ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރެއް ނެތި 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމް މަނާކުރާ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ފޮނުވި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމެވެ. އެ ބިލް ފާސްކުރީ މަޖިލީހުގެ 51 މެންބަރުންގެ ވޯޓާއެކު އެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން ފުލުހުންނަށް މި ބިލުން ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ.
ބިލުން އެންމެ ބޮޑަށް ފާހަގަ ވަނީ، ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބޭތިއްބޭ ގޮތަށް ގާނޫނުގެ 22 ވަނަ މާއްދާއަށް ގެންނަން ހިމަނާފައިވާ އިސްލާހެވެ.
އެ އިސްލާހުގައި ވަނީ ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރަށް ބަންދުގައި ބެހެއްޓޭނީ ވަކި ހާލަތްތަކެއްގައި ހައްޔަރުކުރާ މީހުންކަން ބަޔާންކޮށްފަ އެވެ. އެގޮތުން އެފަދަ މީހުންނަކީ ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގުމުގައި ބައިވެރިވާ މީހުންނާއި ނުރައްކާތެރި ހަތިޔާރާއި، ގޮވާތަކެއްޗާއި ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ވިއްކުމާއި އުފެއްދުމާއި އޭގެއިން ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދާން އުޅޭ މީހުން ވެސް 48 ގަޑިއިރަށް ބަންދުކުރުމުގެ ބާރު ފުލުހުންނަށް ދޭން ނިންމާފައިވެ އެވެ.
ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެކަމަށްޓަކައި އެފަދަ ސަރަހައްދަކަށް ގޮސް އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށްވެސް ބިލުގައި ވަނީ ކަންތައްތަކެއް ހިމަނައިފައި އެވެ.
އެގޮތުން އެކަންކަމުގައި ރާއްޖެއިން ބޭރަށް ގޮސް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމާއި އެފަދަ ފަރާތްތަކުން މުޖުތަމައު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބިލުގައި ހިމަނާފައިވެ އެވެ.
އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ކަންކަން މަގުފަހިކުރުމަށް ކުރަން ޖެހޭ ކަންތައްތައްވެސް އެ ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ޓެރަރިޒަމްގެ އެ އިސްހާލަށް އަމަލުކުރަން ފަށަތާ އެއް މަސް ދުވަހުގެ ތެރޭގައި ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީއެއް ވެސް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށަން ވެސް ޖެހެ އެވެ.













