ބަރަހަނާ ފޮޓޯ ކުޑަކުއްޖަކަށް ދެއްކި ކަމަށް ތުހުމަތުކޮށް ޖިންސީ ގޯނާގެ ދައުވާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގދ. ގައްދޫ ކައުންސިލްގެ ރައީސް، މުހައްމަދު އަހުމަދު (އެމްޑީ) މިނިވަންވެއްޖެ އެވެ.
މި މައްސަލާގައި ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އިއްޔެވެ. ކުޑަކުއްޖެއްގެ މަސްލަހަތު އެކުލެވޭތީ ސިއްރުން ގެންދިޔަ މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވީ ދައުވާ ސާބިތުވި ނަމަ ހަތް އަހަރާއި 10 އަހަރުގެ ހުކުމެއް އަންނާނެ ކަމަށެވެ.
އޭނާގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖަކަށް ބަރަހަނާ މަންޒަރު ދެއްކި ކަމުގެ ދައުވާ އެވެ.
އެ އޮފީހުގެ ތަރުޖަމާނު، އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވި ގޮތުގައި މި ދައުވާ ސާބިތު ނުވީ ފޭސްބުކްގެ މެސެންޖާއިން ބަރަހަނާ ފޮޓޯ ފޮނުވީ އަހްމަދުގެ އެކައުންޓުންކަން އެކަށީގެންވާ ވަރަށް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާތީ ކަމަށް ހުކުމުގައި ވެއެވެ.
މިއާއެކު އޭނާ ވަނީ މިނިވަންވެ، ރަސްމީ ވަޒީފާއަށް ނުކުންނަން ފަށާފަ އެވެ. މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތަށް 60 ދުވަސް ލިބޭތީވެ އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަހުމަދު ކައުންސިލުގެ ރައީސްގެ މަގާމަށް ހޮވުނީ، ވާދަވެރި ކެންޑިޑޭޓުގެ މައްޗަށް 85 ވޯޓުގެ ކުރި ހޯދައިގެންނެވެ. އޭނާއަކީ މީގެ ކުރިން ވެސް ގައްދޫ ކައުންސިލްގެ ރައީސްކަން ކޮށްފައިވާ މީހެކެވެ. މަގާމުގެ ހުވާ ކުރީ، މި މައްސަލާގައި އޭނާ ބަންދުކުރުމަށްފަހު ގައްދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލާފައި ވަނިކޮށެވެ. ނަމަވެސް ހައިކޯޓުން އެ ނިންމުން ބާތިލް ކޮށް، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރި އެވެ.
ގައްދޫ ކައުންސިލަށް ހޮވުނު މުހައްމަދު އަހުމަދުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގައްދޫ ރައްޔިތުންގެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އޭނާ ނިސްބަތްވާ ޕީޕީއެމުން ބުނެފައިވަނީ، މުހައްމަދު އަހުމަދު ފްރޭމް ކުރުމުގެ ގޮތުން އަޅުވާފައިވާ އިލްޒާމްތަކެއް ކަމަށް އަޑު އިވިފައިވާ ކަމަށެވެ.
އޭނާ އިންތިހާބުވުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ، ކޯޓުގައި މައްސަލައެއް އޮތުމަކީ އިންތިހާބަށް ކުރިމަތިލާފައިވާ މީހެއްގެ ކެންޑިޑެސީ ބާތިލުވާ ކަމެއް ނޫން ކަމެވެ.
ގާނޫނުގައި ބުނާ ގޮތުން މީހެއްގެ ކެނޑިޑެސީ ބާތިލު ކުރެވޭނީ، ނުވަތަ އޭނާގެ ޝަރުތު ހަމަ ނުވާކަމަށް ބެލެވޭނީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އޭނާގެ މައްޗަށް ޖިނާއި ކުށެއް ނުވަތަ ދަރަނީގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ ނަމަ އެވެ.












