައި ދަމާލާނެހާ ޖާގަ ވެސް ނެތި،" ވޯކިން ގްރޫޕުގެ މެމްބަރު ޕްރިޔާ ގޮޕަލާން މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެ.

ޖަލުތައް އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޖަލުގައި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަ ކުރުމަށް ރައީސް ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު ކޮމެޓީއެއް އުފައްދަވައިފަ އެވެ. އެ ކޮމެޓީގެ ވަރަށް ތަފްސީލު ރިޕޯޓެއް އޭޕްރީލް، 2019 ގައި އޮތީ އާންމުކޮށްފަ އެވެ. މިހާރު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދަކީ އެއިރު އެ ކޮމެޓީގެ މެމްބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox