ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ޖާގަ އެފްއެސްއެމް އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން މިރޭ ހޯދައިފި އެވެ.
އެފްއެސްއެމް އިން ފައިނަލުގެ ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 2-1 އިން ޕްރިޒަން ބަލިކޮށްފަ އެވެ. ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އާރްއާރްސީ އާއި ފެނަަކަ ފުރިހަމަ ވަގުތު ހަމަވިއިރު، 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން އެ ޓީމު ބަލިވީ 6-3 އިންނެވެ.
ޕްރިޒަންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ސާޖިދު ރަޝީދު (ސާޖީ)، އިއްޔެ އެކްސިޑެންޓް ވެގެން މިރޭގެ ސެމީ ފައިނަލްގައި ނުކުޅެ އެވެ.
މިރޭގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ވަރަށް ބޮޑަށް ޑިފެންސަށް ފޯކަސް ކޮށްގެން ކުޅެމުންދިޔައިރު، ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. ދެ ޓީމުން ވެސް ގޯލުތައް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ 34 ވަަނަ މިނިޓްގައި އެފްއެސްއެމް އަށް ލީޑުނަގައިދިނީ އެ ޓީމުގެ މުހައްމަދު ތޯހިރު ޖެހި ހިތްގައިމު ގޯލުންނެވެ. ޕްރިޒަންގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ލިބުނު ކުޑަކުޑަ ޖާގައެއްގެ ތެރެއިން ތޯހިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
އޭގެ ތިން މިނިޓް ފަހުން ޕްރިޒަންގެ އާދަމް މަންސޫރު ވަނީ ގޯލެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މަންސޫރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ޕްރިޒަން އިން އެއްވަރުކޮށް ލީޑުނަގަން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ލިބުނު ފުރުސަތުގައި އެފްއެސްއެމް އިން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. މި ގޯލު މުހައްމަދު ޖުމާން ދިން ބޯޅައަކުން ނާއިފް ޝަފީގް (ސީއާރް3) ވަނީ ހަމަޖެހިފައި ގޯލުގެ ކަނަށް ތިރިތިރިން ފޮނުވާލައިފަ އެވެ.

ޕްރިޒަންގެ ކުޅުންތެރިއަކު ކައިރިން އެފްއެސްއެމްގެ ތޯހިރު (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަސް،އެމްވީ
މެޗުގެ އިތުރު ވަގުތުގައި އެފްއެސްއެމް އިން ފަސް ފައުލު ހަމަވެ، ޕްރިޒަން އަށް ދުރު ޕެނަލްޓީ އަކަށް ދައްކާފައިވަނިކޮށް އެއް ރެފްރީ މެޗު ނިންމާލި އެވެ. އެކަމަކު، ރެފްރީން މަޝްވަރާކުރުމަށް ފަހު ނިންމީ ޕެނަލްޓީ ޖަހަން ދޭށެވެ. އެކަމަކު، ޕްރިޒަންގެ އަހުމަދު ޝަމާލް ފޮނުވާލި ޕެނަލްޓީ އެފްއެސްއެމްގެ ކީޕަރު އަބްދުﷲ ފަޔާޒް (ފަޔާ) ވަނީ މަތަކޮށް އެފްއެސްްއެމަށް ފައިނަލުގެ ޖާގަ ހޯދައިދީފަ އެވެ.
ސެމީގެ ދެ ވަނަ މެޗުގައި މިރޭ ފެނަކަ އިން ކުޅުނީ ސަސްޕެންޝަންގެ ސަބަބުން އެ ޓީމުގެ ތަރި އަޔާޒް އަހުމަދު (އަޔާ) ނުލަ އެވެ. މި މެޗު ފަށައިގެން ތިން ވަަނަ މިނިޓްގައި އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ބިޗަޑް ޖެހި ބޯޅަ ގޯލަށް ވަނީ ފެނަަކަ ކީޕަރު އަހުމަދު ހުސާމް އަތުގައި ޖެހިފަ އެވެ.
މެޗުގެ 15 ވަަނަ މިނިޓްގައި ފެނަކައިގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އަތުން ބައިކޮޅަށް ވަން ގޯލުން އާރްއާރްސީން ލީޑުފުޅާކުރި އެވެ. މިއީ އާރްއާރްސީގެ އާދަމް ނާސިހު (އާދަންނާ) ނެގި ހުރަހެއް ހުއްޓުވަން ބޮބީ ކުރި މަސައްކަތުގައި އޭނާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެެވެ. އޭގެ ފަހުން ފެނަކައިގެ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދީފަ އެވެ.
ދެ ވަނަ ހާފުގައި ބިޗަޑް އިތުރު ގޯލެއް ޖަހައި އާރްއާރްސީ އަށް ދެ ގޯލުގެ ލީޑެއް ނަަގައިދިން ނަމަވެސް މެޗުގެ ފަހު ވަގުތު ފުލުފުލުގައި ދެ ގޯލު ޖަހައި މުލަކޭ ވަނީ ފެނަކަ އަށް އެއްވަރުކޮށްދީފަ އެވެ. މުލަކޭ ދެ ގޯލު ވެސް ޖެހީ އާރްއާރްސީ ކުޅުންތެރިން ކައިރިން ރަނގަޅު ވަގުތުގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެންނެވެ.
ފެނަކަ އިން ކުއާޓާ ފައިނަލުގައި އެސްޓީއޯ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވީ ރަނގަޅަށް ޕެނަލްޓީތައް ފޮނުވާލައިގެންނެވެ. އެކަމަކު، މިރޭ ފެނަކައިގެ ޕެނަލްޓީތައް ފެނުނީ ވަރަށް ދަށް ކޮށެވެ. އާރްއާރްސީގެ އާދަންނާ، އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ފެނަކައިގެ އަހުމަދު ހަލީމް (އައްމަޑޭ)ގެ ޕެނަލްޓީ އާރްްއާރްސީގެ ކީޕަރު މުހައްމަދު ޒުހަލް މަަތަކުރި އެވެ. އައްމަޑޭ އަށް ކުއާޓާގައި ކުޅުނު އެސްޓީއޯ މެޗުގައި ވެސް ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ.
އާރްއާރްސީގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ޖެހި ޕެނަލްޓީ ފެނަކަ ކީޕަރު ހުޝާމް އަތުގައި ޖެހިފައި ގޯލަށް ވަންއިރު، ފެނަކަ ޓީމަށް މިރޭގެ މެޗުގައި ހެޓްރިކް ހަދައިދިން މުލަކޭ އަށް ދެ ފަހަރު ޖަހަން ލިބުމުން ވެސް ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. މުލަކޭ ފުރަތަމަ ޖެހި ޕެނަލްޓީ އާރްއާރްސީގެ ކީޕަރު މުހައްމަދު ޒުހަލް މަތަކުރީ ކުރިއަށް ޖެހިފައި ކަމަށް ނިންމައި އަލުން ޖަހަން މުލަކޭ އަށް ދިނުމުން މި ފަހަރު ފޮނުވާލި ބޯޅަ ގޯލަށް ސީދާ ވެސް ނުވި އެވެ.
އާރްއާރްސީ އަށް ތިން ވަަނަ ޕެނަލްޓީ ޖަހައިދޭން ދިޔަ އަލީ ޝާމިސް (ތޮއްޕޭ) ޖެހި ޕެނަލްޓީ ހުރަސްދަނޑިމަތިން ދިޔައިރު، ފެނަކަ އިން ދެން ޖެހި ޕެނަލްޓީ ވެސް ކާމިޔާބުނުވި އެވެ. އިބްރާހިމް އަރީޝް (އަރިއްޓޭ) ޖެހި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރުންނެވެ. އާރްއާރްސީ މޮޅުކޮށްދޭން އިބްރާހިމް އަސްވަދު (ގަބޭ) ޖެހި ޕެނަލްޓީ ގޯލުގެ ކަނަށް އަމާޒުވެ، އެ ޓީމުން ފައިނަލުގެ ޖާގަ ޔަގީންކުރީ އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ނަމުގައި 2017 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބު ކުރި ނަަމަވެސް އެ ފަހުން އެ ކުންފުނި އުވާލި އެވެ. މިއީ މި ސަރުކާރުން އުފެއްދި، އާރްއާރްސީގެ ނަމުގައި މުބާރާތް ކުޅޭ ފުރަތަމަ ފަަހަރެވެ. އާރްއާރްސީން މި ވަނީ ކުޅުނު ފުރަތަމަ ފަހަރު ވެސް ފައިނަލުގެ ޖާގަ ހޯދައިފަ އެވެ.
އާރްއާރްސީ އާއި އެފްއެސްއެމް ކުޅޭ ފައިނަލް އޮންނާނީ އާދިއްތަ ދުވަހުގެރޭގަ އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާ ފައިނަލުގައި ތަށި މިލްކުކުރަން ނުކުންނަ އެމްޕީއެލް ކުޅޭނީ ވެމްކޯއާ އެވެ. އެ މެޗު އޮތީ ހޮނިހިރު ދުވަހުގެރޭގަ އެވެ.












