އަންހެނެއް އޭނާގެ ފިރިމީހާގެ ބަނޑަށް ވަޅި ހެރުމުގެ ސަބަބުން އެމީހާގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީގެން ފިރިހެނަކު މިދިޔަ ހޯމަ ދުވަހު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް ލިބިފައި ހުރި ޒަހަމްތަކުގެ މައުލޫމާތެއް ނުދެ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ބުނީ މާލޭގައި ދެ މީހެއްގެ ދެމެދުގައި ހަމަނުޖެހުން ހިންގައި ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓު މިދިޔަ ހޯމަ ދުވަހުގެ ރޭ ލިބުނު ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމަފިރިންގެ ދެމެދުގަ ހިނގި ހަމަނުޖެހުމުގައި އަނބިމީހާ, ފިރިމީހާގެ ބަނޑަށް ވަރަށް ފުންކޮށް ވަޅި ހަރާފައިވެ އެވެ.
އަންހެން މީހާއަކީ ނަފްސާނީ ބައްޔަށް ޑޮކްޓަރަށް ދައްކައި ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.













