މިއުނިކް (ޑިސެމްބަރު 9) - ބަޔާން މިއުނިކް ދަނޑުގައި 3-0 އިން ބަލިވެ، 21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބާސެލޯނާ ޗެމްޕިއަންސްް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.
ބާސެލޯނާ ނެތި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅުނީ 2003/2004 ވަނަ އަހަރުގެ ސީޒަނުގަ އެވެ. އެ ފަހަރު ބާސެލޯނާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެ އެވެ. ފަސް ފަހަރު ތަށި ހޯދާފައިވާ ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ކުޅެ، ނޮކައުޓް ބުރަށް ނުގޮސް އެންމެ ފަހުން ކެޓީ 2000/2001 ވަނަ ސީޒަނުގަ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ބާސެލޯނާ އަށް ޔަގީންކަމާ އެކު އަނެއް ބުރަށް ދެވެން އޮތީ ބަޔާން ދަނޑުގައި މޮޅުވެގެންނެވެ. ބާސެލޯނާގެ ތާރީހުގައި ވެސް ބަޔާން ދަނޑުގައި މޮޅެއް ނުލިބެ އެވެ. ޖަރުމަނުގައި ކޮވިޑް-19 ފެތުރޭތީ ރޭގެ މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ. ބަޔާނުން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތޯމަސް މުލާ އާއި ލެރޯއި ސާނޭގެ ގޯލުތަކުން ދެ ލަނޑުގެ ލީޑެއް ފުރަތަމަ ހާފުގައި ވެސް ނަގައިފަ އެވެ.
ދެ ވަނަ ހާފުގައި އަލްފަންސޯ ޑޭވިސް ދިން ބޯޅައަމުން ޖަމާލް މުސިއާލާ ވަނީ ބަޔާންގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އެ ކްލަބުން މިހާރު ކުރިމަތިލާން ޖެހިފައި އޮތް ހަގީގަތަކީ މިއީ ކަމަށާއި މިއީ ބޭނުންވި ގޮތް ނޫން ކަމުގައި ވިޔަސް ކަންކަން ރަނގަޅުކުރަން ޖެހޭކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"ސުމަކުން ފަށަން ޖެހޭނީ. ރުޅި ވެސް އާދެވޭ މިއީ އަހަރެމެންގެ ހާލަތުކަން އެނގުނީމަ. ކުރެވޭނެ ކަމެއް ނެތް. ދެން އޮތީ މަސައްކަތް ކޮށްގެން އަހަރެމެން އަލުން ޗެމްޕިއަންސް ލީގަށް އާދެވޭތޯ ބެލުން،" ޒަވީ ބުންޏެވެ.
ގްރޫޕް އީން ބަޔާން ވަނީ ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓް ހޯދައިފަ އެވެ. މި ގްރޫޕުން ދެ ވަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ ބެންފީކާ އެވެ. އެއީ ބެންފީކާ ވަނީ ރޭ އަމިއްލަ ދަނޑުގައި 3-0 އިން ޑިނަމޯ ކިއޭވް ބަލިކޮށް އަށް ޕޮއިންޓް ހޯދައިފަ އެވެ. ބާސެލޯނާ އަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެން އެ ޓީމު ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. އެންމެ ފުލަށް ދިޔަ ޑިނަމޯ ކެޓީ އެއް ޕޮއިންޓާ އެކު އެވެ.
އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަތުން 1-0 އިން ބަލިވެ، ސްޕެއިނުގެ ސެވިއްޔާ ވެސް ވަނީ ކަޓައިފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން ވުލްފްސްބާގް އަތުން 3-1 އިން މޮޅުވެ، ފްރާންސްގެ ލިލް ވަނީ އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ.
ގްރޫޕް ޖީގެ އެއް ވަަނަ ހޯދީ 11 ޕޮއިންޓް ހަމަކުރި ލިލް އެވެ. ދެ ވަަނަ އަށް ދިޔަ ސަލްޒްބާގަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ ހޯދި ސެވިއްޔާ އަށް ހަ ޕޮއިންޓް ލިބުނުއިރު، އެ ޓީމު ދެން ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. އެންމެ ފުލަށް ދިޔަ ވުލްފްސްބާގަށް ވަނީ ފަސް ޕޮއިންަޓް ލިބިފަ އެވެ.












