މެންޗެސްޓާ (ޑިސެމްބަރު 24) - ގާތްގާތުގައި ކިތަންމެ ގިނަ މެޗެއް ކުޅެން ޖެހުނަސް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ކުޅުންތެރިން ހަޅުތާުލުކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ކްރިސްމަސް އާއި އާ އަހަރު ފެށުން ފާހަގަކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކުން ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އޭގެ ޝަކުވާ ކޮންމެ އަހަރަކު ވެސް ކުޅުންތެރިންނާއި ކޯޗުން ކުރެ އެވެ. ޔޫރަޕްގެ ހުރިހާ ގައުމުތަކުގެ ލީގުތައް އާ އަހަރަށް ދެ ހަފްތާ އަށް ޗުއްޓީއެއްގެ ގޮތުގައި މެދުކަނޑާލިޔަސް ޕްރިމިއާ ލީގުގައި އެ ގޮތަށް ނަހަދަ އެވެ.
މިއީ ކޮވިޑް-19ގެ ސަބަބުން ވެސް ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރާ ދުވަސްވަރެއް ކަމަށްވާތީ، މި ދުވަސްވަރު ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުގެ އުނދަގޫ ކުޅުންތެރިންނަށް ބޮޑުވާނެ އެވެ. ދާދި ފަހުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ "އެއްވެސް ބަޔަކު ކުޅުންތެރިންގެ ހައްގަށް" ވިސްނައި ގޮތް ނުނިންމާ ކަމަށް ބުނެފަ އެވެ.
ގާޑިއޯލާ ބުނީ ކުޅުންތެރިން ކުރާ މި ފަދަ ޝަކުވާގެ އަޑުނާހާނަމަ އެކަން ހައްލުކުރަން އޮތް ގޮތަކީ ކުޅުންތެރިން ހަޅުތާލެއް ކުރުން ކަމަށް ވެދާނެ ކަމަށެވެ.
"ކުޅުންތެރިންނާއި ކޯޗުން އެކުވެގެން އެންމެން ހަޅުތާލެއް ކުރަންވީތަ؟ އެއީ ހަމައެކަނި ބުނާ ބަހަކުން މިކަމެއް ހައްލެއް ނުވި،" ގާޑިއޯލާ ބުންޏެވެ.
"އެކަމަކު، އަހަންނެއް ގަބޫލެއް ނުކުރަން. އެކަން (ހަޅުތާލު) ކުރާނެ ކަމަށް. އެއީ އަހަރެމެން ކުޅެން ދަނޑުތަކަށް ދާނަން މި މަހު 26، 27، 28، 29، 30، 31، އަދި 1 ވަނަ ދުވަހު. އެއީ ސަޕޯޓަރުން ދަނޑަށްދާނެތީ އެ މީހުންގެ ވެސް އުފަލަށްޓަކައި. އަހަރެމެން ވެސް ކުޅެން ބޭނުންވާތީ،"
އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިންގެ ހައްގުގައި އޮތް ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) އިން އަންނަނީ ކުޅުންތެރިންގެ ޝަކުވާތައް އަޑު އަހައި އެކަމަށް ހައްލެއް ގެންނަން އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގު ބޯޑާ މަޝްވަރާ ކުރަމުންނެވެ.
ޕީއެފްއޭގެ ޗީފް އެގްޒެކްޓިވް މަހޭތާ މޮލަންގޯ ވިދާޅުވީ ކުޅުންތެރިންގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ އުސޫލުގެ ތެރެއިން ކަމަށެެވެ.












