ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި ވަޅި ޖަހާ މަރާލި، ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ގަފޫރުގެ މަރުގެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާއަށް، ހާދިސާ ކިޔާނުދެވި އަޑުއެހުން ކުރުކޮށްލަން ޖެހިއްޖެ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ހާރިސް ހަށިގަނޑުގެ އަށް ތަނަކަށް ވަޅިޖަހާ، އަނިޔާވެރި ގޮތަކަށް މަރާލި ކަމުގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމިން ރަޝީދު، 23، ގެ މައްޗަށެވެ. ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ހިސާބެއްގައި، ހާރިސް މަރާލާފައި ވަނީ ވަށައިގެން ގަސްހެދި، ކޮޅު ބެދިފައިވާ އަނދިރި ގޯޅި ގަނޑެއްގެ ތެރޭގަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ނުބޭއްވި މަޑުޖެހިފައި އޮތުމަށްފަހު މިއަދަށް ތާވަލްކުރި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނަނގާފައިވެ އެވެ. އެ ހެކިވެރިޔާއަކީ ހާދިސާ ހިނގި ގޮތް އެނގޭ މީހެއް ކަމަށް ބުނެ ދައުލަތުން ހުށަހެޅި ހެއްކެވެ.
ނަމަވެސް, އެ ހެކިވެރިޔާއަށް ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ދޭން ނޭނގުނެވެ.
ހެކިވެރިޔާ ބުނީ 2017 ގައި ހިނގި މި ހާދިސާ ރަނގަޅަށް ހަނދާނުގައި ނެތް ކަމަށެވެ. އެކަން ހިނގި ތާރީހެއް، ނުވަތަ ދުވަސްވަރެއް ވެސް އޭނާއަށް ކިޔާދޭން ނޭނގުނެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ރަށުގައި މީހަކު މަރާލައިގެން އުޅޭ ކަމުގެ މައުލޫމާތު ހެކިވެރިޔާއަށް ލިބުނީ އާއިލީ ބަޔަކާއެކު ކޮފީއެއްގައި އިންދާ އެވެ. އެއީ އޮންލައިން ނޫހެއްގައި ލިޔެފައި އިން ހަބަރަކުންކަން އޭނާ ފާހަގަކުރި އެވެ.
ދައުވާ ރައްދުވާ މީހާއާއި ހެކިވެރިޔާއާ އޮތް ގުޅުމަކީ ކޮބާތޯ ދައުލަތުން އެހުމުން އެ ސުވާލަށް ޖަވާބުދޭން ސިއްރު ހެކިވެރިޔާ އުޒުރުވެރިވި އެވެ. އޭނާ ބުނީ އެ ގުޅުން ހާމަކޮށްފިނަމަ، އޭނާއަކީ ކާކުކަން ދައުވާ ރައްދުވާ މީހާއަށް އެނގޭނެ ކަމަށެވެ.

ހާރިސް: އޭނާ މަރާލި ކަމުގެ ދައުވާ ކުރަނީ ޔާމީން ރަޝީދުގެ މައްޗަށް --
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ލިބޭ މީހާ އާންމުކޮށް ލައި އުޅޭ ހެދުމާއި، ހިނގާ ބިނގާވެ އުޅޭ ގޮތާއި މެދު ސުވާލުކޮށްފަ އެވެ. ހެކިވެރިޔާ ބުނީ ޔާމީން އާންމުކޮށް ފެންނަނީ ސައިކަލުގައި ކަމަށެވެ. އެއީ ޖީއެން ސައިކަލަކުންނާއި، ކަޅާ ރަތް ކުލައިގެ އެއާބްލޭޑް ސައިކަލުން ކަމަށް ބުންޏެވެ.
މިފަދަ އެކި ސުވާލުތައް ތަކުރާރުކޮށް އެކި ގޮތްގޮތަށް ދައުލަތުން ކުރަން ފެށުމުން ދިފާއީ ވަކީލުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަމަށް އިއުތިރާޒް ކުރި އެވެ.
ދައުލަތުގެ ކޮންމެ ސުވާލަކާއެކު ދިފާއީ ވަކީލް އަބްދުﷲ ޝާއިރު ފުރުސަތަކަށް އެދިވަޑައިގަންނަވާތީ، ދައުލަތުން ވަނީ އެކަން ކުއްވެރިކޮށް، ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ދިފާއުން ހުރަސް އެޅަމުންދާ ކަމަށް ބުނެފަ އެވެ.
ދިފާއީ ވަކީލް ވިދާޅުވީ ދައުލަތުން އެ ސިއްރު ހެކިވެރިޔާއާ ކުރަމުން ދިޔައީ ދައުވާއާ ގުޅުމެއް ނެތް "ކޫސަނި" ސުވާލުތަކެއް ކަމަށެވެ. އަދި އޭނާގެ ވަގުތު ބޭކަރުވާކަން ފާހަގަކޮށް އަޑުއެހުން ދިގު ނުދެންމުމަށް އެދުނެވެ. ދައުލަތުގެ ބައެއް ސުވާލުތަކަށް ދިފާއުން އިއުތިރާޒް ކުރުމުން، ގާޒީ ވެސް ވަނީ ދެތިން ސުވާލެއް ހެކިވެރިޔާއާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފަ އެވެ.
ދިފާއީ ވަކީލް އަލީ އާސިފް ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މި އަޑުއެހުމުގައި ދައުލަތުން މަސައްކަތް ކުރީ "ވަކި ގޮތަކަށް ހެކިވެރިޔާގެ އަގަޔަށް ލަވައިދީގެން، ދައުލަތުން ބޭނުންވާ ޖަވާބު" ހޯދުމަށް ކަމަށެވެ.
އެ ހެކިވެރިޔާގެ އިތުރުން އިތުރު ހެކިވެރިއެއް މިއަދުގެ އަޑުއެހުމަށް ދައުލަތަށް ހާޒިރުކުރެވިފައި ނުވެ އެވެ. އެހެންވެ އަޑުއެހުން ކުރުކޮށްލީ ރިސެސްއަށް ދާ ދެ ހަފްތާގެ މުއްދަތުގައި ވެސް މި މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމުމަށްފަހު އެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކެއް އަންނަ ހަފުތާގެ އެކި ދުވަސްތަކުގައި އޮންނާނެ ކަން ގާޒީ ފާހަގަކުރެއްވި އެވެ.
ހެކިބަސް ނަނގާއިރު ތަހުގީގު ކުރި ފަރާތުގެ ހެކިބަސް އެންމެ ފަހަށް ނެނގޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަށް ދައުލަތުން މައްސަލަ ބައްލަވާ ގާޒީ، އާދަމް މުހައްމަދުގެ އަރިހުގައި އެދުނެވެ. އެކަމަށް އިއުތިރާޒް ކުރަމުން ދިފާއީ ވަކީލް އާސިފް ވިދާޅުވީ ދައުލަތުން ބޭނުން ގޮތަކަށް ހެކިވެރިންގެ ހެކިބަސް ތަރުތީބު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
"އެންމެ ފަހަކަށް ތަހުގީގު ކުރި ފަރާތުގެ ހެކިބަސް ލާން އެ އެދުނީ ހެކިވެރިންގެ ހެކި ބަހުން ނުލިބި ހުރި ބައިތައް ފޫބައްދަން," އާސިފް ވިދާޅުވި އެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ 22 ގައެވެ. އެއަށްފަހު އޮގަސްޓު މަހަށް ދެ އަޑުއެހުމެއް ތާވަލްކުރި ނަމަވެސް، ބާއްވާފައެއް ނުވެ އެވެ.
އޮޕަރޭޝަނެއް ކުރަން ދޫކޮށްދިނުމަށް އެދުނު
ހެކިވެރިޔާގެ ހެކިބަހަށްފަހު ދިފާއުން ވަނީ ދައުވާ ރައްދުވާ ޔާމީންގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އެކަމަށް ޑޮކްޓަރު ލަފާދީފައިވާކަން ފާހަކޮށް، ދިފާއީ ވަކީލް ވަނީ އޭނާގެ މުއައްކިލުގެ ސިއްހީ ހާލަތު ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ޔާމީން އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް މިދިޔަ ނޮވެމްބަރު މަހުގައިވެސް ޑޮކްޓަރު ލަފާދީފައި ވެއެވެ. މީގެ އިތުރުން މީގެ ދެ އަހަރު ކުރިންވެސް ޑޮކްޓަރު އެ އޮޕަރޭޝަން ކުރުމަށް ލަފާދީފައިވާ ކަން ފާހަގަކޮށް، ދިފާއީ ވަކީލް ވިދާޅުވީ އެކަން ނުވެ އޮތީ އޮޕަރޭޝަން ކުރާނެ ތާރީހެއް ދައުލަތުން ދީފައި ނެތުމުން ކަމަށެވެ.
ވަކީލް ވިދާޅުވި ގޮތުގައި 2015 ވަނަ އަހަރުގެ ތެރޭ ހިނގި މާރާމާރީއެއްގައި ޔާމީންގެ ގޮހޮރަށް ގެއްލުން ވެފައި ވުމުން ބޮޑު އޮޕަރޭޝަނެއް ވެސް ކޮށްފައި ވެއެވެ. އެހެންވެ އިތުރު އާދައިގެ އޮޕަރޭޝަނަކުން ވެސް އަތުވެދާނެ ސިއްހީ މައްސަލަތައް ހުރެދާނެ ކަމަށް ބެލެވޭތީ ލުޔެއް ދޭން ވަކީލުން ތަކުރާރުކޮށް އޭނާ އެދިވަޑައިގަތެވެ.
މިގޮތުން އޮޕަރޭޝަން ހިނގާނެ މުއްދަތާއި އޮޕަރޭޝަނުން ރިކަވާ ވާން ހިނގާނެ މުއްދަތު ހަމަވަން ދެން އައިޖީއެމްއެޗްގައި އާއިލާގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެ އިންތިޒާމެއް ދިނުމަށް ދިފާއުން އެދިވަޑައިގަތެވެ.
މިކަމަށް ރިއާޔަތްކޮށް މައްސަލަ ބައްލަވާ ގާޒީ އާދަމް ވަނީ އޮޕަރޭޝަން ކުރެވޭނެ ތާރީހާއި އެޑްމިޓް ކުރެވޭނެ ތާރީހް ދައުލަތުން ސާފު ކުރުމަށް ފަހު ޝަރީއަތަށް ހިއްސާ ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ބަލި ހާލަތަށް ރިއާޔަތްކޮށް ބަންދަށް ލުއި ދިނުމަކީ އެ ކޯޓުގައި އަމަލު ކުރާ އުސޫލެއް ކަން ވެސް ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، ދިފާއުން ހުށަހެޅި ކަންކަމާ ގުޅިގެން އަންނަ ހަފްތާ ބާއްވާ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.












