ލަންޑަން (ޑިސެމްބަރު 7) - ޓޮޓެންހަމް ހޮޓްސްޕާސްގެ ޓީމު ކޭމްޕް ތެރޭގައި ކޮވިޑް-19ގެ ކޭސްތަކެއް ފެނި އެ ކްލަބް އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޔޫރޮޕާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހެދި ޕީސީއާރް ޓެސްޓްތަކުން ޓޮޓެންހަމްގެ ހަ ކުޅުންތެރިންނާއި ދެ ސްޓާފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، އެ ކްލަބްގެ މެނޭޖްމަންޓުން ވަނީ ޓީމުގެ ކުުޅުންތެރިންނާއި ސްޓާފުންގެ އިތުރު ޕީސީއާރް ޓެސްޓްތަކެއް ހަދައިފަ އެވެ. އެ ކްލަބުން މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެ ޓެސްޓްތަކުގެ ނަތީޖާ އަށެެވެ.
ޕޮޒިޓިވްވި ކުޅުންތެރިންގެ ނަންތައް ޓޮޓެންހަމުން އާންމުކޮށްފައިނުވި ނަމަވެސް އެ ކުޅުންތެރިންނަށް ކުރިއަށް އޮތް 10 ދުވަހު ޓީމުގެ އެއްވެސް ހަރަކާތްތަކެއްގައި ބައިވެރިނުވެވޭނެ އެވެ. މާނަ އަކީ ޓޮޓެންހަމްގެ ޝެޑިއުލްގައިވާ ކުރިއަށް އޮތް ތިން މެޗުގައި ކޮވިޑަށް ޕޮޒިިޓިވްވި ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. އެ ކުޅުންތެރިންނާއި ސްޓާފުން ޖެހޭނީ އަމިއްލަ އަށް ކަރަންޓީނަކަށް ދާށެވެ.
އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި މަޑުމަޑުން ފޯމަކަށް އެޅެމުން އަންނަ ޓޮޓެންހަމަށް ދެން އެންމެ އަވަހަށް ކުޅެން އޮތީ ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހު ރެނެސްއާ ކުޅޭ މެޗެވެ. އެ މެޗަށް ފަހު ގާތްގާތުގައި އިނގިރޭސި ޕްރިިމިއާ ލީގުގެ ތިން މެޗެއް ކުޅޭނެ އެވެ. އެއީ ރަށުންބޭރުގައި ބްރައިޓަން އާއި ލެސްޓާ ސިޓީއާ ކުޅުމަށް ފަހު މި މަހު 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ބައްދަލުކުރާނެ އެވެ.
ޓީމެއްގައި ކޮވިޑް-19ގެ ކޭސްތަކެއް ދިމާވެ، ކުޅުންތެރިންތަކަކަށް ނުކުޅެވިއްޖެ ހާލަތެއްގައި ޕްރިމިއާ ލީގުން އަމަލުކުރަމުން އަންނަނީ ޔުއެފާ ޕްރޮޓޮކޯލަށެވެ.
ޔުއެފާ އިން އަމަލުކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މަދުވެގެން 13 ކުޅުންތެރިން، ކީޕަރެއް ހިމެނޭ ގޮތަށް ކޮވިޑް-19 އަށް ޕޮޒިޓިވް ނުވެ، ޓީމެއްގައި ފިޓްކޮށް ހުރެފިނަމަ މެޗު ކުޅެން ޖެހޭނެ އެވެ. އެކަމަކު، ކޮވިޑް ކޭސްތައް ގިނަ ކްލަބެއްގައި ފުރަތަމަ ޓީމުގައި ރަޖިސްޓްރީކޮށްފައިވާ ކީޕަރެއް ނެތިއްޖެ ހާލަތެއްގައި ނޫނީ ފިޓްކޮށް ތިބި 13 ކުޅުންތެރިން ވެސް އެ ޓީމެއްގައި ހަމަނުވާނަމަ މެޗު ޖެހޭނީ ފަސްކުރާށެވެ.
ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރޭތީ ޕްރިމިއާ ލީގުގެ ކްލަބްތަކަށް ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން އަންގަމުންނެވެ.












