ލަންޑަން (ޑިސެމްބަރު 21) - ޔުއެފާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް ކުޅެން އޮތް މެޗު ކޮވިޑާ ހެދި ފަސްކުރަން ޖެހި، އެންމެ ފަހުން މެޗު ކުޅެވޭނެ ތާރީހާ މެދު ގޮތެއް ކަނޑަނޭޅި، ޔުއެފާ ކޮމިޓީން އެ މެޗުން ރެނެެސް މޮޅުވި ކަމަށް ނިންމުމުން ޓޮޓެންހަމް މުބާރާތުން ކެޓި މައްސަލަ އެޕީލްކުރަން އެ ކްލަބުން ނިންމައިފި އެވެ.
ޔުއެފާ ކޮންފަރެންސް ލީގުގައި މި މަހު ނުވަ ވަނަ ދުވަހު ރެނެސްއާ ދެކޮޅަށް ޓޮޓެންހަމް ކުޅެން އޮތް މެޗު، ފަސްކުރަން އެންމެ ފުރަތަމަ ޖެހުނީ އޭރު ޓޮޓެންހަމަށް ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތާ ހެދި އެވެ.
އަލުން މެޗު ކުޅެވޭނެ ގޮތެއް ބަލަން ކުރި މަސައްކަތުގައި ޓޮޓެންހަމްގެ ޝެޑިއުލް އޮތްގޮތުން އެ މެޗު އަލުން ރޭވޭނެ ތާރީހެއް ނުފެނުނެވެ. އެހެންވެ، މައްސަލަ ފޮނުވީ ޔުއެފާގެ ކޮމިޓީ އަށެވެ.
ހާލަތު ދިރާސާކުރުމަށް ފަހު ޔުއެފާ ކޮމިޓީ އިން ނިންމީ އެ މެޗުން ރެނެސް 3-0 އިން މޮޅުވީ ކަމަށެވެ. އެ ގޮތަށް ނިންމުމާ އެކު ޓޮޓެންހަމް މުބާރާތުން ކެޓީ އެވެ.
ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އަށް ކުޅުންތެރިންނާއި ފަސް ކޯޗިން ސްޓާފުން ކޮވިޑަށް ޕޮޒިޓިވްވެގެން މެޗު ފަސްކުރަން ޖެހުން އެއީ ޓޮޓެންހަމް ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި މި މަހު 31 ގެ ކުރިން ޔުއެފާގެ ހުރިހާ ކްލަބް މުބާރާތެއްގެ ގްރޫޕް ސްޓޭޖު ނިންމަން ޖެހުނު ކަމުގައި ވިިޔަސް ޓޮޓެންހަމްގެ ޝެޑިއުލާ ކަންކަމަށް ބަލާފައި، ރެނެސް އަށް މެޗު ދޭ ގޮތަށް ނިންމުން ބަލައިނުގަނެވޭ ކަމަށް ކޮންޓޭ ބުންޏެވެ.
"ވަރަށް ނާއިންސާފުން ހިނގި ކަމެއް މިއީ. އަހަރެމެން މި މެޗު (ރެނެސް މެޗު) ދަނޑުމަތީގައި ކުޅެވޭނެ ގޮތެއް ހޯދަން ޖެހޭ. ޔުއެފާ އިން ނިންމި ގޮތް އަހަންނަށް އެއްގޮތަކަށް ވެސް ކަމަކު ނުދޭ،" ކޮންޓޭ ބުންޏެވެ.
ޓޮޓެންހަމުން އަންނަނީ ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ރެނެސް އަށް މެޗު ލިބޭ ގޮތަށް ނިންމި ނިންމުން ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަންގައި އެޕީލްކުރަން ނިންމައިފަ އެވެ.












