ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓް ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ހަތް ވަނަ އެޑިޝަން މިއަދު ހުޅުވައިފި އެވެ.
އެކްސްޕޯ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.،
މެރިން ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ މި އެކްސްޕޯ އަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ އިވެންޓެވެ.
ރާއްޖެ އާއި ބޭރުގެ އެގްޒިބިޓަރުންގެ ތަރުހީބު ބޮޑު މި އިވެންޓުގައި މި އަހަރު 50 ފަރާތަކުން ބައިވެރިވެ އެވެ. މިގޮތުން ބައިވެރިވާ އެގްޒިބިޓަރުންގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓާ ސްޕޯޓްސްއާއި ލޮޖިސްޓިކްސް ވިޔާފަރިތައް ހިމެނެ އެވެ.
އެކްސްޕޯގައި އެގްޒިބިޓް ކުރާ ވިޔަފާރިތައް
- ބޯޓް ބިލްޑަރުން
- ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރިތައް
- ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުން
- ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތްދޭ ވިޔަފާރިތައް
- ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް
މެރިން އެކްސްޕޯ 2021ގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތު އެވެ.
އާއްމުކޮށް ހުޅުވާއިގެން ބާއްވާ އެކްޕޯއަށް ޒިޔާރަތް ކުރަން ބޭނުންވާ މީހުން އެ ތަނަށް ގޮސް ރަޖިސްޓްރީ ވުމަށްފަހު ވަދެވޭނެ އެވެ. މި އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން ބުދަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ މެނދުރު 2:00 އިން ރޭގަނޑު 10:00 އަށް ހުޅުވާލޭ ސެންޓްރަލް ޕާކުގަ އެވެ.











