މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނަގަމުންދާ ޕައިލަޓޭޖް ފީތައް ކުޑަކޮށްފި އެވެ.
އެމްޕީއެލްއިން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖްގެ ހިދުމަތްތަކަށް ނަގަމުންދާ ޕައިލަޓޭޖް ފީތަކަށް ގިނަ ދުވަސްތަކަކަށް ފަހު ބަދަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.
އެ ބަދަލުތަކާ ގުޅިގެން، މެރިޓައިމް އިންޑަސްޓްރީގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކެއްގެ ހިޔާލު އެ ކުންފުންޏަށް ލިބުމާއެކު، ޕައިލެޓޭޖް ޓެރިފްތައް އަލުން ރިވިއުކުރަން ނިންމި އެވެ.
އަދި ޕައިލެޓޭޖް ފީތައް ރިވިއުކުރުމުގެ މަރުހަލާގައި އެ ކުންފުނިން ވާނީ މެރިޓައިމް އިންޑަސްޓްރީގެ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އަދި ރައްޔިތުންގެ މަޖިލީހާއެކު ބޭއްވި މަޝްވަރާތަކުން ލިބުނު ހިޔާލުތަކާއި ލަފާތަކަށް، ރިޔާއަތްކޮށްފަ އެވެ.
މީގެ އިތުރުން، މި މަސައްކަތުގައި އެމްޕީއެލްއިން ވަނީ އަވައްޓެރި ގައުމުތަކުގެ ޕޯޓުތަކުން މި ވަގުތު ނަގަމުންދާ ޕައިލަޓޭޖް ފީތަކުގެ އަގުތައް ދިރާސާކޮށް، އެ އަގުތަކަށް ވެސް ރިޔާއަތްކޮށްފަ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.

އެ ދިރާސާއަށްފަހު މިހާރު ގެނައި ބަދަލާއެކު، އެމްޕީއެލްގެ ޕައިލަޓޭޖް ފީތައް، ސަރަހައްދީ ގައުމުތަކުގައި ނަގަމުންދާ ޕައިލަޓޭޖް ފީތަކާ އަޅާކިޔޭ، ވާދަވެރި އަގުތަކެއް ކަމުގައިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ޕައިލަޓޭޖް ފީތައް އަލުން ރިވިއުކޮށް، އެމްޕީއެލްއިން ގެނައި ބަދަލުތަކާއެކު މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕަސެންޖާ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވްރެޖްކޮށް 50 ޕަސެންޓް ވަނީ ކުޑަކޮށްފަ އެވެ.
އަދި މީގެ އިތުރުން ވެރީ ލާޖް ކްރޫޑް ކެރިއާ (ވީއެލްސީސީ)ތަކަށް ނަގާ ޕައިލަޓޭޖް ފީ 20 ޕަސެންޓާ ހަމައަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެ އިތުރުން، ޓަގު ކުއްޔަށް ދިނުމުގެ އަގުތަކަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން, ޓަގް ކުއްޔަށް ދޭ އަގުތައް ވެސް 30-50%އާ ދެތެރެގެ އަދަދަކާ ހަމައަށް ކުޑަވާނެ އެވެ.
"މީގެ އިތުރުން ވެސް، ބައެއް އެހެނިހެން ހިދުމަތްތަކުގެ އަގުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރަން." އެމްޕީއެލްއިން މިއަދު ބުންޏެވެ.
ޕައިލަޓޭޖް ފީތަކަށް ގެނެއި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނީ، މެރިޓައިމް އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކުގެ މަސްލަހަތަށާއި، މެރިޓައިމާ ގުޅޭ ދާއިރާތަކުގެ ވިޔަފާރިތަކަށް ފަހިވާނެ ފަދަ މާހައުލެއް ގާއިމްކުރެވޭނެ ގޮތްތަކަށް އިސްކަންދީގެންނެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް، ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ކަންކަން ނިންމުމުގައި، މެރިޓައިމް އިންޑަސްޓްރީގައި ޝާމިލްވާ ފަރާތްތަކުގެ ހިޔާލުތައް ބަލައިގަންނާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.













