އައްޑޫ ސިޓީގެ އެއްގަމުން ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫ އާއި އެ ސިޓީ ފޭދޫއާ ދޭތެރޭ ސައިކަލު ފެރީ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
އެމްޓީސީސީން ފެށި ސައިކަލު ފެރީގެ ހިދުމަތާއެކު ހުޅުމީދޫ ރަައްޔިތުންގެ އަހަރުތަކެއް ވީ އާދޭހަށް ނިމުމެއް އައީ އެވެ.
އެ ރަށުގައި ދިރިއުޅޭ ގިނަ ބަޔަކު ވަޒީފާ އަދާކުރާށާއި، ވިޔަފާރީގެ ބޭނުންތަކަށާއި، ސިއްހީ ފަރުވާއަށް އެއްފަސްކޮށް އޮންނަ ފަސް ރަށަށް ދަތުރުކުރެ އެވެ. އެކަމަކު މިވީހާ ތަނަށް އައްޑޫގައި ފެރީގެ ހިދުމަތް ދިން އެއްވެސް ބަޔަކަށް މި އިންތިޒާމުތައް ހަމަޖައްސައި ނުދެވެ އެވެ.
އެމްޓީސީސީން ހަވާލުވުމުގެ ކުރިން އައްޑޫ ސިޓީގައި ފެރީގެ ހިދުމަތް ދިނީ، މޯލްޑިވްސް ޕޯޓްސްް ލިމިޓެޑު (އެމްޕީއެލް)ގެ ދަށުން އޮންނަ ސަދަން ޓްރާންސްޕޯޓް ލިންކު (އެސްޓީއެލް)އިންނެވެ.
އެމްޕީއެލް އާއި ސަބްސިޑަރީ ކުންފުނިތަކުން އައި ދަތުރުފަތުރުގެ ހިދުމަތްތަކާ އެމްޓީސީސީން ހަވާލުވީ މި އަހަރުގެ ޖުލައި 1 ގަ އެވެ. އެއީ ފަންސާސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ސައިކަލު ފެރީ ހިދުމަތާ ގުޅިގެން އެމްޓީސީން ބުނި ގޮތުގައި ހުޅުމީދޫ އާއި ފޭދޫއާ ދޭތެރޭ ދަތުރުކުރާނީ އެއް ފަހަރާ 15 ސައިކަލު އުފުލޭ ޖާގައިގެ ފެރީއެކެވެ.
އަދި، ދިޔަވަރު ބަދަލުވާ ގަޑިތަކުގައި ސައިކަލުތައް ފެރީއަށް އަރުވަން ހާއްސަ ލިފްޓެއް ހުޅުމީދޫ އާއި ފޭދޫގައި ބެހެއްޓިފަ ވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކޮޅަކަށް ސައިކަލެއް އުފުލައިދެނީ 20ރ. އަށެވެ.
އެމްޓީސީސީގެ ސައިކަލު ފެރީ ހިދުމަތް ނުލިބެނީ ހަމައެކަނި ހުކުރު ދުވަހު އެެވެ.
މީގެ ކުރިން އެމްޓީސީސީން ސައިކަލު ފެރީ ހިދުމަތް ދިނީ ހުޅުމާލެއާ މާލެއާ ދޭތެރޭގަ އެވެ. އޭރު ބޮޑު ޑިމާންޑެއް އޮތް ނަމަވެސް، ބްރިޖު ހުޅުވުމާއެކު ފެރީގައި ސައިކަލު ގެންދިޔުން ހުއްޓުނެވެ. އަދި ބްރިޖު ހުޅުވިތާ މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީން ވަނީ އެ ހިދުމަތް އެއްކޮށް ހުއްޓާލާފަ އެވެ.












