ޕެރިސް (ނޮވެމްބަރު 30) - މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ލިބެން ޖެހޭނީ ބަޔާން މިއުނިކްގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ކަމަށް މި ފަހަރު އެ އެވޯޑް ހާސިލްކުރި ޕީއެސްޖީގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
ރެކޯޑް ހަތް ވަނަ ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކުުރުމަށް ފަހު ޕޯޑިއަމްގައި ހުރެ ވާހަކަ ދައްކަމުން މެސީ ބުނީ ބެލޮންޑިއޯ އެވޯޑް އިންތިޒާމްކުރާ ފްރާންސް ފުޓްބޯލްގެ ފަރާތުން މިދިޔަ އަހަރު، 2020 ގެ ބެލޮންޑިއޯ އެވޯޑް ލެވަންޑޯސްކީ އަށް ދޭން ޖެހޭ ކަމަށެވެ.
"މިދިޔަ އަހަރު ދެއްކި ކުޅުމަށް ބަލާއިރު ލެވަންޑޯސްކީ އަށް ބެލޮންޑިއޯ އެވޯޑެއް ހައްގު، އޭނާ އަށް ބެލޮންޑިއޯ ޓްރޮފީއެއް ދޭންޖެހޭ. އަހަރެން އެދެން ފްރާންސް ފުޓްބޯލް އިން އެކަން ކުރެވޭނަމަ އެ ގޮތަށް ކުރިއަށްދާން،" މެސީ ބުންޏެވެ.
ފްރާންސް ފުޓްބޯލް އިން މިދިޔަ އަަހަރު ބެލޮންޑިއޯ އެވޯޑް ނުބޭއްވީ ކޮވިޑް-19ގެ ސަަބަބުން އައި އިގްތިސާދީ ދަތިކަމުގެ ސަބަބުން ބެލޮންޑިއޯ އެވޯޑްގެ ސްޕޮންސަރުން މަދުވުމުންނެވެ. އަދި ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅަ ކަލަންޑަރަށް ވެސް ބަދަލުތަކެއް ގެންނަން ޖެހި މެޗު ނުކުޅެ ގިނަ ދުވަސްތަކެއް ހޭދަވުން އެއީ ވެސް އެވޯޑް ނުބާއްވަން ސްޕޮންސަރުންނަށް ފެނުނު ސަބަބެއް ކަމަށް ފްރާންސް ފުޓްބޯލް އިން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ފީފާ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހޯދި ލެވަންޑޯސްކީ އަށް ރޭ ބެލޮންޑިއޯ އެވޯޑްސް އިން ލިބުނީ އެންމެ މޮޅު ފޯވާޑްގެ ޓްރޮފީ އެވެ.
ލެވަންޑޯސްކީ ބުނީ ބެލޮންޑިއޯ ހޯދި މެސީ އަށް މަރުހަބާ ކިޔާ ކަމަށާއި އޭނާ އަށް ވޯޓު ދިން ނޫސްވެރިން އަދި އެކުގައި ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ. ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކެއް ގަބޫލުކުރާގޮތުގައި މި ފަހަރުގެ ބެލޮންޑިއޯ އެވޯޑް ވެސް ލިބެން ޖެހޭނީ ލެވަންޑޯސްކީ އަށެވެ. މެސީ ލެވަންޑޯސްކީ ބަލިކުރީ 33 ޕޮއިންޓުގެ ފަރަގަކުންނެވެ. މެސީ އަށް 613 ވޯޓު ލިބުނުއިރު، ލެވަންޑޯސްކީ އަށް ލިބުނީ 580 ވޯޓެވެ.
މެސީ ބުނީ މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު ބެލޮންޑިއޯ ލިބުމުން ހީކުރީ އެއީ އެ އެވޯޑްގައި އަތްލެވޭނެ ފަހު ފަހަރު ކަމަށެވެ. އެހެން ނަަމަވެސް މިދިޔަ ސީޒަނުގައި ބާސެލޯނާގައި ހޭދަކުރަން ޖެހުނު އުނދަގޫ ކަންްތައްތަކަށް ފަހު ވެސް މިދިޔަ ޖޫން/ ޖުލައި މަހު އާޖެންޓީނާ އަށް ކޮޕަ އެމެރިކާ ހޯދައިދެވުމުން ބެލޮންޑިއޯ އެވޯޑަށް އުއްމީދު ކުރެވުނު ކަމަށް މެސީ ބުންޏެވެ.
މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވެ، އެ ޓީމުގައި ހުރެ މަޑުމަޑުން ކުޅުން ރަނގަޅު ކުރަމުން އަންނަ މެސީ ބުނީ ބެލޮންޑިއޯ އެވޯޑް ލިބުމަކީ އިތުރަށް ކުރިއަށްދާން ރަނގަޅު މޯޓިވޭޝަނެއް ކަމަށެވެ.












