ލަންޑަން (ޑިސެމްބަރު 9) - ޔުއެފާ ކޮންފަރެންސް ލީގުގައި މިރޭ ފްރާންސްގެ ރެނެސްއާ ދެކޮޅަށް އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް ކުޅެން އޮތް މެޗު، ޓޮޓެންހަމަށް ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތާ ހެދި ފަސްކޮށްފި އެވެ.
ރެނެސްއާ ދެކޮޅަށް މިރޭ ކުޅެން އޮތް މެޗުގެ 72 ގަޑިއިރު ކުރިން، ހެދި ޕީސީއާރް ޓެސްޓްތަކުން ޓޮޓެންހަމްގެ ހަ ކުޅުންތެރިންނާއި ދެ ސްޓާފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން ކްލަބްގެ ޓްރެއިނިން ސެންޓަރުގެ ތެރެއިން އަލާމާތްތައް ފެނިގެން އެކި ފަހަރު މަތިން ކުރި ޓެސްޓްތަކުން ޓޮޓެންހަމްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ކުޅުންތެރިންނާއި ފަސް ކޯޗިން ސްޓާފުންނެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ، އިއްޔެ ވަނީ ޓޮޓެންހަމްގެ ޓްރެއިނިން ސެންޓަރު ވެސް މި ވަގުތަށް ބަންދުކޮށްފަ އެވެ.
މިރޭ ރެނެސް އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ކުޅެން އިއްޔެ ވަނީ ޕްރީ މެޗު ޕްރެސް ކޮންފަރެންސް ވެސް ބާއްވައިފަ އެވެ. އެކަމަކު، ޔުއެފާ އިން މިއަދު ނިންމީ ޓޮޓެންހަމަށް ކޮވިޑް-19ގެ ހާލަތު ކުރިމަތިވެފައި އޮތް މިންވަރު ދެނެގަންނަން ޔުއެފާ އިން ކުރި މަސައްކަތުގައި އެކަށީގެންވާ ހައްލުތަކެއް ނުހޯދި، ކަމުގެ ސާފު މަންޒަރެއް ނުފެންނާތީ މެޗު ފަސްކުރަން ނިންމީ ކަމަށެވެ.
ޔުއެފާ އިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވެ، ޓީމެއްގައި ފިޓްކޮށް ހުރެފިނަމަ ޝެޑިއުލްގައިވާ މެޗު ކުޅެން ޖެހޭނެ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް ގިނަ ކްލަބެއްގައި ފުރަތަމަ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ނޫނީ ފިޓްކޮށް ތިބި 13 ކުޅުންތެރިން ވެސް އެ ޓީމެއްގައި ހަމަނުވާނަމަ މެޗު ޖެހޭނީ ފަސްކުރާށެވެ.
ރެނެސް އާއި ޓޮޓެންހަމް މެޗު ފުރިހަމަ ކުރަން އޮތް އެންމެ ފަހުގެ ތާރީހަކީ މި މަހު 31 އެވެ. އޭގެ ކުރިން ޓޮޓެންހަމް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން އޮތް ގިނަ މެޗުތަކެއް އެބައޮތެވެ. އެހެންވުމުން ފަސްކުރަން މި ޖެހުނު ރެނެސް އާއި ޓޮޓެންހަމްގެ މެޗު ތާވަލުކުރާނެ ދުވަހެއް ނިންމުމުގައި ޔުއެފާ އިން ވަރަށް އަަވަހަށް މަޝްވަރާތަކެއް ބާއްވާނެ އެވެ.
ޓޮޓެންހަމް ދެން ކުޅެން އޮތީ އިނގިރޭސި ޕްރމިއާ ލީގުގައި އާދިއްތަ ދުވަހު ބްރައިޓަންއާ އެވެ. އޭގެ ފަހުން ލެސްޓާ ސިޓީއާ ކުޅުމަށް ފަހު މި މަހު 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ބައްދަލުކުރާނެ އެވެ. އެކަމަކު، ޓޮޓެންހަމަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުގެ ކޮޅެއް މެދެއް ނޭނގި ދިގުލައިދާނަމަ ކުރިއަށް ހުރި މެޗުތަަކުގެ ތެރެއިން ބައެއް މެޗުތައް ފަސްކުރަން ޖެހުމުގެ ބިރު އެބައޮތެެވެ.












