ލަންޑަން (ޑިސެމްބަރު 23) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ލިވަޕޫލާއި އާސެނަލް ފުރަތަމަ ސެމީގައި ކުޅޭއިރު، އާސެނަލް ކުއާޓާގެ ފުރުސަތު ހޯދީ ތިން ވަނަ ޑިވިޝަނުގެ ސަންޑަލެންޑް ބަލިކޮށްފަ އެވެ. ލިވަޕޫލް ވަނީ ރޭ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި ލެސްޓާ ސިޓީއާ 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން 5-4 އިން މޮޅުވެފަ އެވެ.
އަނެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޗެލްސީ އެވެ. ޗެލްސީ އަކީ ކުރިން ކޮންޓޭ ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ކްލަބެކެވެ. ޓޮޓެންހަމް އިން ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ވަނީ ވެސްޓް ހޭމް ޔުނައިޓެޑް 2-1 އިން ބަލިކޮށްފަ އެވެ. އަދި ރަށުންބޭރުގައި ޗެލްސީ ވަނީ 2-0 ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދައިފަ އެވެެ.
އަމިއްލަ ދަނޑުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ލައިގެން ރޭގެ މެޗު ފެށި ލިވަޕޫލް ކޮޅަށް 13 މިނިޓް ތެރޭ ލެސްޓާ ސިޓީގެ ޖޭމީ ވާޑީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަލެކްސް އޮކްސްލޭޑް ޗަމްބަލެއިންގެ ގޯލުން ލިވަޕޫލަށް އުއްމީދެއް ހޯދައިދީފައިވަނިކޮށް، ލެސްޓާގެ ޖޭމްސް މެޑިސަން އޭރިއާބޭރުން ގޯލެއް ޖަހައި އެ ޓީމަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވާޑީ އަށް އިތުރު ލަނޑެއް ޖަހަން ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެ ވަނަ ހާފަށް ލިވަޕޫލުން ސީނިއާ ކުޅުންތެރިންތަކެއް ކުޅެން އެރިވިއިރު، މެޗުގެ 68 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ވަނީ ލިވަޕޫލަށް ދެ ވަަނަ ގޯލެއް ޖަހައިދީފަ އެވެ. ލިވަޕޫލަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފަސް ވަނަ މިނިޓްގައި ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯ ޖެހި ގޯލުންނެެވެ. ޕެނަލްޓީގައި ލިވަޕޫލް މޮޅުކޮށްދޭން ފަސް ވަނަ ޕެނަލްޓީ ޖަހަން ދިޔަ މިނަމީނޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ގޯލުގައި ހުރި އަޔަލެންޑްގެ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ ލެސްޓާގެ ލޫކް ތޯމަސް އާއި ރަޔާން ބާޓްރަންޑް ޖެހި ޕެނަލްޓީތައް މަތަކޮށްދީ މޮޅުވާން ފުރުސަތު ފަހިކޮށްދީފަ އެވެ. މޮޅުވި ޕެނަލްޓީ ޖެހީ ޖޮޓާ އެވެ.
އޭގެ ކުރިން ލިވަޕޫލްގެ ޖޭމްސް މިލްނާ، ރޮބާޓޯ ފިރްމީނޯ، ނަބީ ކެއިޓާ އަދި ޗަމްބަލެއިން ވެސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ލެސްޓާގެ މެޑިސަން، ވާޑީ، ޔޫރީ ޓިއެލަމަންސް އަދި ކެލެޗީ އިހެނާޗޯ ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ލީގު ކަޕުން ކަޓުވާލި ވެސްޓް ހޭމް އަތުން ޓޮޓެންހަމް މޮޅުވި ގޯލުތައް ޖެހީ ސްޓީވަން ބާގްވައިން އާއި ލޫކަސް މޯރާ އެވެ. ވެސްޓް ހޭމްގެ ގޯލު ޖެހީ ޖެރޮޑް ބޮވެން އެވެ.
ބްރެންޓްފޯޑް ކޮޅަށް ޗެލްސީން ދެ ގޯލު ޖެހީ ވެސް ފަހު ވަގުތު އެވެ. މެޗުގެ 80 ވަނަ މިނިޓްގައި ޗެލްސީ ލީޑުނެގީ ބްރެންޓްފޯޑްގެ ޕޮންޓަސް ޖެންސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ޗެލްސީގެ ޖޯޖީނިއޯ ޕެނަލްޓީއެއް ކާމިޔާބުކޮށް އެ ޓީމަށް ސެމީ ކަށަވަރުކޮށްދިނެވެ.
ސެމީ ފައިނަލް ދެ ލެގަށް ކުޅޭއިރު، މިއީ ލިވަޕޫލް 2017 ވަނަ އަހަރުގެ ފަހުން ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސެމީގެ ފުރަތަމަ ލެގު އޮންނާނީ ޖެނުއަރީ 3 އެވެ. ދެ ވަނަ ލެގު ކުޅޭނީ 10 ވަނަ ދުވަހު އެވެ. މިހާރު އޮތްގޮތުން ލީގު ކަޕް ފައިނަލް ކުޅޭނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ.












