ޕެރިސް (ނޮވެމްބަރު 30) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަމަޒަކީ ލިއޮނަލް މެސީ އަށް ވުރެ ގިނަ ބެލޮންޑޯއާ އެކު ފުޓްބޯޅަ އިން ރިޓަޔާކުރުން ކަމަށް ބުނި ފްރާންސްގެ ފުޓްބޯލްގެ އެޑިޓަރަށް ރޮނާލްޑޯ ރައްދު ދީފި އެވެ.
ފްރާންސް ފުޓްބޯލް އިން ކޮންމެ އަހަރު ދޭ ބެލޮންޑޯ އެވޯޑްގެ 2021 ވަނަ އަހަރުގެ އެވޯޑްގެ ކުރިން "ނިއު ޔޯކް ޓައިމްސް"އާ ވާހަކަދައްކަމުން ފްރާންސް ފުޓްބޯލްގެ އެޑިޓަރު ޕަސްކޯލް ފެރާ ބުނީ ރޮނާލްޑޯ ބޭނުންވަނީ މެސީ އަށްވުރެ ގިނަ ބެލޮންޑޯ އެވޯޑާއެކު ރިޓަޔާކުރަން ކަމަށެވެ. އަދި މިއީ އޭނާ ގާތު ރޮނާލްޑޯ ބުނެފައިވާ ވާހަަކައެއް ކަމަށެވެ.
އެކަމަކު، މި ވާހަކަތަކަށް ރައްދު ދެމުން، އޭނާ ވަނީ ޕަސްކޯލްގެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރޭ އޮތް 2021 ވަނަ އަހަރުގެ ފީފާ ބެލޮންޑޯގެ ހަފުލާ އަށް އެނާ އަށް ހާޒިރުނުވެވުނީ ކަރަންޓީނު ގަވައިދުތަކާ ހެދި ކަމަށާއި އެކަމަކު ޕަސްކޯލް މަސައްކަތްކުރީ އޭނާގެ އަގު ވައްޓާލަން ކަމަށެވެ.
"ޕަސްކޯލް ފެރާ ވަނީ ދޮގު ހަދައި، އަހަރެންގެ ނަން ބޭނުންކޮށްގެން އޭނާގެ އަމިއްލަ ޕްރޮމޯޝަނަށް މަސައްކަތްކޮށްފައި. ފްރާންސް ފުޓްބޯލް އާއި ބެލޮންޑޯ އަށް އިހުތިރާމްކުރާ މީހަކާ ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކައި، އިހުތިރާމް ކުޑަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވެ އެވެ.
ރޮނާލްޑޯ ވަނީ ބެލޮންޑޯ އެވޯޑް ފަސް ފަހަރު ހޯދައިފަ އެވެ. އެކަމަކު މި އަހަރު ބެލޮންޑޯގައި އޭނާ އަށް ލިބުނީ ހަ ވަނަ އެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ބެލޮންޑިއޯގެ ފަދަ 10 ގެ ތެރެއިން ރޮނާލްޑޯ އަށް ފުރުސަތު ނުލިބިދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ރޮނާލްޑޯ ބުނީ އޭނާގެ އަމާޒަކީ ވީހާ ވެސް ގިނަ ކާމިޔާބެއް ހޯދުން ކަމަށެވެ. އަދި ޕްރޮފެޝަނަލް ކަމާ އެކު، އޭނާ މަސައްކަތް ކުރަނީ އެހެން ކުޅުންތެރިންނަށް މިސާލަކަށް ވުމަށް ކަމަށެވެ. -- ބީބީސީ












