ގަދަކަމުން ދެ މީހަކު ކާރެއްގެ ޑިކީއަށް ލައިގެން ގެންގޮސް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަން ހިނގާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮބަރީ، ތެފްޓް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަންސްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ ކާރަށް ލައިގެން ގެންގޮސް އެމީހުންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އިތުރަށް ތަހުގީގު ކުރި ކުރުމުން އެ ކަމަކީ މާލޭގެ ގެއަކުން ކޮށްފައިވާ ވައްކަމަކާ ގުޅިގެން ހިނގި ހާދިސާއެއްކަން އެނގިފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
"އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލަ ހުށަހެޅި ފަރާތުން އިސްވެ ހުރެ ވައްކަމުގައި ހަރަކާތްތެރިވި މީހުން ވަނީ ހޯދާފައި. އަދި އެމީހުން ވަގަށް ނެގި ކަމަށް ބުނާ ތަކެތި ހޯދުމުގެ ބޭނުގައި ދެ މީހުން ކާރެއްގެ ޑިކީ ތެރެއަށްލާ ބަންދުކުރުމަށް ފަހު ހުޅުމާލެއަށް ގެންދިޔަ ކަމަށް ތަހުގީގަށް ފާހަގަ ވެފައިވޭ،" ލަތީފް ވިދާޅުވި އެވެ.

އެއަށްފަހު ހުޅުމާލެއިން އެ ކާރުގައި ގޮސް، މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ގަރާޖުގެ ތެރެއަށް އެ ދެ މީހުން ވެއްދުމަށް ފަހު ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ތަހުގީގުން މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް ލަތީފު ވިދާޅުވި އެވެ.
ލަތީފު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 36 އަހަރުގެ ފިރިހެނުންނެވެ. ކޯޓުން ބަންދުގެ މުއްދަތު ތިން މީހަކަށް ޖަހައި ދިންއިރު ހަތަރު ވަނަ މީހާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ.













