ލީޑްސް ކޮޅަށް ހަތް ގޯލު ޖަހައި ސިޓީ ލީޑުފުޅާކޮށްފި

Dec 14, 2021, 10:15 PM
ލަނޑު ޖެހުމަށް ފަހު ޑިބްރޭނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޑިބްރޭނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑް އަތުން 7-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 17 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 16 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިނަަމަ ސިޓީގެ ލީޑު އަލުން އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ޒުވާން ތަރި ފިލް ފޯޑެން ސިޓީ އަށް ލީޑުނަގައިދިނެވެ. މިއީ ޕެޕް ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމުން ލީގުގައި ޖެހި 500 ވަނަ ގޯލެވެ. އޭގެ ފަސް މިނިޓް ފަހުން ރިޔާދު މާރޭޒް ނަގައިދިން ހުރަހަކުން ޖެކް ގްރީލިޝް ބޮލުން ގޯލު ޖަހައި ސިޓީގެ ލީޑުފުޅާކޮށްދިނެވެ. މިއީ ސިޓީ އަށް އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ގްރީލިޝް ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ 32 ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ލަނޑު ރޮޑްރީ ދިން ބޯޅައަކުން ޖެހީ ކެވިން ޑިބްރޭނާ އެވެ. މިއީ ގިނަ ދުވަސްތަކަކަށް ފަހު ޑިބްރޭނާ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ. ދެ ވަަނަ ހާފް ފެށިގެން ހަަތަރު މިނިޓް ތެރޭ ރިޔާދު މާރޭޒް ސިޓީގެ ހަތަރު ވަނަ ގޯލު ޖެހި އެވެ. މިއީ ސިޓީ އަށް މާރޭޒް ލީގުގައި ކުޅެދިން 100 ވަނަ މެޗެވެ. މާރޭޒަކީ ތަފާތު ދެ ޓީމަށް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންްތެރިޔާ އެވެ. މާރޭޒް ވަނީ ލެސްޓާ އަށް ލީގުގައި އޭނާ ކުޅެދިން 100 ވަނަ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.

ސިޓީގެ ފަސް ވަނަ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑިބްރޭނާ އެވެ. އޭގެ ފަހުން ޖޯން ސްޓޯންސާއި ނޭތަން އަކޭ ވަނީ ސިޓީ އަށް އިތުރު ދެ ގޯލު ޖަހައިދީފަ އެވެ. ދެ ވަނަ ހާފުގައި ބެނާޑޯ ސިލްވާގެ ބަދަލުގައި ކުޅެން އެރި އިލްކާއި ގުންޑޮގާން ވަނީ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މިއީ ލީޑްސްގެ ކޯޗު މާސެލޯ ބިއެލްސާ، ކޯޗިން ކެރިއަރުގައި އިރުޝާދުދިން 568 މެޗުގައި އޭނާ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. އަދި ލީޑްސް ވެސް އެ ކްލަބްގެ ތާރީހުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި އެއް މެޗެވެ.

މީގެ ކުރިން ލީޑްސް އެންމެ ތަފާތު ބޮޑުކޮށް ބަލިވެފައިވަނީ 1934 ގައި ސްޓޯކް ސިޓީ އަތުން 8-1 އިންނާއި 1966 ގައި ވެސްޓް ހޭމް އަތުން 7-0 އިން އަދި 1979 ގައި އާސެނަލް އަތުން 7-0 އިންނެވެ.

މިރޭގެ ނަތީޖާއާ އެކު ލީޑްސް އޮތީ 17 މެޗުން 16 ޕޮއިންޓާ އެކު 16 ވަނައިގަ އެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުން ލީގު ތާވަލުގެ ފުލުގައި އޮތް ނޯވިޗް ސިޓީ އަތުން އެސްޓަން ވިލާ ވަނީ 2-0 އިން މޮޅުވެފަ އެވެ. ވިލާގެ ކޯޗުކަމާ ސްޓީވެން ޖެރާޑް ހަވާލުވީ މި ވަގުތު ނޯވިޗްގެ ކޯޗަކަށް ހުރި ޑީން ސްމިތު މަގާމުން ވަކިކުުރުމުންނެވެ. މިރޭގެ މޮޅާ އެކު ވިލާ ވަނީ ލީގުގެ ނުވަ ވަަަނަ އަށް އަރައިފަ އެވެ. އެއީ 17 މެޗުން 22 ޕޮއިންޓާ އެކު އެވެ.

މެންޗެސްޓާ ޔުނައިޓެޑްގައި ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މިރޭ އެ ޓީމުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox