ޓިއުރިން (ޑިސެމްބަރު 4) - އިޓަލީގެ ކޮންސިއުމާ ރައިޓްސް ގްރޫޕް، ކޮޑަކޯންސް އިން ހުށަހަޅައިގެން ބަަލަމުން އަންނަ ޔުވެންޓަސްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން އެ ޓީމުން ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލި ޑީލްގެ ކަންކަން ވެސް ތަހުގީގުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުވެންޓަސްގެ މި މައްސަލައިގައި ބަލަމުން އަންނަނީ 2019 އިން 2021 އާ ހަމައަށް އެ ކްލަބުން ކުރި ޓްރާންސްފާތަކާއި ކްލަބަށް ލިބުނު ފައިދާގެ އިތުރުން ކުޅުންތެރިން ގަންނަން ދެއްކި އެޖެންޓް ފީތަކުގެ ފުރިހަމަ މައުލޫމާތު ކްލަބްގެ އެކައުންޓްސްގެ ލިޔެކިޔުންތަކުގައި ހިމަނާފައިނުވާތީ އެވެ. އަދި ކްލަބުން ނުހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ އިންވޮއިސްތަކެއް ހަދައި ލިޔެކިޔުންތައް އޮޅުވާލާފައި ހުރި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މީގެ ތިން އަހަރު ކުރިން، 2018 ވަނަ އަހަރު ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ އޭރު އޭނާ ކުޅެމުން އައި ރެއާލް މެޑްރިޑަށް 120 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. މި ސީޒަން ފެއްޓުމުގެ ކުރިން ޔުވެންޓަސް އިން އެންމެ ފުރަތަމަ ރޮނާލްޑޯ ވިއްކާލަން ކީ އަގަކީ 30 މިލިއަން ޑޮލަރެވެ. އެކަމަކު، ޔުނައިޓެޑުން ރޮނާލްޑޯ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ގަތީ 23 މިލިއަން ޑޮލަރަށެވެ. މީގެއިން އެންމެ ފުރަތަމަ ޔުވެންޓަސް އަށް ލިބެނީ 17 މިލިއަން ޑޮލަރެވެ. ބާކީ ހަ މިލިއަން ޑޮލަރު ދޭނީ މި ސީޒަން ނިމުމުންނެވެ.
ޔުވެންޓަސްގެ އޮފިޝަލަކު އިޓަލީގެ މީޑިއާ އަށް ބުނީ ޕްރޮސެކިއުޓަރުން ބަލަން ބޭނުންވަނީ ދުނިޔޭގެ މާކެޓްގައި ރޮނާލްޑޯ ފެންވަރުގެ އަގުބޮޑު ކުޅުންތެރިއަކު ޔުވެންޓަސް އިން އަގުހެޔޮކޮށް ދޫކޮށްލިއިރު، ފުރިހަމަ އަށް ލިޔެކިޔުންތަކުގެ ކަންކަން މެނޭޖް ކޮށްފައިވޭތޯ އެވެ. އަދި މީގެ ދެ ކްލަބްގެ މެދުގައި މުއާމަލާތް ކުރެވިފައި އޮތީ އޮންނަ އުސޫލުތަކާ އެއްގޮތަށް ހުރިހާ ލިޔެކިޔުންތައް ސައްހަކަމާ އެކު ބަދަލުކޮށްފައި ތޯ އެވެ.
އުމުރުން 36 އަަހަރުގެ ރޮނާލްޑޯ އަންނަނީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވި ފަހުން އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 17 މެޗުން ރޮނާލްޑޯ ވަނީ 12 ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި ޖެހި ގޯލުތަކާ އެކު ރޮނާލްޑޯ ވަނީ ފުޓްބޯޅަ ތާރީހުގައި ރަސްމީކޮށް އެންމެ ފުރަތަމަ 800 ގޯލު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެެވެ.
ރޮނާލްޑޯ ވަނީ ކެރިއަރުގައި 1097 މެޗުން 801 ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑަށް ދެ ފަހަރެއްގެ މަތިން ކުޅުނުއިރު އެ ޓީމަށް 130 ގޯލު ޖަހައިދިނެވެ. އެންމެ ފުރަތަމަ ކުޅުނު ސްޕޯޓިން ލިޒްބަން އަށް ފަސް ގޯލު ޖަހައިދިންއިރު، ރެއާލް މެޑްރިޑަށް 450 ގޯލާއި ޔުވެންޓަސް އަށް 101 ގޯލު ޖަހައިދިނެވެ. އަދި ޕޯޗުގަލް ގައުމީ ޓީމަށް 115 ގޯލު ޖެހި އެވެ.












