ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކުގެ ހައްގުތައް ސަރުކާރުން ހިމާޔަތްކޮށްދޭން ޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު، ހަސަން ސޯބިރު ވިދާޅުވެއްޖެ އެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ބިޑަށް ހުޅުވާލާފައިވާ 19 ރަށާއި ބެހޭ މައުލޫމާތު ޔޫރަޕުގެ ގައުމުތަކަށް ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ވެބިނާގައި، ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ސޯބިރު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އިންވެސްޓަރުނަށް ޔަގީންކަން ހޯދައިދޭން ޖެހޭ ކަމަށެވެެ.
ހުޅުމާލެ އާ މިހާރު އެއްކޮށްލާފައިވާ، ކްލަބް މެޑިޓްރޭނިއަން އިން ހިންގަމުން ދިޔަ ފަރުކޮޅުފުށި 2000 ގެ ކުރީކޮޅު ސަރުކާރުގެ ބޭނުމަށް ނެގިއިރު، ސަރުކާރުން ކްލަބް މެޑަށް އެކަށީގެންވާ ބަދަލެއް ދިންކަން އޭރުގެ ޓޫރިޒަމް މިނިސްޓަރު ފާހަގަ ކުރެވި އެވެ.
"މިހާރު ގޮތަށް އޭރު ގާނޫނުތަކާއި ލޯޔަރުންނެއް ނުތިބޭ، އެރަށް ނަގަން ނިންމިއިރު އެގްރިމެންޓުގައި ބާކީ އޮތް މުއްދަތަށް ކްލަބް މެޑުން ބޭނުން ރަށެއް ނަގާނެ ފުރުސަތު ސަރުކާރުން ދިން،" ފޮރިން އިންވެސްޓަރުން ހިމާޔަތް ކުރުމަށް ކުރިން ވެސް ސަރުކާރުން އިސްކަން ދީފައިވާކަން ފާހަގަ ކުރައްވާ ސޯބިރު ވިދާޅުވި އެވެ.
"ފޮރިން އިންވެސްޓްމަންޓަކީ ބިރުގަންނަން ޖެހޭ ކަމެއް ނޫން."
ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް، 100 ޕަސެންޓް ހިއްސާ ވެވޭގޮތަށް ރިސޯޓް ތަރައްގީ ކުރަން ގާނޫނު ހުއްދަ ކުރެ އެވެ. އަދި ހޮޓާ ގެސްޓް ހައުސް ފަދަ އިންވެސްޓްމަންޓްތަކުގެ 49 ޕަސެންޓާ ހަމައަށް ބޭރުގެ ފަރާތްތަކަށް ބައިވެރިވެވެ އެވެ.
ރާއްޖޭގެ ފަރާތުން ޖަރުމަނުގައި ހުންނަވާ އެމްބެސެޑަރު އަހުމަދު ލަތީފު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބޭރުގެ ފަރާތްތަކުން އިންވެސްޓުކުރަން ޝައުގުވެރި ވާނެ މުހިންމު ސަބަބުތަކެއް އެބަހުރި ކަމަށެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ރާއްޖޭގެ ޓޫރިޒަމްގެ މަގުބޫލު ކަމާއި ރާއްޖެއިން ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތެވެ.
"ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ވަރަށް ގިނަ ފައިދާ ތަކެއް އެބަހުރި، ތަޖުރިބާ ހުރި ގާބިލު ކޮންސްޓްރަންޝަން ކުންފުނިތައް އެބަހުރި، ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެންޕީއާރްސީ އިން ކުރާ މަސައްކަތް ވެސް ފާހަގަ ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބިޑު ނުކޮށް އޮތް ރަށަކަށް އިންވެސްޓަރަކު ޝައުގުވެރިވެެއްޖެ ނަމަ، ބިޑު ނުކޮށް އެ ރަށެއް ދޫކުރެވޭނެ އުސޫލެއް އޮތްތޯ ލަތީފު ސުވާލު ކުރެއްވި އެވެ. އެ ސުވާލުގެ ޖަވާބުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވީ އޮންނަ އުސޫލެއްގެ ދަށުން އިދާރީ ކަންތައްތައް ހަމަޖައްސައި ކަނޑައަޅާ އަގެއް ދެއްކުމުން ބިޑު ނުކޮށް ވެސް ރަށް ދޫކުރެވިދާނެ ކަމަށެވެ.
"ރާއްޖެ މަތިން ދަނިކޮށް ކައިވެނިކުރަން އުޅޭ ކުއްޖާ އަށް ފެނިދާނެ ރީތި ރަށެެއް، އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުން، އެރަށް ވެސް ލިބޭނެ،" މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެ އަކީ ޓޫރިޒަމް ދާއިރާގައި އިންވެސްޓުކުރަން ޝައުގުވެރިވާ ފަރާތްތަކަށް އިތުބާރާއެކު އިންވެސްޓުކުރުމުގެ ޔަގީންކަން އޮތް ގައުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ބިޑަށް ލާފައިވާ ރަށްތަކުގެ ބިޑް ޑޮކިއުމަންޓް ގަތުމަށް 20 އަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. ދިވެހި ކުންފުނިތަކަށް ބިޑު ޑޮކިއުމަންޓް ވިއްކަނީ 2،250 ޑޮލަރަށެވެ. ބޭރުގެ ފަރާތްތަކަށް ވިއްކަނީ 3،250 ޑޮލަރަށެވެ.
ޓޫރިޒަމް މިނިސްޓާރީން ބުނި ގޮތުގައި ރަށްތަކަށް ބިޑު ހުށަހަޅަން ޖެހޭ މުއްދަތު އަންނަ މަހުގެ 24 ދުވަހާ ހަމައަށް އިތުރުކުރީ، މިއީ ކޮވިޑް-19 އާ ގުޅިގެން ގޮންޖެހުންތަކެއް ހުރި ވަގުތަކަށް ވާތީ، އިންވެސްޓަރުންނަށް ޑޮކިއުމަންޓް ހަމަކުރުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި ބިޑު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އައިސް ރަށްތައް ބެލުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.










