އަނިޔާ އާއި ނިޔާ

އަނިޔާ އާއި ނިޔާ

ސޯޅަ ދުވަސް ވަންދެން އޮރެންޖު ރިބަން ޖަހަން މެމޯ އައިމާ، އެ ޖަހައިގެން އޮފީހަށް ދާ މީހުން އެބަދެ އެވެ. އޮރެންޖު ކުލައިގެ ޓައީ އާއި ބުރުގާ އާއި ގަމީސް މަގުމަތިން ނުފެންނަ ދުވަހެއް މަދެވެ. އިންފުލުއެންސަރުންނާއި ސޯޝަލް މީޑިއާގައި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ ސްޓޭޓަސްތަކާއި ހޭޝްޓެގްތަކާ ވާދަކުރެވޭ މިންވަރަކަށް ވެސް މި ދުވަސްވަރު ފެންނަ ހަމައެކަނި ވާހަކައަކީ، ބޭންކް އޮފް މޯލްޑިވްސްއަށް ފާޑުކިޔުމުގެ ވާހަކަ އެކަންޏެވެ.

މީގެ ދެތިން އަހަރު ކުރި އެވެ. އަދާކުރި ވަޒީފާގެ ބާވަތުން، ދުވާލަކު މަދުވެގެން އެއް ފަހަރު، މޫނުގައި ޗޯކު ހާކައި ނަލަވެގެން ގަދަކަމުން ހިނިތުންވަމުން ލައިވް ޓީވީއަށް އަރާ، ޤައުމާ ކުރިމަތިލާން ޖެހުނެވެ. އެ ފަދަ ދުވަހެކެވެ. 1400ގެ ޚަބަރު ކިޔަން މޭކަޕް ރޫމަށް ވަނީ، ވަރީގެ މައްސަލައިގެ އަޑުއެހުމެއް ނިންމާލުމަށްފަހު ކޯޓުން އައިގޮތަށް އައިސް މަޑުޖެހުމެއް ނެތިއޭ ދެންނެވުން އެއީ ދޮގަކަށް ނުވާނެ އެވެ. ސައިކަލުގައި އޮފީހަށް އައިއިރު، ނަގޫއަނބުރަމުން، މަރުގެ އިންޒާރުދެމުން، މަގޭ ފަހަތުން، މަގޭ އޭރުގެ ފިރިމީހާ އަދި ދެ ދަރިންގެ ބައްޕަ އަ އެވެ. މާނޭވާއެއް ލެވުނީ އޮފީހުގެ އެތެރެއަށް ސައިކަލު ވައްދާލެވުމުންނެވެ. އޭރު ލައިވް ޓީވީއަށް އަރަން އޮތީ ތިރީހަކަށް މިނެޓެވެ. އޮފީސް ކުއްޖެއްގެ އެހީއަށް އެދެން ޖެހުނީ ކަރުނަ ނުހިކުނީތީ އެވެ. ބިރުން ތުރުތުރު އަޅާތީ ލޮލުގައި އައިލައިނަރ ނޭޅުނީމަ އެވެ. ކަންދިމާކުރި ގޮތުން، އެ އެކުވެރިޔާއަކީވެސް، މި ފަދަ ތަޖުރިބާތަކެއް ކޮށްފައިހުރި އެކުވެރިއެކެވެ. އޭނާއަށް ވިސްނެ އެވެ. މޭކަޕް ކޮށްދޭންހުރެ، އެއްބަނޑު އެއްބަފާ ދައްތައެއްހާ ލޯބިން އޭނާ ދިން ނަޞޭޙަތަކީ، ހިތްވަރު އެލުވާ ނުލުމަށެވެ. އެ ދުވަސްވެސް އިސާހިތަކު މާޒީވެ ހިނގައިދާނޭ ކަމަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ފާގަތި މުސްތަޤުބަލެއްގެ އުއްމީދުކޮށް، މާތްﷲއަށް ވަކީލު ކުރުމަށެވެ. 1400ގައި މީހުންނަށް ފެނުނީ "ގެލެމަރަސް" މޭކަޕެއް ކޮށްފައި ހިނިތުންވެލައިގެން ހުރި އަންހެނެކެވެ. ފަރުދާގެ ފުރަގަހުގައި ހިނގި ހާދިސާ އެނގޭނީ ކިޔައިދިނީމާ ނޫން ހެއްޔެވެ؟

މިފަދަ އެތައް ބަޔަކު އަހަރެން ދެކެފީމެވެ. ތަފާތަކީ، އަހަރެން ފަދައިން، ޒާތީ މަޢުލޫމާތު ޢާންމު މަންސައެއްގައި ހާމަކުރަން ނުކެރޭކަމެވެ. ޚުދު އަހަރެން ގާތުވެސް ހާދަ ގިނަ ބަޔަކު ހާދަ ސުވާލެއް ކުރި އެވެ. ހާދަހާ ފާޑެއް ކިއެވެ. ތަޢުލީމީ، ފުދުންތެރި، އާމްދަނީ ލިބޭ ޒުވާން އަންހެނެއް، ގެވެށި އަނިޔާއަށް ކެތްކުރީ ކީއްވެގެން ހެއްޔެވެ؟ ކުރިން ރިޕޯޓު ނުކުރީ ކީއްވެގެން ހެއްޔެވެ؟ އަޅާނުލީ ކީއްވެގެން ހެއްޔެވެ؟ ތިއީ އަމިއްލައަށް ބުއި ބޮނޑިއެކެވެ. ޓީވީ އަށް އަރާ އަންހެނުންނަށް ކައިވެންޏެއް މަތީ ދެމިއެއް ނުތިބެވޭނެ އެވެ. ދަރިން އުކާފައި ފިރިމީހާ ކައިރިން ވަރިވެގެން ގޮސް މޫނުގަ ޗޯކު ޖަހައިގެން ނާޗަރަންގީ ކުޅެނީއެއް ނޫން ހެއްޔެވެ؟ ހައްތަހާވެސް ކުރިމަތިލާންޖެހުނު ފާޑުކިޔުމެވެ.

އާނއެކެވެ! ރިޕޯޓު ކުރީ ވާނެ ހައެއްޗެއް ވީ ފަހުންނެވެ. ރިޕޯޓު ކުރީމާ، ތުހުމަތު ކުރެވޭ ފަރާތް، ފުރަތަމަ ކުށުގެ ވެއްޓަށް އައި ފުލުސް އޮފިސަރުގެ ކުރިމަތީ އަމިއްލައަށް ވީ އިޢުތިރާފުވެސް އެއީ ބާރެއް ހުރި އެއްޗެއް ކަމުގައެއް ނުވި އެވެ. އަނިޔާއަށް ހެކިންގެ ގޮތުގައި ހުށަހަޅަން ބުނީ "ޢާއިލީ ގުޅުމެއް ނެތް"، މަސްލަޙަތު ނެތް މީހުންނެވެ. ގެވެށި މާހައުލެއްގައި އެ ދެމީހުންގެ މަސްލަހަތު ނެތް މީހުން އުޅޭނޭތޯ އެވެ؟ އެތައް މަސް ދުވަހަކަށް ދެމިގެންދިޔަ ކޯޓު މަރުޙަލާއެއްގައި ކޯޓުން ދޫކުރީ "ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ޢަމުރެކެވެ". އެ ޢަމުރު އޮވެ ވަރިވާން އެދުމުންވެސް ފޮނުވީ ސުލްޙަ ވުމަށް ކައުންސެލިންއަށެވެ. ތާކުންތާކު އެބަޖެހޭތޯ އެވެ. އެ ޢަމުރު އޮވެމެ، ކޯޓުން ވަރިކޮށްދިންއިރު، އަހަރެންގެ ޤާނޫނީ ވަކީލު ބަލިވެއިނދެ، ވިހައި، ވިހައި ގަދަވެގެން މަސައްކަތަށް ނިކުންނަން ނެގިހާ ދުވަސް ވެގެންދިޔަ އެވެ.

މިއީ އަހަރެންގެ ވާހަކަ އެވެ. މޮޅު ޤާނޫނީ ވަކީލެއްގެ އެހީ ލިބުނެވެ. ޢާއިލާ އާއި މަސައްކަތްކުރި އޮފީހުގެ އެއްބާރުލުން ލިބުނެވެ. ރައްޓެހިންގެ އެހީގެ ވިއުގައެއް ފަތުރާލާފައި އޮތެވެ. އެކަމަކުވެސް އަހަންނަށް ހީވީ، ކޮންމެވެސް އެއް ދިމާލަކުން އަހަރެންނާއި އަހަރެންގެ ދަރިންނަށް ލިބުނު އަނިޔާއަށް މަލާމާތް ކުރިހެންނެވެ. ދެން، މިއިން އެއްވެސް "ސަޕޯޓު ސިސްޓަމެއްގެ" ނަޞީބު ނެތް މީހާ އަށް އޮތީ ކޮން އުއްމީދެއް ބާވަ އެވެ؟

ޖިސްމާނީ އަނިޔާގެ ލަކުނުތައް، ފޮރެންސިކް ފުލުހުން ހެއްކަށް ފޮޓޯ ނަގަން އަންނަ އިރުވެސް ގިނަ ފަހަރަށް ހުންނަނީ ފިލާފަ އެވެ. ކޮންމެ އަނިޔާއަކީ ޖިސްމާނީ އަނިޔާއެއް ނޫނެވެ. އަހަރެންގެ ތަޖުރިބާގައި ލިބުނު އެންމެ ބޮޑު އަނިޔާއަކީ އަނގަބަހުން ދިން އަނިޔާ އެވެ. ނަފްސާނީ އަނިޔާ އެވެ. އަހަރެންގެ އެކުވެރިންނާ ދުރުކުރުވި ދުރުކުރުވުމެވެ. އަހަރެންގެ މިނިވަންކަމުގެ ފިޔަ މަޑުމަޑުން ކޮށަމުންގޮސް އަހަރެން ކޮށްޓަކަށްލީ ލުމެވެ. އަހަރެންގެ އަމިއްލަ ނަފުސަކީ އަހަރެން ނުދަންނަ މީހަކަށް ހަދާލި ހަދާލުމެވެ. އަހަރެންގެ އަމިއްލަ ނަފުސަށާއި އަހަރެންގެ ހެޔޮ ބުއްދިއަށް އޮތް އިތުބާރު ގެއްލުވާލި ގެއްލުވާލުމެވެ. އަހަރެންގެ މުޅި ދިރިއުޅުން އޭނާ ޢިމްލާކުރަން ފެށުމެވެ.

ރައްޓެހިން ހީކުރީ އަހަރެން ބޮޑާވީ ކަމަށެވެ. މައިންބަފައިން ހީކުރީ އަހަރެން އޭނާ ދެކެ ކަނު ލޯތްބެއް ވަނީ ކަމަށެވެ. ފަހުން ދަސްވީ، މެނިޕިއުލޭޝަނަކީ މިއީކަމެވެ. އެންމެ ފުރަތަމަ، އަހަރެންގެ ނަފްސު އަނބުރާ ހޯދުމަށް ފައިނެގުމުން ގިނަ ބަޔަކު އަހަންނަށް ހިތްވަރު ދިނެވެ. އަހަރެންގެ ކަރުނައިގެ އަޑު އަހާނޭ ލައްކަ ކަންފަތްވި އެވެ. އެހެން ނަމަވެސް އިސާހިތަކު، އޭގެ ތެރެއިން އެއްބަޔަކު އަހަރެންގެ އުދާސްތަކަށް އެއްގޯސްވި އެވެ. އަހަރެންގެ ޝަކުވާތަކަކީ ސްޓޭޖް ތަމްސީލުތަކެއްގެ ގޮތުގައި ސިފަކުރަން ފެށި އެވެ. "އޭނާގެ ޒަމާނުގައި" ދުރުވި ރައްޓެހިންނާއެކު ގުޅުން ބަދަހިކުރަން ކުރާ މަސައްކަތައް މަލާމާތް ރައްދުވާން ފެށި އެވެ. އަހަރެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް، އެ މިނިވަންކަމާއި، އެ އުފާވެރިކަން އަތުލުމަށް ކުރާ މަސައްކަތްތަކަށް ހަޖޫ ޖަހަން ފެށި އެވެ. އަހަރެންގެ ތަޖުރިބާ ކުޑައިމީސްކުރަން ފެށި އެވެ. މޮޅު ކަމަކީ، މިދުވަސްކޮޅު ރިބަން ޖަހައި އޮރެންޖު ކުލަ ލައިގެން ސްޓޭޓަސް އަޕްޑޭޓުކުރާ މީހުންގެ ތެރޭގައި، މަތީގައި މި ބުނި ފަދަ ކަންކަމުގައި ބައިވެރިވީ މީހުންވެސް ހިމެނޭކަމެވެ.

އަދިވެސް މީހަކު "އެގޮތަށް" އަހަރެންނަށް ގޮވާލައިފިއްޔާ ސިހެއެވެ. "އެފަދަ" ގޮތަކަށް ހުންނަ މީހެއް ފެނިއްޖިއްޔާ ގައިން ހީބިހިނަގައިގަނެ އެވެ. ފޯނުގެ ކޯލަރ އައި.ޑީ އަށް "އެނަން" އެރިޔަސް ޖެހިލުންވެ އެވެ. ދަރިން ބޮޑެތިވަމުންދާ ވަރަކަށް "އޭނާއާ ވައްތަރު ސިފަތަކާއި އަދާތައް" އެ ކުދިންގެ ކިބައިން ފެންނާތީ ހިތާހިތުން ޝަކުވާކުރެވެ އެވެ. މިއީވެސް ޓްރޯމާ އެވެ. އަދިވެސް ފާރު ނުހިކެނީތާ އެވެ.

އަނިޔާ ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން އިލްތިމާސްކުރަމެވެ. ކޮންމެ ހިނިތުންވުމެއްގެ ފުރަގަހުގައި ވެސް ސިއްރުތަކެއް ފޮރުވިފައިވާނެ އެވެ. އަނިޔާ ލިބޭ އަންހެނާ ނިޔާ ހޯދަން ނިކުތުމުން އޭނާ އެ ކުރި ހިތްވަރަށް، ތިމާގެ "ނަމަވުމުގެ" ހިޔަނި ނާޅާށެވެ. އޭނާއަށް އެކަމާ ކުރިމަތިލެވޭނީ އަމިއްލަ ނަފުސާ ހާދަ ހަނގުރާމައެއް ކޮށްގެންކަން ދަންނާށެވެ. ކަމާ ބެހޭ ފަރާތްތަކުން އޭނާގެ ނިޔާ ހޯދުމުގެ ދަތުރު އޮޅުންބޮޅުން ގަނޑަކަށް ނުހަދާށެވެ. އަނިޔާ ލިބޭ އަންހެނުންގެ ނާޒުކު ޙާލަތުގެ ފައިދާ ނަގާ ބަޔަކަށް ޔުނިފޯމު އެޅި މީހުން ނުވާށެވެ.

އިޖުތިމާޢީ ޒިންމާ އަދާކުރާށެވެ. އޭނާއޭ ކިޔައިގެން ވާހަކަ ނުފަތުރާށެވެ. އޭނާގެ ޢަބުރު ހިމާޔަތްކޮށްދޭށެވެ. ތިމާއަށް ނުވަތަ ތިމާ ލޯބިވާ މީހަކަށްވެސް އެފަދަ ކަމެއް ކުރިމަތިވެދާނެ އެވެ. އެ ހިނދު، އެ ފަދަ ތުހުމަތުތައް ކުރެވުމުން ތިމާގެ ހިތަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ އެފަދަ މީހުން އެނބުރި މުޖުތަމަޢަށް އަންނަން އެހީތެރިވެދޭށެވެ. ރައްޓެހިންނާއި ރަޙުމަތްތެރިން އޭނާ އެހީއަށް އެދޭ ދުވަހު އެހީތެރިވާށެވެ. އޭނާ ތިމާއާ ދުރުވީ އޭނާގެ ބާރުން ނޫންކަން ހަނދާންކުރާށެވެ.

އަނިޔާ ލިބޭ މީހުންނަށް ބުނަމެވެ. ހިތްވަރު ކުރާށެވެ. އަނިޔާއިން ސަލާމަތްވާނޭ ހިތްވަރު މިއަދު ނެތަސް، އެ ހިތްވަރު ލިބޭނޭ ދުވަހެއް އަންނާނެ އެވެ. އެ ދުވަހަކުންވެސް އެތައް ގޮންޖެހުމެއް ކުރިމަތިވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް، އެހީއަށް އެދެން ކެރިއްޖެ ނަމަ، އެހީވެދޭނޭ އަތްތައް ބައިވަރެވެ. އަނިޔާ ލިބުމަކީ ތިމާގެ މައްސަލައެއް ނޫނެވެ. އެއީ ތިމާގެ ގަމާރުކަމެއް ނޫނެވެ. ތިމާގެ މޮޔަކަމެއް ނޫނެވެ. ނަފްސާނީ ދާއިރާއިން ޕީ.އެޗް.ޑީ ނަގާފައި ހުރި މީހަކަށްވެސް އަނިޔާ ލިބިދާނެ އެވެ. އަދި އެ އަނިޔާއިން ސަލާމަތްވާނޭ ގޮތް ނޭނގި ގޮތް ހުސްވެފައި ހުރެދާނެ އެވެ. ހަނދާން ކުރާށެވެ. އެހީއަށް އެދެން ލަދު ނުގަންނާށެވެ. އަނިޔާވެރިޔާ ދައްކާ ވާހަކަ އަޑުނާހާށެވެ. އެއީ ދޮގެކެވެ. އެހީވާނޭ އެތައް ބަޔަކު ތިބޭނެ އެވެ. ކޮންމެ މީހަކަށްވެސް މުސްތަޤުބަލު ފަހިކުރެވިދާނެ އެވެ. ހިތްވަރު އެލުވާނުލާށެވެ. އެހީއަށް އެދޭށެވެ. އަހަރެމެންނަށް ތިބާގެ ހާލު ފަހުމުކުރެވެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox