ގާހިރާ، މިސްރު (ޑިސެމްބަރު 6) - ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދަން ޝައުގުވެރިވާ ކަމަށް ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ބުނެފި އެވެ.
އުމުރުން 29 އަހަރުގެ ސަލާހަކީ މި ފަަހަރު ބެލޮންޑިއޯ އެވޯޑް ހޯދާނެ ކަމަށް މީޑިއާގައި އަޑުފެތުރުނު ކުޅުންތެރިއެކެވެ. އެކަމަކު، ވޯޓަށް ފަހު ސަލާހު ދިޔައީ އެވޯޑް ނޮމިނޭޝަނުގެ ހަތް ވަނަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ބެލޮންޑިއޯ ލިސްޓުގައި ސަލާހު އޮންނަން ޖެހޭނީ ހަތް ވަނަ އަށް ވުރެ ކުރީގައި ކަމަށް ބުނެފަ އެވެ.
މި ފަަހަރު ބެލޮންޑިއޯ އެވޯޑް ހޯދި ލިއޮނަލް މެސީ ބުނީ ސަލާހާއި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އަށް މުސްތަގުބަލުގައި ބެލޮންޑިއޯ ހޯދޭނެ ފެންވަރު އެބަހުރި ކަމަށެވެ. ބެލޮންޑިއޯ އެވޯޑް ހަފްލާ އަށް ސަލާހަށް ނުދެވުނީ ކޮވިޑް-19 ފެތުރޭތީ ދާދި ފަހުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ސަލާހު މީގެ ކުރިން ބެލޮންޑިއޯ އެވޯޑާ ބެހޭގޮތުން ވާހަކަ ދައްކާފައިނުވި ނަމަވެސް އޭނާ ވަނީ މިސްރު ޓީވީ އަކަށް އިންޓަވިއުއެއް ދީފަ އެވެ.
"އެވޯޑް ދޭނީ ވޯޓާއި ދެން ހުރި ހުރިހާ ކަމެއް ބަލާފައި. އަހަންނަކަށް މީހުންގެ ވިސްނުމުގައި ހުރި ކަމެއް ބަދަލެއް ނުކުރެވޭނެ. އަހަރެންގެ ނަޒަރުގައި އަހަންނަކީ އެންމެ މޮޅު ކުޅުންތެރިޔާ، އެ މެންޓަލިޓީގައި އަހަރެން މަސައްކަތް ކުރަނީ،" މިސްރުގެ އެމްބީސީ މަސްރު ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުންޏެވެ.
"އަހަންނެއް ނުބުނާނަން ބެލޮންޑިއޯ އެވޯޑް ނޫނީ ފީފާ ބެސްޓް އެވޯޑް ހޯދަން ބޭނުމެއް ނެތޭ. އެ ދެ އެވޯޑަށް ވެސް ޝައުގުވެރިވޭ. އޭގެއިން އެއް އެވޯޑް ނަމަވެސް ހޯދަން ބޭނުން. އެކަމަކު، ނުލިބުނަސް އަހަރެން ކެރިއަރުގައި ހާސިލްކުރަން ބޭނުންވި ގިނަ ކަންކަން ކާމިޔާބުވެއްޖެ،"
ސަލާހު ލިވަޕޫލްގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ. ބާސެލޯނާގެ އާ ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންވާ ކުޅުންތެރިންގެ ޓްރާންސްފާ ލިސްޓުގައި ސަލާހު ހިމެނޭ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މުސްތަގުބަލާ ބެހޭގޮތުން ސަލާހު ބުނީ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް ކުރާނީ އޭނާގެ އޭޖެންޓް ރެމީ އައްބާސް އާއި ލިވަޕޫލުން ކަމަށެވެ. އަދި އޭނާގެ ވިސްނުން ހިއްސާކޮށްފައިވާނެ ކަމަށް ސަލާހު ވަނީ ބުނެފަ އެވެ.












