"ވަތަނާއި ދީން ހިމާޔަތްކުރާ ފިކުރު"؛ ޔާމީނާއެކު އިދިކޮޅުގެ މިސްރާބު ސާފު

ކުރީގެ ރައީސް ޔާމީން މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ކުރީގެ ރައީސް ޔާމީން މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޕީޕީއެމް/ޕީއެންސީ ކޯލިޝަނަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި، ވަތަނީ އަދި ދީނީ އުސޫލުތައް ހިމާޔަތްކުރަން ނުކުމެ އޮތް ހަމައެކަނި ޕާޓީކަމާމެދު ދެބަސްވާނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ފުޅާކުރަން އަމާޒު ހިފާފައިވާ މިސްރާބު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހާމަކޮށް ދެއްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރިކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކުން އެމަނިކުފާނު މިނިވަންވެވަޑައިގަތީ އެކަށީގެންވާ މިންވަރަށް އެ ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައެޅުމާ ގުޅިގެންނެވެ.

ފަސް އަހަރުގެ ޖަލު ހުކުމް އިއްވިތާ ދެ އަހަރާ ދެ ދުވަސް ފަހުން، ފުރަތަމަ ފަހަރަށް ޕާޓީގެ ޖަލްސާއެއްގައި ޔާމީން ބައިވެރިވެވަޑައިގެން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާއެކު އެމަނިކުފާނު ސަލާމަތްވުމަކީ، ރެއާ ދުވާލު ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ކުރި އިހުލާސްތެރި ހެޔޮ ދުއާގެ ނަތީޖާ އެވެ.

ކުރީގެ ރައީސް ޔާމީން މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ކުރީގެ ރައީސް ޔާމީން މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ކުރީގެ ރައީސް ޔާމީން މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: އާއިމް ޒަމީރު/ އަދަދު

މިގޮތުން، އެމަނިކުފާނު ތަހައްމަލު ކުރެއްވި ދަތި އުނދަގޫ ދުވަސްތަކުގައި އެތަކެއް ހާސް ރައްޔިތުން ކުރި ހެޔޮ ދުއާ އާއި ދެއްކި އިހުސާންތެރިކަމަށްޓަކައި ތަކުރާރުކޮށް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ހިތްވަރާއި ފޯރިއާއެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ޕާޓީގެ ސަޕޯޓަރުން ކުރެއްވި މަސައްކަތް ވެސް ޔާމީން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ކޯލިޝަނުން ނެރޭ ހިތްވަރަކީ އަދި ކުރާ މަސައްކަތަކީ ހައްގުގެ މަގުގައި އިސްލާމީ ރިވެތި އުސޫލުތަކާއި ގަބޫލުކުރުންތައް ދިފާއުކުރުމެވެ.

"މިއީ ބިނާކުރަނިވި ފިކުރު. މިއީ ދިވެހިންގެ އުސޫލުތައް ދަމަހައްޓާ ފިކުރު. މިއީ ވަތަނީ ފިކުރު. މިއީ ދީން ހިމާޔަތްކުރަން އޮންނަ ފިކުރު،" - ޔާމީން

މިގޮތުން، ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ ގަބޫލުކުރުންތައް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް/ޕީއެންސީ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި މިނިވަނަކަށްވެ، ޕާޓީގެ ހިތްވަރުގަދަ ސަޕޯޓަރުންނާއެކު އެ މަސައްކަތް އިތުރު ގިޔަރަކަށް ޖައްސަވާނެކަމުގެ ޔަގީންކަން ޔާމީން މިރޭ ދެއްވި އެވެ.

ސީދާ ވިދާޅުނުވި ނަމަވެސް، ޔާމީން އިޝާރާތްކުރެއްވީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބޭކަމަށް ތުހުމަތުކޮށް "އިންޑިއާ އައުޓް"ގެ އިތުރުން ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭން އުޅޭކަމަށް ބުނެ އިދިކޮޅުން މިފަހުން ކުރިއަށް ގެންދިޔަ ކެމްޕޭނު ތަކަށެވެ.

އެހެން ދައުވާތަކަށް ގޮންޖެއްސެވި

ގއ. ވޮޑުމުލާ ކުއްޔަށްދީގެން އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފް ކުންފުނި މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާވި މައްސަލައިން ސަލާމަތްވި ނަމަވެސް، އިތުރު ދެ ރަށެއްގެ މައްސަލާގައި މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

މީގެ އިތުރުން ވެސް އެ ހިޔާނާތާ ގުޅުންހުރި އިތުރު ތަހުގީގުތަކެއް ވެސް ދަނީ ކުރެވެމުންނެވެ.

މިހާރު އުފުލާފައިވާ ހުރި ދައުވާތަކަށް ވެސް ޔާމީން މިރޭ ވަނީ ނުސީދާކޮށް ރައްދު ދެއްވައިފަ އެވެ.

މިގޮތުން، އެމަނިކުފާނު ވިދާޅުވީ އަދުލުވެރި ޝަރީއަތެއް ހިންގައިގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަން ސާބިތު ނުކުރެވޭނެ ކަމަށެވެ.

"...ދައުލަތުގެ ފައިސާއިން ވައްކަންކޮށްގެން. ދައުލަތުގެ ފައިސާގަ ޖެހިގެން ހައްގު ޝަރީއަތެއް ކޮށްފިކަމަށް ވަންޏާ. އަދުލުވެރިކަމާއެކީ ކަމެއް ބަލައިފި ކަމަށް ވަންޏާ. މީގެ އަހަރުތަކެއް ހަމަ މި ޕޯޑިއަމްގަ ދެންނެވި ގޮތަށް، އަޅުގަނޑުގެ ގައިގަ އަތްލެވޭނެ ޖާގައެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ގާޒީންގެ އޯޑިއޯތަކުގެ މައްސަލަ

ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނެވި ތިން ފަނޑިޔާރުންކަމަށް ބުނާ އޯޑިއޯތަކެއް ލީކުވެފަ އެވެ.

އެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ޔާމީނަށް އިއްވި ހުކުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، އެ ހުކުމާ ގުޅިގެން އެކި ކަހަލަ ނުފޫޒުތައް އޮތް ކަމަށް ދޭހަވާ ފަދައިން ވާހަކަ ދައްކަވާފަ އެވެ.

އެއާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ އެ މައްސަލަައިގައި ތަހުގީގެއް ހިންގައި ފުލުހުން މެދުވެރިކޮށް އެ އޯޑިއޯތަކުގެ ތަހުލީލެއްވެސް ކޮށްފަ އެވެ.

އެއަށްފަހު ޖޭއެސްސީން ބުނީ އެ އޯޑިއޯތަކުގައި ހިމެނޭކަމަށް ބުނާ ތިން ގާޒީންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ، އެ އޯޑިއޯތަކުގައި ވާހަކަ ދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާކަން ފުލުހުންގެ ތަހުލީލުން ކަށަވަރު ވެފައިވާ ކަމަށެވެ.

ނަމަވެސް، އެ އޯޑިއޯތަކުގެ ތުހުމަތު ދެން ކުރެވޭ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާވާ ކަމަށް ފޮރިންސިކް ތަހުލީލުން ކަށަވަރުވެފައިވާތީ އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ޔާމީން މިރޭގެ ޖަލްސާގައި ވަނީ އެ އޯޑިއޯތަކާއެކު ފަނޑިޔާރުންގެ ސުލޫކާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދިފައިވާކަން ހާއްސަ ގޮތެއްގައި ފާހަގަކުރައްވައިފަ އެވެ.

އަދި އެކަމަށް ޖަވާބު ނުލިބި ލަސްވާ ކޮންމެ ދުވަހަކު ރައްޔިތުންގެ ހިތްތަކުގައި އަދުލު އިންސާފާމެދު އޮންނަ ޝައްކު ބޮޑުވަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގައުމުގައި އަދިވެސް ކޮރީ ކޮންކަމެއްތޯ އޭ އަހާލާއިރު ބުނަންއޮތީ، އަދުލުގެ ނިޒާމޭ އެންމެ ކޮރީ. ހުރިހާ ނުފޫޒުތަކުން އެއްކިބާވެފައިވާ އަދުލުގެ ނިޒާމެއް ނެތް ނަމަ މި ގައުމަށް ދުވަހަކު ވެސް ކުރިއެރުމެއް ނުލިބޭނެ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނަ މީހާ އަދުލު އިންސާފުގެ ތެރެއަށް އަތްބާނާ ކަމުގެ ޝަކުވާ ރައްޔިތުން ކުރި ނަމަވެސް، މަހުޖަނުންނާއެކު އެއްވެސް މީހަކަށް އެކަން ކުރެވިގެން ނުވާނެ ކަމަށެވެ.

ދެ އަހަރެއްހާ ދުވަސް ފަހުން ޖަގަހަ ޖަލްސާއަކާއެކު ޔާމީން މިރޭ ސިޔާސީ ހަރަކާތްތަކަށް ނުކުންނެވިއިރު، އިދިކޮޅުގެ ހާއްސަ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox