އިސްލާމްދީނާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުގައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމަކީ، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު"ގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ ބައެއް ފަރާތްތަކުން އިސްލާމްދީނާ ހިލާފު އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދޭ ކަމަށެވެ.
"އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވޭ،" މިނިސްޓްރީން ބުންޏެވެ.

މިގޮތުން، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ހަރަކާތަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތުގެ މަތިން ހިންގާ ހަރަކާތަކަށް ވުމަކީ ލާޒިމުކަމެއް ކަމަށް މިނިސްޓްރީން އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ.
އަދި އެ ހަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ހަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއް ކަމަށް އިތުރަށް ބުނެފައި ވެއެވެ.
"އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނުނުތަކާއި ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އެޅޭނެ،" ހަޔާ އެޑިޔުކޭޝަނުން ބުންޏެވެ.
މިނިސްޓްރީން އެހެން ބުނެފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކްލިކް ކޮލެޖުން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދިންގެ ސްޕޯޓްސް ފެސްޓިވަލެއްގައި މާޝަލް އާޓްސް ދައްކާލުމެއްގައި ނަސާރާ ދީނުގެ ލަވައެއް ޖެހި މައްސަލަ، ސީރިއަަސް މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.












