މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިއްބައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމުގެ އުންމީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދެއްވައިފި އެވެ.
ގައުމީ ފެންވަރެއްގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ކ. ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު، މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ޝަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ޝަކުވާ ކަމަށެވެ.
މިގޮތުން، އެމަނިކުފާނު ސަރުކާރާ ހަވާލުވިއިރު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރިކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކަށްވީ، މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ދެވޭނެ އިންތިޒާމު ނިޒާމީ ގޮތެއްގައި ހަމަޖެއްސުން. ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދީ ހަލާސް ކުރުން،" މި ސަރުކާރު އައިއިރު ދައުލަތުގެ މަސް ކުންފުނިން މަސްވެރިންނަށް ނުދީ އޮތް 39.5 މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އަގު ދިނުމާ އެއްވަރަށް ސަރުކާރުން އިސްކަންދޭ އަނެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުން ކަމަށެވެ.
މިގޮތުން، މިފްކޯ ފެންމަތީގައި އޮންނާނެ ގޮތެއް ހޯދުމަށްޓަކައި އެ ކުންފުނިން ގަންނަ މަހުގެ އަގަށް މިދިޔަ އަހަރު ގެނައި ވަގުތީ ބަދަލުގެ ބުރަ އުފުލީ މަސްވެރިން ކަމަށާއި އެ ބުރަ އުފުލުމުގެ ހެޔޮ ނަތީޖާ މިހާރު ވަރަށް ގާތްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން އިރާދަ ކުރެއްވިއްޔާ، ވާން އޮތްރަނގަޅަކީ، މަސްވެރިންނަށް ރަނގަޅު އަގެއް ލިއްބައިދިނުމުގެ ބޮޑުރަނގަޅު. އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
އެބަދަލު އަންނާނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމަށްޓަކާ އެތައްކަމެއް ސަރުކާރުން ކުރަމުންދާތީ އެވެ.
މަހަށް ހަމަ އަގު ހޯދައި ދިނުމުގެ އިތުރުން، ރޯ މަސް އެކްސްޕޯޓް ކުރުމުގެ ޒަމާންވީ ވިސްނުން ދޫކޮށް ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަށް ވެސް އެމަނިކުފާނު އަލިއަޅުވައިލެއްވި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މިއަދު ގާފަރަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވައިފަ އެވެ.
އަދި ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމުގެ އިތުރުން އެމަނިކުފާނު އެ ރަށުގައި ބޭއްވި ފިޝަރީސް އެކްސްޕޯ ބައްލަވައިލައްވައިފަ އެވެ.













