އިދިކޮޅު ޕީޕީއެމްގެ ފަރާތުން މިހާރު ކުރިއަށްދާ ވެހިކަލް ބުރު ފުލުހުން ހުއްޓުވުމުން، އެ ހަރަކާތް މުޒާހަރާއަކަށް ބަދަލުވެ، އެއްވުމުގައި ބައިވެރިވި ބައެއް މީހުން ފުލުހުންގެ ބެރިކޭޑު ފަޅާލައިފި އެވެ.
ބޮޑުތަކުރުފާނު މަގު ޕީޕީއެމް އޮފީސް ސަރަހައްދުގައި ޖެހި ބެރިކޭޑް ރޫޅާލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެ ސަރަހައްދުގައި ޕެޕާ ސްޕްރޭ ބޭނުންކޮށްފަ އެވެ. އަދި އެތަނުން އެކަކު ވަނީ ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަކަށް އަރުވައިފަ އެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި ބޭއްވުމަށް ރޭވި އިދިކޮޅުގެ ވެހިކަލް ބުރަށް ފުލުހުން ފުރުސަތު ނުދިނީ "އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު" ލިބިފައިވާތީ ކަމަށް، މުޒާހަރާ ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.
އޭގެ ކުރިން، އެ އެއްވުމުގައި "ރާއްޖެއާ ބޭރު ގައުމުތަކުގެ ގުޅުމަށް އަސަރު ކުރާ ފަދަ އެއްވެސް އަމަލެއް މި ވެހިކަލް ބުރުގައި ނުކުރުމަށް" ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ވަނީ ޕީޕީއެމަށް އަންގައިފަ އެވެ.
މިއަދުގެ މުޒާހަރާގައި ފުދޭވަރަކަށް ގިނަ މީހުން ބައިވެރިވި އެވެ. އެއްވުމުގެ ބައިވެރިން ތިބީ އެމީހުންގެ ޝުއޫރުތައް ދައްކުވައިދޭ ޓީޝާޓް ފަދަ ތަކެތި ލައިގެންނެވެ. އަދި މުޒާހަރަގާއި ބައިވެރިވި ވަރަށް ގިނަ ބަޔަކު ތިބީ ދިވެހި ގައުމީ ދިދަ ހިފައިގެންނެވެ.

އެ މުޒާހަރާ ނިންމާލިކަން ޕީޕީއެމުން ރަސްމީކޮށް އިއުލާން ކުރީ 5:45 ހާއިރެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގެންވި ފަހުން އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ އެމަނިކުފާނުގެ އިސްނެންގެވުމަކަށް ހިންގާ ހަރަކާތެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އިއްޔެ ކ. ގުރައިދުއަށް ވަޑައިގެން އެ ކެމްޕެއިނުގެ ހަރަކާތެއްގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.













