ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނަމުން އަންނަ، ސްޓެމް އެޑިޔުކޭޝަންގެ އެއްމެ މަގުބޫލު އެއް ޕްރޮގްރާމް ކަމަށްވާ "ރޮބޯތިންކް" އިއްޔެ މިވަނީ ދިވެހިރާއްޖެ އަށް އައިސްފަ އެވެ.
ރޮބޯތިންކްގެ ބާނީ ޑެނީ ޕާކް ވިދާޅުވީ މިއީ، ދިވެހިން މާސް އަށް ގެންދިއުމަށް އަމިއްލައަށް ރޮކެޓެއް އީޖާދުކުރާނެ ވިސްނުން ކުދިންގެ ސިކުޑިތަކަށް ގެނައުމުގެ ފެށުން ކަމަށެވެ.
"ދިވެހި ކުދިންގެ ތެރެއިން އެލަން މަސްކެއް (ސްޕޭސް އެކްސްގެ ބާނީ) އެއް އުފަން ވެގެން އަންނާނެ. ދިވެހި ކުދިންނަށް ވެސް ޖައްވަށް ދާނެ އުޅަނދެއް އަމިއްލަ އަށް އީޖާދު ނުކުރެވެންވީ ސަބަބެއް ނެތް. ކިތަންމެ މޮޅު ކުދިންނެއް މި ޕްރޮގްރާމުން އުފަންވާނެ،" "އަދަދަ"ށް ދެއްވި އިންޓަވިއުއެއްގައި ޑެނީ ވިދާޅުވި އެވެ.
ސްޓެމް އެޑިޔުކޭޝަން އަކީ ކޮބާ؟
ސްޓެމް، ނުވަތަ އެސްޓީއީއެމް އަކީ، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގް އަދި މެތަމެޓިކްސް އެވެ. މި ހަތަރު މާއްދާ ހިމެނޭ ތަފާތު ޕްރޮގްރާމްތައް ތައުލީމީ ނިޒާމުގެ ތެރޭގައި އެކި ގައުމުތަކުން ގެންގުޅެ އެވެެ. މީގެ އެންމެ ހާއްސަ ސިފަ އަކީ މި ހަތަރު މާއްދާ އެކުގައި އަމަލީ ގޮތުން ބޭނުން ކުރަން ދަސްކޮށް ދިނުމެވެ.
ރޮބޯތިންކް އަކީ ކޮބާ؟
"މިވީ ގޮތަކީ އަހަރެން ގަތް ކުޅޭ ރާވާ ރޮބަޓް ސެޓެއް އަމިއްލަ އަށް ރާވަން ނޭނގި އެހެން މީހެއްގެ އެހީތެރިކަން ހޯދަން ޖެހުނީ. އެ ތަޖުރިބާ ކުރަން ދިމާވުމުން ކުރަން ބޭނުންވި ކަމެއް ރޮބޯތިންކް އަކީ. ކޮންމެ ކަމަކަށް ވެސް ހައްލު ހޯދަން ކުދިންނަށް ދަސްކޮށްދިނުން ބޭނުމަކީ،" ރޮބޯތިންކް އުފަން ކުރުވި ޑެނީ ވިދާޅުވި އެވެ.
އެ ވިސްނުން ޑެނީ އަށް އައި ހިސާބުން ފަންނީ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލައި ހުށަހެޅީ، ކްރިޓިކަލްކޮށް ވިސްނައި މައްސަލަ ހައްލުކުރާނެ ގޮތް ހޯދައިގެން ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ރޭވޭނެ ރޮބޯޓިކް ކިޓެއް ޑިޒައިން ކޮށްދިނުމަށެވެ. ރޮބޯތިންކް އަކީ ކޯޑިން އާއި ރޮބޯޓިކްސް އަދި އިންޖިނިއަރިން މައިގަނޑު ގޮތެއްގައި ހިމަނައިގެން އެކުލަވާލާފައިވާ ސްޓެމް އެޑިޔުކޭޝަން ޕްރޮގްރާމެެކެވެ.
ދުނިޔޭގެ 18 ގައުމެއްގައި ހިންގާ 170 އަށްވުރެ ގިނަ ރޮބޯތިންކް ސެންޓަރުގައި 50،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު އުނގެނެމުން ގެންދެ އެވެ.

ރޮބޯތިންކް ސެންޓަރުގެ ކްލާސްރޫމެއްގައި ކުދިން އެއްޗެއް ރޭވުމުގެ މަސައްކަތުގައި. -- އަދަދު ފޮޓޯ އަހުމަދު ސައީދު
ކުދިން ކުޅެނީ، އެކަމަކު ދަސްވާ އެއްޗެހި މާގިނަ
ރާވާ ގޮތަށް ހުރި ކުޅޭ ސެޓްތައް މޭޒު މަތީގައި ވަށިގަނޑު ތަކުގައި ބަހައްޓާފައި ހުރިއިރު، އުމުރުން އަށެއްކަ އަހަރުގެ އެއް ކުއްޖަކު އިނީ ކުރެހުމެއް ބަލައިގެން ހަދަންވީ ގޮތް އެހެން ކުދިންނަށް ބުނެ ދޭށެވެ. ކުދިންގެ ސަމާލުކޮށް އެއްކޮށް ހުއްޓާލާފައި ހުރީ ސެޓްގެ އެކި ބައިތައް ނަގައިގެން ރާވާށެވެ. އެ ކުދިން އެ ރާވާ ރިމޯޓްކޮންޓްރޯލް ރޮބަޓް ޓެސްޓު ކޮށްލެވޭނީ ހުރިހާ ކުދިންމެ މަސައްކަތް ފުރިހަމަ ވެގެންނެވެ.
"ކުދިން މިތަނަށް އަންނާނީ ސްކޫލަށް ގޮސްފައި އޮންނަ ހުސް ގަޑީގައި، ކުލާހެއްގައި އަށް ކުދިން ދެ ޓީޗަރުން ތިބޭނެ، ޓީޗަރުން ހަމައެނި ވާނުވާ ބަލާނީ، ހުރިހާ ކަމެއް ދަސްކުރާނީ ކުދިން އަމިއްލަ އަށް،" ރާއްޖޭގެ ފުރަތަމަ ރޮބޯތިންކް ސެންޓަރު ހިންގާ ކުންފުނި ނެކްސް ޖެން އެޑިޔުކޭޝަންގެ މެނޭޖިން ޑިރެކްޓަރު، އަލްތާފް މުހައްމަދު ވިދާޅުވި އެވެ.
ރަމާނީ އަދި ފުރިމަކޮށް ޑިޒައިންކޮށް، މއ. ސެމީ ޑީލްގައި ހުޅުވާފައިވާ ރޮބޯތިންކް ސެންޓަރުގައި އަށް ކުދިންގެ ޖާގައިގެ ތިން ކްލާސް ރޫމާއި ކުދިން ތައްޔާރުކުރާ ތަކެތި ޓެސްޓުކޮށް ކުޅޭނެ ބަޔަކާއި އޮފީސް ބައެއް ހިމެ އެވެ. މި ސެންޓަރު އިއްޔެ ހުޅުވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖީހާން މަހްމޫދެވެ.
އުމުރުން ފަސް އަހަރާއި 15 ވަރަކަށް އަހަރާއި ދެމެދު ކުދިންނަށް ހާއްސަ ޕްރޮގަރާމްތައް ރޮބޯތިންކް އިން ހިންގާނެ އެވެ. ކިޔާވާ ދިނުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކޮށް ޓީޗަރުން ވެސް ވަނީ ތަމްރީނު ކޮށްފަ އެވެ. ކޮންމެ ދަރިވަރަކު ހަފުތާ އަކު ތިން ދުވަހު ދުވާލަކު ދޮޅު ގަޑިއިރު އެ ސެންޓަރުގައި އުނގެނޭނެ އެވެ. އެ ސެންޓަރުގައި ކުދިން ރަޖިސްޓްރީ ކުރުމުގެ ފުސަރު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ރޮބޯތިންކް ގެ ހިދުމަތް އިތުރަށް ފުޅާވާނެ؟
ރާއްޖޭގައި އިއްޔެ ހުޅުވީ ރޮބޯތިންކް ސެންޓަރަކީ ފްރެންޗައިޒް ވިޔަފާރި އެކެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްރަށުގަ އޭގެ ސެންޓަރުތައް ގާއިމު ކުރުމުގެ ވިސްނުން އެމީހުންގެ އެބަހުއްޓެވެ. ބައެއް ގައުމު ތަކުގައި ސަރުކާރުގެ ސްކޫލް ތަކާއި ގުޅިގެން ވެސް ރޮބޯތިންކް ސެންޓަރު ހިންގަ އެވެ.










