ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ 2-2 އިން އެއްވަރުވި މެޗުގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ މެޗުގެ ރެފްރީ ޕޯލް ޓިއާނީ އަށް ފާޑުކީ މައްސަލައިގައި ކްލޮޕަށް ފިޔަވަޅެއް ނާޅާނެ ކަމަށް އިނގިރޭސި އެފްއޭ އިން ބުނެފި އެވެ.
ލިވަޕޫލާއި ޓޮޓެންހަމް އެއްވަރުވި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ތަރި ހެރީ ކޭން ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަށް ނުރައްކާތެރި ފައުލެއް ކުރުމުން ކޭން އަށް ދެއްކީ ރީނދޫ ކާޑެކެވެ. ރެފްރީ ޓިއާނީ ވަނީ އެ ފައުލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ރަނގަޅަށް ނުބަލައި ގޮތް ނިންމައިފަ އެވެ. އަދި އެ މެޗުގައި ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އަށް ޓޮޓެންހަމް އޭރިއާތެރެއިން އެ ޓީމުގެ އެމަސަން ރޯޔާލް ފައުލުކުރުމުން ލިވަޕޫލުން ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ޓިއާނީ ވަނީ ޕެނަލްޓީ އެއް ދޭން ނުޖެހޭ ކަމަށް ނިންމައިފަ އެވެ. އެ ނިންމުމާ މެދު ކްލޮޕް ނުރުހުން ފާޅުކުރި ގޮތުން އޭނާ އަށް ރެފްރީ ޓިއާނީ ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.
އެ މެޗުގެ ފުރަތަމަ ހާފު ނިމުމުންނާއި ދެ ވަނަ ހާފް ނިންމާފައި ވެސް ކްލޮޕް ވަނީ ރެފްރީ ކައިރިއަށް ގޮސް ނުރުހުން ފާޅުކޮށްފަ އެވެ. މެޗު ނިމުމުން ޓިއާނީ ކައިރިއަށް ގޮސް ކްލޮޕް ވަނީ ވާހަކަ ދައްކައިފަ އެވެ. ކްލޮޕް ބުނީ އެއްވެސް ރެފްރީއަކާ މެދު މައްސަލައެއް ނެތް ކަމަށާއި އެކަމަކު އަބަދުވެސް ފެންނަނީ ޓިއާނީއާ ކޮންމެވެސް މައްސަލައެއް ޖެހޭތަން ކަމަށެވެ.
ކްލޮޕް ދެެއްކި މި ވާހަކަތަކުގެ މަައްސަލައިގައި އިނގިރޭސި އެފްއޭ އިން ނިންމީ ކްލޮޕަށް ފިޔަވަޅެއް އަޅަން ޖެހޭ ވަރުގެ ކަމެއް ނުހިނގާ ކަމަށެވެ.
ޓޮޓެންހަމް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކްލޮޕް ބުނީ އިނގިރޭސި ބައެއް ރެފްރީންނަށް ވީއޭއާރް މުހިއްމު ވަނީ އެ ރެފްރީއެއްގެ ވިސްނުމަށް ފެންނަ ގޮތަކަށް ކަމަށެެވެ. އަދި ވީއޭއާރް ބަލަން ނިންމާއިރު، މެޗުގެ ހާލަތަށް އަދި ފައުލެއްގެ ސަބަބުން މެޗުގެ ނަތީޖާ އަށް އަންނާނެ ބަދަލަކަށް އިސްކަމެއް ނުދޭ ކަމަށެވެ.
މިދިޔަ ސީޒަނުގައި ވެސް ކްލޮޕާއި ޓިއާނީއާ ދެމެދު މެޗަކަށް ފަހު ދެބަސްވުމެއް ހިނގި އެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ޓިއާނީ ފުރަތަމަ ހާފު ނިންމާލަން ކަށިގަނޑު ފުމުނީ ލިވަޕޫލްގެ ސަޑިއޯ މާނޭ ހުސްކޮށް އެޓޭކެއް ކުރަން ދިޔަ ވަގުތުގަ އެވެ.
އެ މެޗަށް ފަހު ކްލޮޕް ބުނީ ޓިއާނީ ފުރަތަމަ ހާފު ނިންމާލީ ވަގުތު ހަމަވާން ހަ ސިކުންތަށް ވެފައި ވަނިކޮށް ކަމަށާއި އެ ވަގުތު ކޮޅަކީ ވެސް ކިހާ މުހިއްމު ވަގުތެއް ކަން ރެފްރީ އަށް ނުވިސްނުނީތީ ދެރަވާ ކަމަށެވެ.












