ލަންޑަން (ޑިސެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި ޗެލްސީ ޕެނަލްޓީގެ އެހީގައި މޮޅުވެއްޖެ އެވެ.
ސިޓީން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ ރަހީމް ސްޓާލިން ކާމިޔާބުކުރި ޕެނަލްޓީން 1-0 އިންނެެވެ. ލިވަޕޫލުން މުހައްމަދު ސަލާހު ޖެހި ޕެނަލްޓީން ވަނީ 1-0 އިން ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ އެސްޓަން ވިލާ ބަލިކޮށްފަ އެވެ. އަދި އިތުރު ވަގުތުގައި ޖޯޖީނިއޯ ޖެހި ޕެނަލްޓީން ޗެލްސީ ވަނީ 3-2 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ.
މި ނަތީޖާތަކާ އެކު ސިޓީ އެއް ވަނައިގައި އޮތީ 16 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ލިވަޕޫލަށް ވަނީ 16 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 16 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 15 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ސައުތެމްޓަން އަތުން 3-0 އިން މޮޅުވި އާސެނަލް ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެެވެ. އެއީ 16 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.
ސިޓީއާ ދެކޮޅަށް ވުލްވްސް އިން މެޗުގެ ދެ ވަނަ ހާފް އެއްކޮށް ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިނިޓެއްގެ ތެރޭގައި ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ރޮޑްރީ އަށް ހާފުގެ މެދެއްހާ ހިސާބުން ކުރި ފައުލަކަށް ހިމެނޭޒަށް ފުރަތަމަ ރީނދޫ ކާޑު ދެއްކިއިރު، އެ ފައުލަށް ދިން ހިލޭ ޖެހުން ފޮނުވާލި ވަގުތު ހިމެނޭޒް ހުރަސް އެޅިކަމަށް ނިންމައި އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކީ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވުލްވްސް ކޮޅަށް ސިޓީގެ ސްޓާލިން ވައްދާލި ޕެނަލްޓީ އަކީ ވުލްވްސްގެ ޔާއޯ މުޓީނިއޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ. ވުލްްވްސް އިން ވަނީ މުޓީނިއޯ އަތުގައި ބޯޅަ ނުޖެހޭ ކަމަށް ބުނެ އެޕީލްކޮށްފަ އެވެ.
މިރޭގެ ޕެނަލްޓީ އަކީ ލިވަޕޫލާއި ސިޓީ އަށް ލީގުގައި ކުޅުނު ސްޓާލިން މި މުބާރާތުގައި ޖެހި 100 ވަނަ ގޯލެވެ. އިތުރު ވަގުތުގައި ވުލްވްސްގެ ޑިފެންޑަރު މެކްސް ކިލްމަން ބޮލުން ޖެހި ބޯޅައެއް ސިޓީގެ ކީޕަރު އެޑަަަސަން މޮރާއޭސް ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލްގެ މުހައްމަދު ސަލާހު އެސްޓަން ވިލާ ކޮޅަށް ޕެނަލްޓީ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ
އެސްޓަން ވިލާ ކޮޅަށް ލިވަޕޫލުން މެޗުގެ ހަމައެކަނި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 67 ވަނަ މިނިޓްގައި ސަލާހު ޕެނަލްޓީ އަކުން މި ޖެހި ގޯލަކީ މި ފަހަރު ލީގުގައި އޭނާ ޖެހި 14 ވަނަ ގޯލެވެ. އަދި މުޅި ސީޒަނުގައި ޖެހި 21 ވަނަ ގޯލެވެ. ލިވަޕޫލަށް ދެ ވަނަ ގޯލެއް ޖަހަން ޑިއޯގޯ ޖޮޓާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ޖެރާޑްގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ޓީމަކުން ރަސްމީ މެޗެއްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނުއިރު، މެޗުގެ ކުރިން ލިވަޕޫލް ސަޕޯޓަރުން ވަނީ އޭނާ އަށް ތަރުހީބު ދީފަ އެވެ.
ޗެލްސީ ދަނޑުގައި ރަފީނިއާ ވައްދާލި ޕެނަލްޓީން ލީޑްސް އިން ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އަށް އެއްވަރުކޮށްދިނީ މޭސަން މައުންޓް އެވެ.
ޗެލްސީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ ރަފީނިއާ އޭރިއާތެރެއިން ރޫޑިގާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ޖޯޖީނިއޯ ޖެހި ގޯލުންނެވެ. ލީޑްސް އިން ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޖޯ ގެލްހާޑްޓް ވަނީ މެޗުގެ 83 ވަަނަ މިނިޓްގައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ލީޑްސްގެ މަޓެއުޒް ކްލިޗް އޭރިއާތެރެއިން ރޫޑިގާ އަށް ކުރި ފައުލަށް ދިން ޕެނަލްޓީ ޖޯޖީނިއޯ ވަނީ ގޯލަށް ވައްދާލައި ޗެލްސީ އަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.
އަހުލާގީ މައްސަލައެއްގެ ސަބަބުން އާސެނަލުން މިރޭގެ މެޗަށް ނެގި ސްކޮޑުން އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އަށް ފުރުސަތެއް ނުދެ އެވެ. އާސެނަލަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ އަލެކްސަންޑަ ލަކަޒޭޓާއި މާޓިން އޮޑެގާޑް އަދި ގަބްރިއެލް އެވެ. އޮޑެގާޑް ވަނީ ޖެހިޖެހިގެން ތިން މެޗުގައި ގޯލު ޖަހައިފަ އެވެ.












