ލަންޑަން (ޑިސެމްބަރު 9) - ޓޮޓެންހަމް ހޮޓްސްޕާސްގެ ޓީމު ކޭމްޕް ތެރެއިން ކޮވިޑް-19ގެ 13 ކޭސް ފެނި، އެ ކްލަބްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޔޫރޮޕާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް ކުޅޭ މާދަމާރޭ ކުޅޭ މެޗުގެ 72 ގަޑިއިރު ކުރިން، ހެދި ޕީސީއާރް ޓެސްޓްތަކުން ޓޮޓެންހަމްގެ ހަ ކުޅުންތެރިންނާއި ދެ ސްޓާފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އަލާމާތްތައް ފެނިގެން އެކި ފަހަރު މަތިން ކުރި ޓެސްޓްތަކުން ޓޮޓެންހަމްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ކުޅުންތެރިންނާއި ފަސް ކޯޗިން ސްޓާފުންނެވެ.
ޔުއެފާ އިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވެ، ޓީމެއްގައި ފިޓްކޮށް ހުރެފިނަމަ ޝެޑިއުލްގައިވާ މެޗު ކުޅެން ޖެހޭނެ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް ގިނަ ކްލަބެއްގައި ފުރަތަމަ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ނޫނީ ފިޓްކޮށް ތިބި 13 ކުޅުންތެރިން ވެސް އެ ޓީމެއްގައި ހަމަނުވާނަމަ މެޗު ޖެހޭނީ ފަސްކުރާށެވެ.
އުސޫލަށް ފެތޭތީ ޝެޑިއުލްގައިވާ ގޮތަށް މާދަމާރޭ ޓޮޓެންހަމްގެ ޔޫރޮޕާ ލީގު މެޗު ކުޅޭނެ ކަމަށް ޔުއެފާ އިން ވަނީ ނިންމައިފަ އެވެ.
ރެނެސް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ބުނީ ހާލަތު އޮތްގޮތުން އޭނާ އަށް އެހެން އައިސް ކުއްލިއަކަށް ފުޓްބޯޅަ މެޗެއްގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.
"ކޮންމެ ދުވަަހަކު އާ ޕޮޒިޓިވް ކޭހެއް އެބަފެނޭ މި ޓީމުން. މިއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން. މިއީ ވަރަށް ބޮޑު އިންފެކްޝަނެއް. އަހަރެމެންނަށް މިކަން (ކޮވިޑްގެ މި ހާލަތު) ނިމޭނެ އިރެއް ނޭނގޭތީ ދެރައީ،: ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ޓޮޓެންހަމަށް ކުރިމަތިވެގެން މި އުޅޭ ކޮވިޑް-19ގެ ހާލަތަކީ ހަލުވި ކަމާ އެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓް ކަމަށް ބުނަން އުނދަގޫ ކަމަށެވެ.
ޓޮޓެންހަމްގެ މެޖޯރިޓީ ކުޅުންތެރިން ކޮވިޑް-19 ވެކްސިން ނުޖަހައި ހުރުމަކީ ކަންބޮޑުވުމެއްތޯ އެހުމުން ކޮންޓޭ ބުނީ މީގެ އަމިއްލަ ސިއްހަތާ މެދު ގޮތެއް ނިންމާނީ ކުޅުންތެރިން ވަރަށް ރަނގަޅަށް ވިސްނާފައި އަމިއްލަ އަށް ކަމަށެވެ.
ރެނެސްއާ ކުޅޭ މެޗަށް ފަހު ގާތްގާތުގައި އިނގިރޭސި ޕްރިިމިއާ ލީގުގެ ތިން މެޗެއް ޓޮޓެންހަމުން ކުޅޭނެ އެވެ. އެއީ ރަށުންބޭރުގައި ބްރައިޓަން އާއި ލެސްޓާ ސިޓީއާ ކުޅުމަށް ފަހު މި މަހު 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ބައްދަލުކުރާނެ އެވެ. އެކަމަކު، ޓޮޓެންހަމަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުގެ ކޮޅެއް މެދެއް ނޭނގި ދިގުލައިދާނަމަ ޕްރިމިއާ ލީގުން ޓޮޓެންހަމްގެ މެޗުތައް ފަސްކުރާނެ އެވެ.












