ތިރީސް ހަތް އަހަރުގެ ހިދުމަތަށް ފަހު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވިއިރު ޒަކަރިއްޔާ މަންސޫރު ހުންނެވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.
ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި މަންސޫރާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އެވެ.
މީގެއިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ހަވާލުކޮށްދެއްވީ ޝަމާލެވެ. ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ ރިޓަޔަމަންޓްގެ ރަމްޒީ ކާޑް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އާއިލާގެ ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.

ޒަކަރިއްޔާ މަންސޫރު ރިޓަޔާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތާއި ގުޅުނީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ. މިވީ ދިގު މުއްދަތުގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އިސް ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އެގޮތުން, ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގަ އެވެ.
ކޯސްޓްގާޑުގައި ޒަކަރިއްޔާ މަންސޫރު ފުރުއްވި މަގާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު، ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ. އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ޒަކަރިއްޔާ މަންސޫރު ވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފަ އެވެ.
ކޯސްޓްގާޑްގައި ފުރުއްވި މަގާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއާމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެ އެވެ.
ސިފައިންގެ ހިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ އިހްލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ވަނީ ޒަކަރިއްޔާ މަންސޫރަށް ލިބިވަޑައިގެންފަ އެވެ.












