ލިވަޕޫލް (ޑިސެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން ދަނޑުގައި ކުޅޭ މެޗަށް ނުކުންނައިރު، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ލިބުނު ސީރިއަސް އަނިޔާތަކުގެ ހަނދާން އާ ކުރަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު އެވަޓަން ދަނޑުގައި 2-2 އިން އެއްވަރުވި މެޗުގައި ލިވަޕޫލްގެ ވެން ޑައިކްގެ ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވީ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ޓެކަލެއްގެ ސަބަބުންނެވެ. އެ އަނިޔާގެ ސަބަބުން ވެން ޑައިކަށް 10 މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، މިދިޔަ ޖޫން/ޖުލައިގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ނުކުޅެވުނެވެ. ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެން ޑައިކަށް ޕިކްފޯޑްގެ އެ ޓެކަލްގެ ސުވާލުތައް އަމާޒުވި ނަމަވެސް ވެން ޑައިކް ސީދާ ޖަވާބެއް ނުދެ އެވެ.

މިދިޔަ އަހަރު އެވަޓަން ދަނޑުގައި ކުޅުނު މެޗުގައި ޕިކްފޯޑް، ވެން ޑައިކަށް ޓެކަލް ކުރަނީ.
މިރޭ އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަކީ އަނިޔާ އަށް ފަހު ވެން ޑައިކް މެޗެއް ކުޅެން އެވަޓަންގެ ސްޓޭޑިއަމް، ގުޑިސަން ޕާކަށް ދާނެ ފުރަތަމަ ފަހަރެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ކްްލޮޕަށް އަމާޒުވި ސުވާލަކީ މި މެޗަށް ވެން ޑައިކް "މެންޓަލީ" ފިޓްތޯ އެވެ.
"އެ އިންޖަރީގެ ހަނދާން އާ ކުރަން އަހަރެން ބޭނުމެއް ނޫން. އެކަމަކު، އަހަރެމެން މިއީ އިންސާނުން ބައެއް ފަހަރު މި ކަހަލަ ކަންތައްތަކަކީ ހަނދާނުން ފޮހެލަން މަސައްކަތް ކުރިޔަސް ވަރަށް އުނދަގޫ ކަމެއް. އެއީ ފުޓްބޯޅައިގައި ހިނގައިގެންވާނެ ކަމެއް ނޫން. އެކަމަކު، އިންޖަރީ އަކީ ފުޓްބޯޅައިގެ ބައެއް،" ކްލޮޕް ބުންޏެވެ.
"ވާޖިލް (ވެން ޑައިކް) އެނބުރި އައިސް އެ ހުރީ ވަރަށް ފިޓްކޮށް، އަހަރެން ވަރަށް ހިތްހަމަޖެހޭ އޭނަގެ މަސައްކަތް ފެނިފައި. އެ ކަހަލަ އިންޖަރީ އަކަށް ފަހު އައިސް ކުރިން ހުރި ލެވަލަށް ޕާފޯމްކުރެވޭނީ މަދު ކުޅުންތެރިއަކަށް،"
އެވަޓަންގެ ކޯޗަކަށް މިހާރު ހުރީ ކުރިން ހުރީ ލިވަޕޫލަށް 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ރަފައެލް ބެނިޓޭޒް އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް އެވަޓަން އަށް މޮޅެއް ނުލިބެ އެވެ.
ބެނިޓޭޒް ދެކޭގޮތުގައި ލިވަޕޫލް މެޗަކީ އެވަޓަންގެ ހާލަތު އެއްކޮށް ބަދަލުކޮށް، އަލުން ފޯމަކަށް އެޅެން ބޭނުން ހިފިދާނެ މެޗެކެވެ.
"އަހަރެން ކުޅުންތެރިންނަށް ވިސްނައިދެނީ މިއީ ކޮންމެ ގޮތެއް ހަދާފައި ވެސް މޮޅުވާން ޖެހޭނެ މެޗެއްގެ ގޮތުގައި ދެކިގެން މެޗަށް ނުކުތުމަށް،" ބެނިޓޭޒް ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހު ލިވަޕޫލް ދަނޑުގައި 2-0 އިން މޮޅުވެ، އެވަޓަން އިން ވަނީ 20 މެޗަށް ފަހު ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން މޮޅެއް ހޯދައިފަ އެވެ.
އެވަޓަން އަށް މިރޭގެ މެޗަށް ނުކުންނައިރު، އޮތް ހިތްހަމަޖެހުމަކީ އެ ޓީމުގެ ފޯވާޑް ރިޗާލިސަން ސަސްޕެންޝަނަށް ފަހު އެނބުރި އައުމެވެ. އެކަމަކު، އަނިޔާގެ ސަބަބުން ޔެރީ މިނާ އާއި ޑޮމިނިކް ކަލްވެޓް-ލެވިން މިރޭގެ މެޗުގައި ނުކުޅޭނެ އެވެ. ލިވަޕޫލާއި އެވަޓަން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1:15 އެެވެ.












