ކްލަބް މޯލްޑިވްސް: އެފްއެސްއެމް ސާބިތުކޮށްދިނީ "ޓީމްވޯކް" ގެ ވަރުގަދަކަން

އެފްއެސްއެމްގެ ކޯޗު އިސްމާއިލް އާއި އެ ޓީމު ވަނީ ހިތްވަރުގަދަ ޖޯޝެއް މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ދައްކާފައި.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު

އެފްއެސްއެމްގެ ކޯޗު އިސްމާއިލް އާއި އެ ޓީމު ވަނީ ހިތްވަރުގަދަ ޖޯޝެއް މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ދައްކާފައި.-- އަދަދު ގްރެފިކްސް: އަބްދުﷲ ޝަފީއު

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން އެންމެ ހީނުކުރާފަދަ ގޮތަކަށް ޖާގަ ހޯދާފައިވާ ޓީމަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. އެ ޓީމުން މުބާރާތުގެ ފަހު ހަތަރު ޓީމުގެ ތެރެއިން ފުރުސަތު ހޯދަން ކުރި މަސައްކަތަށް ތައުރީފު ހައްގެވެ. ފުޓްސަލްގައި ވަރުގަދަ ނަން މަޝްހޫރު ކުޅުންތެރިން ތިބި ދެ ޓީމެއް ވަނީ މި ފަހަރުގެ މުބާރާތުގައި އެފްއެސްއެމް އަތުން ބަލިވެ، ވަނީ ކަޓައިފަ އެވެ.

ގަދަ 16 ޓީމުގެ ބުރުގައި މަޝްހޫރު އެތައް ކުޅުންތެރިންނެއް ހިމެނޭ ކްލަބް ވެމްކޯ އަތުން އެފްއެސްއެމް މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. އަދި ކުއާޓާގައި ވަރުގަދަ ކްލަބް އެޗްޑީސީއާ ދެކޮޅަށް އެފްއެސްއެމް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވެފައި އޮތްއިރު، ޕެނަލްޓީ ޖަހައިގެން އެފްއެސްއެމް މޮޅުވީ 7-6 އިންނެވެ. ދެ މެޗުގައި ވެސް ފަހު ސިކުންތާ ހަަމައަށް އެފްއެސްއެމް އިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. މީގެ ކުޅުންތެރިންނެކޭ އެއްވަރަށް ކްރެޑިޓް ހައްގުވާ ފަރާތަކީ އެފްއެސްއެމްގެ ކޯޗު އިސްމާއިލް އިބްރާހިމް އަށެވެ.

އެފްއެސްއެމްގެ ކޯޗު އިސްމާއިލް: މިއީ އޭނާ ކްލަބް މޯލްޑިވްސް ކަޕްގެ ޓީމަކާ ހަވާލުވެ ހެޑް ކޯޗެއްގެ ގޮތުގައި ފެންނަ ފުރަތަމަ ފަހަރު.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެފްއެސްއެމް އިން ފުރަތަމަ ދެ މެޗުން މޮޅުވެ، ބާކީ މެޗެއް އޮއްވައި ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރި އެވެ. ފުރަތަމަ މެޗުން ޕްލޭނިން މިނިސްޓްރީ އަތުން 7-3 އިން މޮޅުވިއިރު، ދެން ކުޅުނު މެޗުގައި އިމިގްރޭޝަންގެ މައްޗަށް 1-0 އިން ކުރިހޯދި އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދިރާގާ ދެކޮޅަށް ކުޅެން ނުކުތްއިރު ވެސް އެފްއެސްއެމް ނޮކައުޓް ބުރަށް ގޮސްފައި އޮތުމުން އެ ޓީމުން ދިރާގާ ކުޅުނުއިރު، ފުރަތަމަ ދެ މެޗުގައި ފުރުސަތު ނުދެވި ހުރި ކުޅުންތެރިންނަށް ކުޅެން ޖާގަ ދިނެވެ. އެ މެޗުން އެފްއެސްއެމް ބަލިވީ 1-0 އިންނެވެ.

"އަސްލު ވަރަށް ބޮޑަށް ޓީމެއް ބިލްޑް ކުރުމާ ޓީމްވޯކް އަށް އިސްކަން ދީގެން ޓީމު ރާވަނީ. ވަކި ބަޔަކާ ކުޅެގެން މޮޅުވާކަށް ނޫން. ކޮންމެ ޓީމަކާ ޖެހުނަސް މޮޅުވާން އެ ވިސްނުމުގައި ޓީމު ބައްޓަން ކުރަން ބޭނުންވީ. އެހެންވެ، ފުރަތަމަ ދެ މެޗުން މޮޅުވެފައި އިނީމަ. ޓީމުވޯކް ރަނގަޅު ކޮށްލަން ދިރާގު މެޗުގައި ބަދަލުތަކެއް ގެނައީ. (އެ މެޗުން) ބަލިވިޔަސް ޓީމު އެއްބައިވަންތަ ކުރުމުގައި އެ މެޗުގައި ވެސް ރަނގަޅަށް ދިޔައީ،" އެފްއެސްއެމްގައި އޭނާގެ މަސައްކަތާ ބެހޭގޮތުން އިސްމާއިލް "އަދަދު" އަށް ބުންޏެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި އިސްމާއިލްގެ ކޯޗިންގެ މާ ބޮޑު ތާރީހެއް ނެތެވެ. އޭނާ މީގެ ކުރިން މި މުބާރާތުގައި ކޯޗިންގެ މައްސަަކަތް ކުރީ އެމްޕީއެލްގެ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އެކަަަމަކު، މިދިިޔަ ތިން އަހަރަށް ބަލާއިރު، އޭނާ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި ފުޓްސަލް މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެ ގޮތުން ވަގުތު ފުޓްސަލް މުބާރާތުގެ ތިން ވަނަ ފުވައްމުލަކު މާލެގަން ޓީމަށް ހޯދައިދިނުމާއި ގޯލްޑަން ފުޓްސަލް މުބާރާތުގައި ކ.ގުރައިދޫ އަށް ހޯދައިދިން ކާމިޔާބީ އާއި އިންޓަ ރިސޯޓް ފުޓްސަލް މުބާރާތުގައި ކަނޑޫމާ އާއި ކަނޑިންމަ އަށް ހޯދައިދިން ކާމިޔާބީ ހިމެނެ އެވެ.

އެފްއެސްއެމްގެ ވިޖޫ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މި ފަހަރު އެފްއެސްއެމްއާ ހަވާލުވެ، މެޗަކަށް ފަހު މެޗެއް އެ ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ފެންނާތީ އިސްމާއިލް ހުރީ ހިތްހަމަޖެހިފަ އެވެ. ވެމްކޯ އާއި އެޗްޑީސީ ފަދަ ފުޓްސަލްގެ "ކިންގްސް" އިން ހުރި ޓީމުތައް އަތުން އެފްއެސްއެމް މޮޅުވީ ހަގީގަތުގައި ކުޅުންތެރިން ދެއްކި ހިތްވަރުންކަން އިސްމާއިލް ފާހަގަކުރި އެވެ.

"މިއީ ހަމަ 100 ޕަސެންޓް ކުޅުންތެރިން ކުރި މަސައްކަތް. އަސްލު ވަރަށް ބޭނުންކަމެއް މިއީ ތަޖުރިބާކޮށްލަން ވެސް. ފުޓްސަލްގެ ކިންގްސް ހުރި ޓީމުތައް ބަލިކޮށްފައި އެހާ މަޝްހޫރު ނޫން ކުޅުންތެރިންތަކެއް ގޮވައިގެން ކުރިއަށް ދިއުމަކީ. އެފްއެސްއެމް އިން މި ސާބިތު ކޮށްދިނީ މާބޮޑު ނަންތަކެއް ނެތް ކަމުގައި ވިޔަސް ޓީމްވޯކް ރަނގަޅިއްޔާ ކުރިއަށް ދެވޭނެކަން،،" އިސްމާއިލް ބުންޏެވެ.

"ހަގީގަތުގައި އެހެން ޓީމުތަކާ އަޅާކިޔާއިރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ބަދަލުކޮށްލަން ވެސް ނުލިބި އެފްއެސްއެމް ގޮތަށް މަދު ކުޅުންތެރިންތަކެއް ބަދަލުކޮށްލައިގެން މި ހިސާބަށް (ސެމީ ފައިނަލާ ހަމައަށް) ދެވޭނީ ވަރަށް މަސައްކަތުން،"

އިސްމާއިލް ފާހަގަކުރި ގޮތަށް އެފްއެސްއެމް އިން މުބާރާތުގެ ޕްރެޝަރު ވަގުތުތަކުގައި ޖުމްލަކޮށް ކުޅެފައި ހުރީ އެއް ކުޅުންތެރިންތަކެއް ލައިގެންނެވެ. އޭގެ ތެރޭގައި އަހުމަދު ވިޖުދާން (ވިޖޫ)، ނާއިފް ޝަފީގު (ސީއާރް3)، މުހައްމަދު ތޯހިރު، މުހައްމަދު ނާފިއު (ނާއްޕެ)، މުހައްމަދު ޖުމާން އަދި ގޯލްކީޕަރު އަބްދުﷲ ފަޔާޒް (ފަޔާ) އަކީ އެންމެ ގިނަ ވަގުތު ޓީމުގައި ކުޅުނު ކުޅުންތެރިންނެވެ. އަދި ބަދަލެއްގެ ގޮތުގައި އަރައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޒިޔާދު ވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ސެމީ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ އެފްއެސްއެމް ކުޅޭނީ ޕްރިޒަން ކްލަބާ އެވެ. އިސްމާއިލް ބުނީ ޕްރިޒަން ކްލަބަކީ ވެސް އެފްއެސްއެމް ގޮތަށް ވަރަށް ހިތްވަރުކޮށްގެން ކުޅޭ ޓީމެއް ކަމަށެވެ.

"ވަރަށް ފޯރިގަދަވާނެ ކަމަށް މި ބަލަނީ ޕްރިޒަންއާ ދެކޮޅަށް ކުޅޭ މެޗު،" އިސްމާއިލް ބުންޏެވެ.

އެފްއެސްއެމް އިން ފުރަތަމަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭއިރު، އެ ޓީމުގެ ސަޕޯޓަރުން މިހާތަނަށް ވަނީ އެ ޓީމަށް ތަރުހީބު ދިނުމުގައި އިސް ރޯލެއް އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox