ޔާމީންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނެތް

ޔާމީން: އެމަނިކުފާނުގެ އަތުގައި ސައްހަ ޕާސްޕޯޓެއް ނެތް - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ޔާމީން: އެމަނިކުފާނުގެ އަތުގައި ސައްހަ ޕާސްޕޯޓެއް ނެތް - ފޮޓޯ: އާއިމް ޒަމީރު / އަދަދު

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ނަމުގައި ސައްހަ ޕާސްޕޯޓެއް މި ވަގުތު ނެތް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި ފައިސާއަށް ހިޔާނަތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިން އަދި ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފަ އެވެ. އެ މައްސަލާގައި ހަތް ދުވަހަށް ޔާމީން ރާއްޖޭން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ.

ފުއްގިރި މައްސަލާގައި ކޯޓުން އެ އަމުރު ނެރުނީ ގއ. ވޮޑުމުލާ މައްސަލާގައި ޔާމީންގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފައި އޮތް މަނީލޯންޑްރިންގެ ކުށުގެ ދައުވާއަކީ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ހުކުމެއް ނޫން ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާއެކު ޔާމީން މިނިވަންވުމުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފުއްގިރި މައްސަލައިގެ ތެރެއިން ފުލުހުން މިހާރު ވަނީ އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ޕާސްޕޯޓް ހިފަހައްޓަން އެދޭ ސަބަބު ބަޔާންކޮށްފަ އެވެ.

އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވި ގޮތުގައި, ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން އެދެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ)ގައި ބުނާ ކަންކަން ފުރިހަމަވާތީ އެވެ.

ވަކީލް ވިދާޅުވި ގޮތުގައި, ޔާމީންގެ މައްޗަށް އުފުލާފައިވާ ބޮޑު ދެ ދައުވާއަކާ ގުޅިގެން ވެސް އެކަށީގެންވާ ހެކިތައް ދައުލަތުގައި އެބަ ހުއްޓެވެ. އަދި ޔާމީނަކީ މިހާރު މިނިވަނަކަށްވާއިރު ރާއްޖޭން ބޭރަށް ފިއްލަވަން އުޅުއްވާ ކަމުގެ ހެކިތައް ވެސް ލިބިފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި, މިފަދަ މައްސަލަތަކުގައި އެކުގައި ކުށްކުރި މީހުން އަމަލުކޮށްފައިވާ ގޮތް ބަލަން ޖެހެ އެވެ. އެގޮތުން, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ތަހުގީގަށް ފިލަން މަސައްކަތް ކުރި މީހެއް ކަމާއި އެކަމުގައި އޭނާއާ ދެކޮޅަށް ދައުވާ ވެސް ކުރިކަން ފާހަގަ ކުރެއްވި އެވެ.

ޔާމީނަކީ ރާއްޖޭން ބޭރަށް ދިޔުމުގެ ވަސީލަތްތަކާއި އެ ކަނެކްޝަންތައް ވެސް ހުންނާނެ ބޭފުޅެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އެކަން ސާބިތުކުރުމަށް ޔާމީންގެ ބޭންކް އެކައުންޓް ސްޓޭޓްމެންޓްތައް ވެސް ހުށަހެޅި އެވެ.

ނަމަވެސް, ޔާމީންގެ ވަކީލް އަބްދުالله ޝިޔާޒު ވިދާޅުވީ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓާނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ޔާމީން ފިލަން މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނެތުމެވެ. ޔާމީން ރާއްޖޭން ބޭރަށް ފުރަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި, ކޯޓަށް ހާޒިރުނުވެ ފިލައިގެން ނޫޅުއްވާ ކަމަށް ވެސް ޝިޔާޒު ވިދާޅުވި އެވެ.

ޝިޔާޒު ދެން ފާހަގަ ކުރެއްވީ ޔާމީންގެ ސައްހަ ޕާސްޕޯޓެއް މިވަގުތު ނެތް ކަމެވެ. ދައުލަތުން އެދިފައިވަނީ ޔާމީންގެ ދެ ޕާސްޕޯޓެއް ހިފަހައްޓާށެވެ. ނަމަވެސް ޝިޔާޒު ވިދާޅުވި ގޮތުގައި ދައުލަތުން ހިފަހައްޓަން އެދުނު ފުރަތަމަ ޕާސްޕޯޓް ކަމަށްވާ އޯޑިނަރީ ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓްގެ މުއްދަތު ވެސް މިހާރު ހަމަވެފައިވެ އެވެ.

އޭނާ ވިދާޅުވީ ސައްހަ ޕާސްޕޯޓެއް ނެތި, ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނުނެރެވޭނެ ކަމާއި އަދި އެކަމުގެ ސަބަބުން އެއްވެސް ނަތީޖާއެއް ވެސް ނުނިކުންނާނެ ކަމަށެވެ. އޭނާ އެކަން ފާހަގަ ކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅޭ ގޮތުން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ހަވާލާދީ އެވެ. އެ ނިންމުމުގައިވާ ގޮތުން ދައުލަތުގެ ފަރާތުން ހިފަހައްޓަން އެދުނީ ކެންސަލްކޮށްފައިވާ ޕާސްޕޯޓެކެވެ. އެހެންވެ, އެ ޕާސްޕޯޓް ހިފަހައްޓައިގެން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ނެތުމުން އެ އަމުރު ނެރެނުދިނެވެ.

އެކަމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ, އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދައުލަތާ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން ޕާސްޕޯޓްތަކުގެ މުއްދަތު ހަމަވެފައިވާކަން ދައުލަތަށް އެނގޭތޯ އެއްސެވި އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މުއްދަތު ހަމަވެފައިވާކަން އެނގޭ ކަމަށާއި ނަމަވެސް, ޕާސްޕޯޓް ހިފަހައްޓަން އެދުނީ ޕާސްޕޯޓަކީ ކޮންމެ ވަގުތަކު ވެސް އާ ކުރަން ހުށަހެޅޭނެ އެއްޗަކަށްވާތީ ކަމަށެވެ.

ޔާމީންގެ އަމަލުތައް ދައުލަތުން މޮނީޓާކުރަމުން ނުދާ ކަމަށާއި އެހެންވެ, ޕާސްޕޯޓް އާ ކުރަން ހުށަހެޅިޔަސް އެކަން ދައުލަތުގެ ސަމާލުކަމަށް ނާންނާނެކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ. ވަކީލް ފާހަގަ ކުރެއްވި ގޮތުގައި މުއްދަތު ހަމަވެފައި އޮތް ނަމަވެސް ޕާސްޕޯޓް ހިފެހެއްޓިދާނެ އެވެ.

ގާޒީ ދެން ސުވާލު ކުރެއްވީ ޕާސްޕޯޓް އާ ކުރާ ކޮންމެ ފަހަރަކު, ޕާސްޕޯޓް ނަންބަރު އާ ވާނެތޯ އެވެ. ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ކޮންމެ ފަހަރަކު ޕާސްޕޯޓް އާ ކުރުމާއެކު ވެސް ޕާސްޕޯޓްގެ ނަންބަރު ބަދަލުވާނެ ކަމަށެވެ.

އަޑުއެހުމުގައި ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނު ކުރިން އަމަލު ކުރެއްވި ގޮތަށް ރިއާޔަތް ކުރެއްވުމަށެވެ. އެގޮތުން, މީގެކުރިން މިނިވަނެއްގެ ގޮތުގައި ހުރެ ވެސް ކުރިމިނަލް ކޯޓުގެ ހުރިހާ އަޑުއެހުމަކަށް ޗިޓްގައިވާ ގަޑިއަށް ހާޒިރުވިކަން ފާހަގަ ކުރައްވައި އެކަމަށް ރިއާޔަތްކޮށް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ގާޒީ މިހާރު ވަނީ އަމުރު ނެރުމާމެދު ގޮތެއް ނިންމުމަށް އަޑުއެހުން މަދުކަނޑާލައްވާފަ އެވެ. ކުޑައިރުކޮޅެއްގެ ތެރޭ ޕާސްޕޯޓް ހިފެއްޓުމާއެކު ގޮތެއް ނިންމަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox