އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކަށް ސަރުކާރުން ގެނައި ބަދަލާއެކު ޖުލައި މަހު ބޮޑު ޗުއްޓީއެއް ލިބޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަންނަ އަހަރުގެ ހައްޖު ދުވަހާއި ބޮޑު އީދާއެކު ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ. ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި, ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަސް ބަންދު ކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ޖުލައި މަހުގެ 26 އަދި 27 އަކީ ބަންދު ދުވަހެކެވެ. ރައީސް ވަނީ އެ ދެ ދުވަހާ ޖެހިގެން އަންނަ 28 ވަނަ ދުވަސް ބަންދު ކުރުމަށް ނިންމަވާފަ އެވެ. އެއީ ބުރާސްފަތި ދުވަހެކެވެ.
މިއާއެކު ޖުލައި މަހުގެ ހަފުތާ ބަންދު ދުވަސްތައް ހިމަނައިގެން ޖުމުލަ 18 ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ލިބެ އެވެ. އެހެންކަމުން މިއީ، މިހާތަނަށް އެއްމަހެއްގައި އެންމެ ގިނަ ސަރުކާރު ބަންދު ދުވަސް ލިބޭ އަހަރަށް ވެގެން ދާނެ އެވެ.
ޖުލައި މަހުގެ މި ބޮޑު ބަންދު ދިމާވަނީ ދިރާސީ އަހަރުގެ ވެސް ބޮޑު ބަންދާ އެވެ. އެގޮތުން, ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ޖޫން މަހުގެ 30 ވަނަ ދުވަހު ފެށޭއިރު އެ އަލުން ސްކޫލްތައް ހުޅުވޭނީ އޯގަަސްޓް މަހުގެ ހަތް ވަނަ ދުވަހު އެވެ.

ސަރުކާރުގެ މިނިންމެވުމުގެ ސަބަބުން ސްކޫލް ކުދީންގެ އަހަރީ ޗުއްޓީގައި އެކުދީންނާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ބެލެނިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެވެ. ދަރިވަރުންގެ އަހަރީ ޗުއްޓީ ޖުލައި މަހަށް ބަދަލުކުރެއްވުމަކީ ރިސޯޓު މުވައްޒަފުންނަށް އާއިލާއެކު ހޭދަކުރުމަށް ލިބޭ ފުރުސަތު އިތުރު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މި އަހަރުން ފެށިގެން ތައުލީމީ ނިޒާމަށް ގެނެސްފައިވާ ބަދަލެކެވެ.
ސަރުކާރުން މިއަދު ކުރެއްވި އިއުލާންގައި ވާގޮތުން އަންނަ އަހަރުގެ މޭ މަހުގެ ފަސްވަނަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައިވެ އެވެ. އެހެންކަމުން ފިތުރު އީދުގެ ޗުއްޓީއާ ދިމާކޮށް ނުވަ ދުވަހުގެ ބޮޑު ބަންދެއް ވެސް ލިބޭނެ އެވެ.
މެއި އެއްވަނަ ދުވަހަކީ މޭޑޭ ކަމުން ބަންދު ދުވަހެކެވެ. ފިތުރު އީދާ ގުޅިގެން މެއި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.












