މާލޭ ސިޓީ ކައުންސިލުގެ މައްޗަންގޮޅި އޮފީސް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އެ އޮފީސް ފަޅައިލައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު ހަތެއް ޖެހިފަހުން ކަމަށެވެ. މި މައްސަލަ މިހާރު އެ އިދާރާއިން ތަހުގީގުކުރަމުން ދާތީ، އިތުރު ތަފްސީލެއް ނުދެ އެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ އެ އޮފީހުގެ ބައެއް މުވައްޒަފުންގެ ފަރާތުން، ފައިސާތަކެއް މަދު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ވަގަށް ނަގާފައިވާ ޖުމްލަ އަދަދެއް އަދި ނޭގޭ ކަމަށެވެ.
"ފައިސާތަކެއް ގެއްލިފައިވާ ކަަމަށް ބައެއް މުވައްޒަފުން އެބަ ބުނޭ. އެކަން ސާފުވާނީ ފުލުހުންގެ ތަހުގީގު ނިމި، ގެއްލުމުގެ އެސެސްމެންޓް ނިމުމުން،" ނަރީޝް ވިދާޅުވި އެވެ.
އެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ސިޓީ ކައުންސިލްގެ ހިއުމަން ރިސޯސަސް (އެޗްއާރުު) މަސައްކަތާއި، އެ ކައުންސިލްގެ ދަށުގައިވާ އެސެޓްތަކާއި ބެހޭ މައުލޫމާތުތައް އަދާހަމަކޮށް، ބެލެހެއްޓުމެވެ. ކުރިން އެތަނަކީ މައްޗަންގޮޅީ އަވަށު އޮފީސް ހިންގި އިމާރާތެވެ.














