މިދިޔަ ފެބުރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ ލިބޭ ތިން މީހުންގެ ބަންދު ރިވިއު ކުރުން ކުރިއަށް ގެންދިޔައީ ކޯޓުން ބޭރުގައި ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، ގއ. މާމެންދޫ ރިހިފަރުދާގެ، އަހުމަދު ޝަމީމާއި އެ ރަށު ބިލަތްމާގޭ ޝަރަފު ރަޝީދާއި ހަމަ އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ޝަރަފުގެ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ކަންބޮޑުވުން ފާޅުކުރެއްވި އެއްކަމަކީ އޭނާގެ މުވައްކިލުގެ ބަންދު ރިވިއު ކުރުމުގެ އަޑުއެހުންތައް ކުރިއަށް ނުގެންދާތީ އެވެ.
މި ކަންބޮޑުވުމާއެކު ދައުލަތުގެ ވަކީލް ފަރަހަނާޒް މުހައްމަދު ވިދާޅުވީ މި މައްސަލާގައި ތުހުމަތު ކުރެވޭ އެންމެންވެސް ހައްޔަރުކޮށް، ދައުވާ ކުރީ ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމަށާއި، އެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ މައްސަލައަކަށް ހަވާލާދެއްވަމުން އޭނާ ވިދާޅުވީ ހާއްސަ ގާނޫނުގެ ދަށުން ދައުވާކޮށް، ބަންދުކުރެވޭ މީހުންނަށް އާންމު އިޖްރާއީ ގާނޫނު ނުހިނގާނެ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ، ޝަރަފްގެ ބަންދު ރިވިއު ކުރަން ޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށް ދޭހަވާ މޭރުމުން ދައުލަތުގެ ވަކީލު ވިދާޅުވުމާ ގުޅިގެން، ދިފާއީ ވަކީލު ނިޝާން އެކަމަށް އިއުތިރާޒް ކުރެއްވި އެވެ. އޭނާ ވިދާޅުވީ މި މައްސަލާގައި ބޭއްވުނު ބަންދު ރިވިއު ކުރުމުގެ އަޑުއެހުންތަކުގައި ރިޔާއަތް ކޮށްފައި ވަނީ ޖިނާއީ އިޖުރާތަށް ކަމަށާއި، އާންމު އިޖުރާތްތަކުގެ ދަށުން އެބައި ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ވަކީލް ނިޝާން އެދުނީ ދައުވާ ލިބޭ ފަރާތްތަކުގެ ބަންދު ރިވިއު ކުރުމުގެ ބައި ދައުލަތުން ކުރިއަށް ގެންދިއުމުގެ އަމުރެއް ނެރެދިނުމަށެވެ. އެހެން ނަމަވެސް ދިފާއާއި، ދައުލަތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު މި މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވިދާޅުވީ، ދައުލަތުން ބަންދު ރިވިއުކުރުމުގެ ބައި ނުގެންދިޔަ ކަމުގައި ވީނަމަވެސް، އެކަމަށް ދިފާއުން ވެސް އެދެވޭނެ ކަމަށެވެ.
ދައުލަތުން ގަބޫލުކުރާ ގޮތުގައި ބަންދު ރިވިއު ކުރުމުގެ ފޯމު ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ބަންދު ރިވިއުކުރުމުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަކީ ހާއްސަ ގާނޫނާއި އާންމު ގާނޫނު މަސްހުނިވާނެ ފުށުއަރާ ކަމެކެވެ. އެހެންވެ، އެކަން އެގޮތަށް ނުކުރުމަށްޓަކައި ދައުލަތުން ބުނީ މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ތިން މީހުންގެ ބަންދު ރިވިއުކުރުމުގެ ބައި ކުރިއަށް ގެންދަނީ ކޯޓުން ބޭރުގައި ކަމަށެވެ.
އެއީ ބަންޑާރަ ނައިބު އޮފީހުން ޕީޖީއަށް ދީފައިވާ އިރުޝާދުގެ މަތިން، ކޮންމެ 30 ދުވަހަކުން ދައުވާ ރައްދުވާ ފަރާތްތަކުގެ ބަންދު ރިވިއުކުރުންކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ. މި ޕްރޮސެސް ކުރިއަށް ދަނީ ޕީޖީ އޮފީހުގަ އެވެ.
ދައުވާ ރައްދުވާ މާޒީން އާއި ޝަމީމްގެ ގާނޫނީ ވަކީލު، މުހައްމަދު ޝަހީދުއަށް ލިބުނު ފުރުސަތުގައި ދައުލަތުގެ މިވާހަކަތަކަށް އިއުތިރާޒް ކުރި އެވެ. ނަަމަވެސް އޭނާއަށް އެ ފުރުސަތު ލިބުމުގެ ކުރިން އެކަމުގައި ގާޒީ ގޮތެއް ކަނޑައަޅާފައި ވާތީ، އެ މައުލޫގައި ދިފާއީ ވަކީލުގެ ވާހަކަތައް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ގާޒީ ނުދެއްވި އެވެ. އެހެންވެ ދެން އޭނާ ކަންބޮޑުންފާޅުކުރީ ބަންދުގައި ތިބި މުވައްކިލުންނާއި ބައްދަލުނުކުރެވޭތީ އެވެ.
ޝަހީދު ވިދާޅުވީ އޭނާ ތަމްސީލު ކުރާ ދެ މުވައްކިލުންނާ ބައްދަލު ކުރުމުގެ ފުރުސަތެއް ކަރެކްޝަންސްއިން ނުދިން ކަމަށެވެ. އެއީ ޖަލުތަކުގައި އެދުވަސްވަރު ކޮވިޑް ފެތުރެމުން ދިއުމާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަންދުގައި ތިބެން ޖެހޭ އާންމު މީހުންނާއި ސިޔާސީ ފަރާތްތަކާއި، ވަކީލުން ބައްދަލުކުރުމުގައި ތަފާތުކުރުން ކަރެކްޝަންއިން ގެންގުޅޭ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ޝަހީދު އެދުނީ އޭނާ ތަމްސީލުކުރާ ދެ މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތަކަށެވެ.
ދިފާއީ ވަކީލުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ގާޒީ ލަފާކުރެއްވީ ކަރެކްޝަންއިން އޭރު އެ ހުއްދަ ނުދިނީ ކޮވިޑްގެ ހާލަތު ހުރި ގޮތުން ކަމަށެވެ. ނަމަވެސް އެ ހާލަތު މިހާރު ބަދަލުވެފައިވާކަން ފާހަގަކުރައްވާ ގާޒީ ނަދީމް ވަނީ ބަންދުގައި ތިބި ފަރާތްތަކާ ބައްދަލުކުރުމަށް އެދޭ ފޯމް އަލުން ކަރެކްޝަންސްއަށް ހުށަހެޅުމަށް ދިފާއީ ވަކީލަށް އަންގަވާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލު ނިޝާން ދެން ކަންބޮޑުވުން ފާޅުކުރީ ސިއްހީ ފަރުވާއަށް ދައުލަތުން އިހުމާލުވާ ކަމަށް ވިދާޅުވެ އެވެ. އެހެންނަަމަވެސް އޭނާ ތަމްސީލުކުރާ ޝަރަފްއަށް ބަރާބަރަށް ސިއްހީ ހިދުމަތްތައް ލިބެމުންދާ ކަން ދައުލަތުން ފާހަގަކުރި އެވެ.
އެގޮތުން ދައުލަތުގެ ވަކީލް ފަރަހަނާޒް ވަނީ ޝަރަފް ޑޮކްޓަރަށް ދައްކާފައިވާ ދުވަސްތަައް ޝަރީއަތަށް ކިޔައިދެއްވާފަ އެވެ.
titledesc
މި މައްސަލަައިގައި ދެން ބަންދު ކުރި މީހުންނަށް ދީފައި ހުރި ބޭސްފަރުވާގެ ތަފްސީލު ވެސް ކަރެކްޝަންއިން ސާފު ކުރުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މި ވާހަކައަށް ފަހު ގާޒީ ނަދީމް ވިދާޅުވީ މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ސިއްރު ހެކިވެރިން ހުށަހަޅާފައިވާ ކަމަށާއި، އެ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ. ގާޒީ ގަބޫލުކުރާ ގޮތުގައި އެ ފޯމް ދިފާއުއާއި ހިއްސާ ކުރަން ޖެހެ އެވެ. އެހެންވެ، އޭނާ އެދުނީ ސިއްރު ހެކިވެރިންގެ ޒާތީ މައުލޫމާތުތައް އުނި ކުރުމަށްފަހު އަންނަ އާދީއްތަ ދުވަހު އަލުން އެ ފޯމު އިސްލާހުކުރުމަށްފަހު ހުށަހެޅުމަށެވެ. އޭގެ ފަހުން މި މައްސަލަ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ނަދީމް ވިދާޅުވީ ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.
މުޅި މާމެންދޫ ސިއްސިވާލި އުދައްޔުގެ މަރާ ގުޅިގެން ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. ޖުވެނައިލް ކޯޓަށް ފޮނުވާފައިވާ އެ މައްސަލާގައި ކުއްޖާއަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ދާދިފަހުން މި މައްސަލައިގާ ހިމެނޭ ކުޑަކުއްޖާ ވަނީ ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ކަނޑައެޅުމާ ގުޅިގެން ކުރިމިނަލް ކޯޓުން އެ ކުއްޖާ ބަންދުން ދޫކޮށްލި އެވެ. އެހެން ނަމަވެސް ހައްސާސް ތުހުމަތުކުރެވޭ ކުއްޖެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެ އެ އަމުރު ހައި ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ.
އުދައްޔު މަރުވީ، ގުރޫޕަކުން އައިސް އޭނާއަށް ހަމަލާ ދިނުމުގެ ތެރޭގައި ބޮލަށް ލިބުމުގެ އަނިޔާއަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. މި މާރާމާރީގައި އުދައްޔު ސަލާމަތް ކުރަން މަސައްކަތް ކުރި އޭނާގެ ބޭބޭއަށް ވެސް އަނިޔާވި އެވެ.












